ބެޑްމިންޓަން: ސެމީ ފައިނަލުގައި ވަރުގަދަ ކުރިމަތިލުންތަކެއް

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސެމީ ފައިނަލުގެ ޖާގަތަށް ކަށަވަރުވިއިރު، އެ ބުރުގައި ވާދަވެރި މެޗުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


މިއަދު ކުޅޭ މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޒަޔާން ޒަކީ ވާދަކުރާނީ އޭނާއާ އެކު ރިވައިވަލް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އަހުމަދު ތޯއިފް މުހައްމަދުއާ އެވެ. އަދި ދެ ވަނަ ސެމީ ފައިނަލުގައި ނިބާލް އަހުމަދު ބައްދަލުކުރާނީ މުހައްމަދު އާކިފްއާ އެވެ. އަންހެން ސިންގަލްސްގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ކުޅޭނީ އައިމިނަތު ޝަހުރުނާޒް މޫސާއާ ދެކޮޅަށެވެ. އަދި ނީލާ ނަޖީބު ބައްދަލުކުރާނީ މި ބައިން އެއް ވަނަ އަށް ސީޑްކޮށްފައިވާ އައިމިނަތު ނަބީހާއާ އެވެ.

ފިރިހެން ސިންގަލްސް ސެމީ ފައިނަލުން ޒަޔާން ފުރުސަތު ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އަހުމަދު ހާދިދު އަތުން ފަސޭހަކަމާ އެކު 21-10، 21-10 އިން މޮޅުވެގެންނެވެ. ތޯއިފް ވަނީ ކުއާޓާ ފައިނަލުގައި ހަޒްމާ އަބްދުލް ރަހުމާން އަތުން 21-05، 21-08 އިން މޮޅުވެފަ އެވެ. ކުއާޓާގައި ނިބާލް މޮޅުވީ މުހައްމަދު ރަފަހާ ވާދަކޮށް 21-14، 21-08 އިންނެވެ. އަދި އާކިފް ވަނީ ކުއާޓާގައި ދުގާނާ ރަލަލާގޭ އަތުން 21-05، 21-15 އިން މޮޅުވެފަ އެވެ.

އަންހެން ސިންގަލްސް ބައިގެ ކުއާޓާ ފައިނަލުގައި ނަބީހާ ވަނީ މައިސާ ފަތުހު އަތުން 21-13، 21-14 އިން މޮޅުވެފަ އެވެ. ކުއާޓާގައި ނީލާ މޮޅުވީ މާޝާ ރަޝީދާ ވާދަކޮށް 21-09، 21-19 އިންނެވެ. ޝަހުރުނާޒް ކުޅުނު މެޗުން ވަނީ އައިޝަތު އަލީޝާ އަތުން 21-03، 21-08 އިން މޮޅުވެފަ އެވެ. ކުއާޓާގައި ނަބާހާ އަށް މެޗު ލިބުނީ ހައްވާ ޒައިނާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވޯކްއޯވާ ވުމުންނެވެ.

ގައުމީ މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓުގައި ޒަޔާން (ވ) އާއި ތޯއިފް (ކ)ގެ ޕެއާ މެޗެއްގެ ތެރެއިން: ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ވެސް މި ޕެއާ ވާދަކުރޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގައި މިއަދު ފިރިހެން ޑަބަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ސެމީ ފައިނަލް މެޗުތައް ވެސް ކުޅޭނެ އެވެ. ފިރިހެން ޑަބަލްސްގެ ފުރަތަމަ ސެމީގައި ޒަޔާން އާއި ތޯއިފްގެ ޕެއާ ބައްދަލުކުރާނީ އައްފާން އަލީ އާއި އިބްރާހިމް ރާޝިހުގެ ޕެއާއާ އެވެ. އަދި ދެ ވަނަ ސެމީގައި ރިޝްވާން ޝިޔާމް އާއި އަހުމަދު ވަސީމްގެ ޕެއާ ނުކުންނާނީ ހަސަން އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސްގެ ފުރަތަމަ ސެމީގައި ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅޭނީ އައިޝަތު ލިމްޔާ އާއި ފާތިމަތު ނިޝްފާގެ ޕެއާއާ އެވެ. އަދި އަނެއް ސެމީގައި އައިމިނަތު ނަސީމާ އާއި ރާބިޔާ ނައިމްގެ ޕެއާ ބައްދަލުކުރާނީ އައިމިނަތު އަހުމަދު ދީދީ އާއި މާޝާގެ ޕެއާ އެވެ. މިކްސް ޑަބަލްސް ބައިގައި ގައުމީ ޗެމްޕިއަން ޒަޔާން އާއި ނަބާހާގެ ޕެއާ ފުރަތަމަ ސެމީގައި ކުޅޭނީ ރިޝްވާން އާއި ޝަހުރުނާޒްގެ ޕެއާއާ ދެކޮޅަށެވެ. އަދި މި ބައިގެ އަނެއް ސެމީގައި އަލީ މުއާޒް އާއި ނަސީމާގެ ޕެއާ ކުޅޭނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނޭ ނިބާލް އާއި މައިސާގެ ޕެއާއާ ދެކޮޅަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕް އަކީ މި ނަމުގައި އަލަށް ފެށި މުބާރާތެކެވެ. މީގެ ކުރިން އެސޯސިއޭޝަން ކަޕްގެ ނަމުގައި ވެސް މުބާރާތެއް ބޭއްވި އެވެ. ބެޑްމިންޓަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ހަމައެކަނި ކުރިއަށްދަނީ އޯޕަން ޑްރޯގެ މެޗުތަކެވެ.