ބެޑްމިންޓަން: ސިންގަލްސް ތަށި ޒަޔާނާއި ނަބާހާ އަށް

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ތަށި ޒަޔާން ޒަކީ އަދި އަންހެން ބައިގެ ތަށި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ހޯދައިފި އެވެ.


ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ޗެމްޕިއަންކަން ހޯދި ނަބާހާ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި އުފުލާލައިފަ އެވެ.

އިއްޔެ ހަވީރު ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދުގެ މައްޗަށް ޒަޔާން 2-1 ސެޓުން ކުރި ހޯދީ ފަހަތުން އަރަ އެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ޒަޔާނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، ނިބާލް ވަނީ އޭގެ އެޑްވާންޓޭޖް ނަަގައި 16-21 އިން މި ސެޓު ގެންގޮސްފަ އެވެ. ޒަޔާން ވަނީ ދެ ވަނަ ސެޓުން ފަށައިގެން މެޗުގެ ކޮންޓްރޯލް ހޯދައި ނިބާލަށް މާ ބޮޑު ފުރުސަތެއް ނުދީ މެޗު ކާމިޔާބުކޮށްފަ އެވެ. ޒަޔާން ފަހު ދެ ސެޓު ގެންދިޔައީ 21-13، 21-10 އިންނެވެ.

އަންހެން ސިންގަލްސް ބައިގައި ނަބާހާ މޮޅުވީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބު އަތުން މޮޅުވެގެންނެވެ. ނަބާހާ މޮޅުވީ 21-14، 21-14 އިންނެވެ. އަންހެން ޑަބަލްސް ބައިގައި ނަބާހާ އާއި އޭނާގެ އެއްމާބަނޑު ކޮއްކޮ ނަބީހާގެ ޕެއާ އިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގައުމީ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ނަބާހާ އާއި ނަބީހާގެ ޕެއާ މޮޅުވީ ފައިނަލުގައި މާޝާ ރަޝީދާއި އައިމިނަތު އަލީގެ ޕެއާ ބަލިކުރުމަށް ފަހު އެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ނަބާހާ އާއި ޒަޔާން ތަށި ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދާދި ފަހުން ޕާކިސްތާނުގައި އޮތް މުބާރާތުގެ މިކްސް ޑަބަލްސް ބައިން ތާރީހީ ރަން މެޑަލް ހޯދި ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ މި ފަހަރުގެ މުބާރާތުގެ އެ އިވެންޓް ކާމިޔާބުކޮށްފަ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ފައިނަލުގައި މޮޅުވީ ނިބާލާއި މައިސާ ފަތުހުﷲގެ ޕެއާ އަތުންނެވެ.

ތިން އިވެންޓުން ރަން މެޑަލް ހޯދަން ކުރި މަސައްކަތް ޒަޔާނަށް ކާމިޔާބުނުވީ ފިރިހެން ޑަބަލްސް ބައިގެ ފައިނަލުން ބަލިވުމުންނެވެ. ފިރިހެން ޑަބަލްސް ބައިގައި ޒަޔާން އާއި އަހުމަދު ތޯއިފްގެ ޕެއާ ބަލިވީ ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާ އަތުންނެވެ.

ޒަޔާން ބުނީ ސިންގަލްސް އާއި މިކްސް ޑަބަލްސްގައި ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށާއި އެކަމަކު ޑަބަލްސްގައި އެންމެ ރަނގަޅަށް ނުކުޅެވޭކަމަށެވެ. އެކަމަކު އުއްމީދަކީ އަންނަ އަހަރު އެކަން ހާސިލްކުރުން ކަމަށް ޒަޔާން ބުންޏެވެ.

ގައުމީ ޗެމްޕިއަންކަން މި އަހަރު ނުވަ ވަނަ ފަހަރަށް ހޯދި މުހައްމަދު އަޖުފާން އަނިޔާގެ ސަބަބުން މި ފަހަރުގެ ބީއޭއެމް ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ނުކުޅެ އެވެ. އޭނާ ކޮނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުނުވާތީ މި މުބާރާތް ނުކުުޅުނީ އަންނަ މަހު ކުރީކޮޅުގައި ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށް ފިޓްވުމުގެ ގޮތުން ކަމަށް ވަނީ ބުނެފަ އެވެ.