ސައުތު އޭޝިއަން ގޭމްސް: ރާއްޖޭގެ އަންހެން ކްރިކެޓަށް ފެށުމެއް

އަންނަ މަހުގެ އެއް ވަނަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ ކްރިކެޓަށް ތާރީހީ މުބާރާތަކަށް ވާނެ އެވެ. ފުރަތަމަ ފަހަރަށް އެކުލަވައިލި ގައުމީ އަންހެން ކްރިކެޓް ޓީމުން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރަނީ އެވެ. ކްރިކެޓް ބޯޑުން ވަނީ މި ޓީމަށް ކޯޗުކޮށްދޭން ސްރީ ލަންކާ އިން އަންހެން ކޯޗެއް ވެސް ހަމަޖައްސައިފަ އެވެ.


"ވަރަށް ތާރީހީ ކަމެއް މިއީ،" ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ވިދާޅުވި އެވެ. "މީގެ ތިން އަހަރު ކުރިން އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން މުބާރާތެއް ފަށައި ކުރި މަސައްކަތުގެ ނަތީޖާ މިއީ."

މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝަކީ ކްރިކެޓުގައި ދުނިޔޭގެ ފެންވަރުގެ ގައުމުތަކެވެ. އެހެންވެ ރާއްޖޭން ބޭރުގައި ކުރާ ފުރަތަމަ ތަޖުރިބާގައި ވެސް އެ ފެންވަރުގެ ޓީމުތަކާ ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ފަށައިގަންނައިރު އަންހެން ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއް ކަމަށް ކްރިކެޓް ބޯޑުން ގަބޫލުކުރެ އެވެ.

"ވަރަށް، ވަރަށް ރަނގަޅު އެކްސްޕޯޝާއަކާ ތަޖުރިބާއަކަށް ވާނެ،" އަފޫ ވިދާޅުވި އެވެ.

މި ޓީމުގެ ކޯޗަކަށް ހަމަޖެއްސި ޕަދްމާ ކަރުނަރަތުނޭ އަކީ ލަންކާ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ކޯޗިން ކެރިއަރުގައި އޭނާ ވަނީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކޮލަމްބޯ ކްރިކެޓް ކްލަބުގެ އަންހެން ޓީމަށް ކޯޗުކޮށްދީފަ އެވެ. އޮސްޓްރޭލިއާ އިން ލެވެލް ތިނެއްގެ ކޯޗިން ލައިސަންސް ނަގާފައިވާ ކަރުނަރަތުނޭ ރާއްޖޭގެ ޓީމާ ހަވާލުވީ ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެކަމަކު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ރާއްޖޭގައި ރަމްޒީ ގޮތެއްގައި އަންހެނުން މީގެ 50 އަހަރު ކުރިން ވެސް ކްރިކެޓް ކުޅުނެވެ. އެކަމަކު ރަސްމީ ސިފައެއްގައި އަންހެން ކުދިންނަށް އެ ފުރުސަތު ލިބެން ފެށީ ކްރިކެޓް ބޯޑުން ފެށި ވައިޑީޕީ ޕްރޮގްރާމުގެ ތެރެއިންނެވެ. އަދި ގައުމީ ފެންވަރުގައި އެ ފުރުސަތު އަންހެން ކުޅުންތެރިންނަށް ލިބެން ފެށީ މީގެ ތިން އަހަރު ކުރިން ފެށި ގައުމީ މުބާރާތުންނެވެ.

ކްރިކެޓް ބޯޑުން ފަހަކަށް އައިސް އަންނަނީ އެ ކުޅިވަރުގައި އަންހެނުން ވީހާ ވެސް ބޮޑަކަށް ހަރަކާތްތެރިވުމަށް ފުރުސަތުތައް ތަނަވަސްކޮށްދެމުންނެވެ. މިދިޔަ ރޯދަ މަހު އޮތް ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް މުބާރާތުގައި، އަންހެނަކު ފުރަތަމަ ފަހަރަށް ވަނީ ގައުމީ ފެންވަރުގެ މުބާރަތެއްގައި އަމްޕަޔަރުކަންކޮށްފަ އެވެ.

ކްރިކެޓް ބޯޑުން ވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ވެސް ހޮވަން ފަށައިފަ އެވެ. އެ މަގާމް ފުރަތަމަ ފަހަރަށް ހޯދީ އައިޝަތު އައިމާ އެވެ. އޭނާ އަކީ މީގެ ދެ އަހަރު ކުރިން ފުވައްމުލަކުގައި ފެށި ކްރިކެޓް ޔޫތު ޑިވެލޮޕްމަންޓުން ޕްރޮގްރާމް އުފެދުނު ކުޅުންތެރިޔެކެވެ. ފުވައްމުލަކުގައި އިތުރުން ލ. ކުނަހަންދޫގައި ވެސް އަންހެން ކްރިކެޓުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.

އަންހެން ޓީމެއް ފުރަތަމަ ފަހަރަށް އެކުލައިލީ އިންޑިއާ އިން ރާއްޖޭގެ ފިރިހެން އަދި އަންހެން ކްރިކެޓް ކުރިއަރުވަން ބޮޑެތި އެހީތަކެއް ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެ ގައުމުން ވަނީ ޗެންނާއީން ދެ ޓީމަށް ވެސް އެއް މަސް ދުވަހުގެ ހައި ޕާފޯމަންސް ތަމްރީން ޕްރޮގްރާމެއް ދޭން ނިންމައިފަ އެވެ.

އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރު ކުރެއްވި މަޝްވަރާގެ މަތިން އިންޑިއާ އިން ވަނީ ރާއްޖޭގެ ޑިވެލޮޕްމަންޓަށް ރަނގަޅު ޕްރޮގްރާމެއް ތައްޔާރުކޮށްދޭން އެއްބަސްވެފަ އެވެ. އަދި އަމަލީ ގޮތުން ވެސް، ކޯޗުންނާއި އަމްޕަޔަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް ނިންމައިފަ އެވެ. ހުޅުމާލޭގައި އަޅާ އެ ސްޓޭޑިއަމާ އެކު ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ.