ރާއްޖޭގެ ވޮލީގެ މައްސަލަތަކަށް ހައްލު ހޯދަން ދުނިޔޭގެ ފެޑެރާޝަނާ މަޝްވަރާކޮށްފި

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މަޝްވަރާކުރައްވައިފި އެވެ.


ސްވިޓްޒަލެންޑުގައި ހުންނަވައި މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއައިވީބީގެ ރައީސް އަރީ ގްރާސާއާ ބައްދަލުކުރައްވައި ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު އޮޅުންފިލުވައިދެއްވާފައިވާ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދޭނެގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ވޮލީ އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާ މެދު ވެސް ވާހަކަ ދެކެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ވީއޭއެމަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން އެފްއައިވީބީ އަށް ދިނިން. އަދި އެފްއައިވީބީގެ ގަވާއިދުތަކަށް އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން ވެސް ދިނިން،" މިނިސްޓަރު ކުރެއްވި ޓްވީޓްގައިވެ އެވެ.

އެފްއައިވީބީގެ ރައީސްއާ އެކު މިނިސްޓަރު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ކުރެއްވި ޓްވީޓާ އެކު ޕޯސްޓްކުރި ފޮޓޯގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވެސް ހުންނެވި އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކުރުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވަނީ މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު ވީއޭއެމް ހިންގުން ނޯމަލައިިޒިން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. އެ ކޮމިޓީން މިދިޔަ މަހު 24 ވަނަ ދުވަހު އިންތިހާބެއް ބާއްވަން ތާވަލުކުރި ނަމަވެސް ފަހު ވަގުތު ކެންސަލްކުރީ ހައްލުކުރަން ޖެހޭ މައްސަލަތަކެއް ސްޕޯޓްސް ކޮމިޝަނަރަށް ފާހަގަވުމުންނެވެ. ދުނިޔޭގެ ފެޑެރޭޝަނުން ވެސް ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ބަލައިނުގަތްއިރު، އެ ކޮމިޓީގެ ދައުރު ހަމަވެ، އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައި މިދިޔަ މަހު 31 ވަނަ ދުވަހު ވީއޭއެމްގެ މެމްބަރު ކްލަބްތަކުން އިސްނަގައިގެން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ ކްލަބްތަކުން ވަނީ އެ އެސޯސިއޭޝަނުގެ ރައީސް ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފަ އެވެ.

މިނިސްޓަރު މަހުލޫފް (ކ) އާއި އެފްއައިވީބީގެ ރައީސް ގްރާސާ (މ) އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު.

އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޮބްޒާވަރެއްގެ ގޮތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް ބައިވެރިވިއިރު، އެ ކޮންގްރެސްގައި ހުށަހެޅުނު ގޮތަށް ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބެއް ބާއްވާއިރު، އެކަން ކުރިއަށް ގެންދަން ތިން މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ. އެ ތިން މެމްބަރުންނަކީ ވީއޭއެމް ހިންގާ ކޮމިޓީގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވި އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ ފަޒާދާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) އަދި ބީޗް ވޮލީބޯލް ޗެއާމަން އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.

އޮލިމްޕިކް ކޮމިޓީން މި މަހު 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ އާންމު ޖަލްސާގައި ވީއޭއެމް ބައިވެރިއެއް ނުކުރެ އެވެ. އެއީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ލަފާގެ މަތިން ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އިއުލާނުކޮށްފަ އެވެ. އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ ވޮލީގެ ކަންތައްތަަކާ ބެހޭގޮތުން އައިއޯސީންނާއި އެފްއައިވީބީން އެދޭ ކަންތައްތަކުގައި އޮލިމްޕިކް ކޮމިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މީގެ ގޮތެއް ނިންމާނީ އެފްއައިވީބީން ކަމަށެވެ.

މި މަހު 18 ވަނަ ދުވަހު ސްޕޯޓްސް ކޮމިޝަނަރު ހީނާ ފޮނުއްވި ސިޓީއެއްގައިވަނީ ކޮންގްރެސްގައި ފާސްކުރި ވީއޭއެމްގެ ހިންގާ ކޮމިޓީގެ ތިން މެމްބަރުންގެ ބެލުމުގެ ދެށުން ވީއޭއެމްގެ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ހިންގާ ގަވާއިދު ފާސްކޮށް ހިންގާ ކޮމިޓީއެއް އެކުލަވާލުމަށް އެއް މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމަވައިފަ އެވެ.

ލަތީފް ވަނީ އޭނާގެ ލީޑަޝީޕްގެ ހިންގާ ކޮމިޓީ އުވާލައި އެތަނަށް ސްޕޯޓްސް ކޮމިޝަނަރު ނޯމަލައިޒޭޝަން ކޮމިޓީއެއް އެންމެ ފުރަތަމަ އައްޔަންކުރުމުގެ ފަހަތުގައި އޮތީ ޒާތީ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ވެސް ވަނީ ވީއޭއެމްގައި ހުރި ކަންތައްތައް ހައްލުކުރުމުގައި އެފްއައިވީބީގެ ލަފާހޯދައި މީގެ ރާއްޖޭގެ ވޮލީ އަށް ރަނގަޅު މުސްތަގުބަލެއް ހޯދޭނެ ގޮތަކަށް ކުރިއަށްދިއުމަށް އެދި މިނިސްޓަރު މަހުލޫފަށް އިލްތިމާސެއް ކުރައްވައިފަ އެވެ. ވީއޭއެމުން އެފްއައިވީބީގެ ގަވާއިދުތަކާއި ރުހުމާ އެކު ބާއްވާ އިންތިހާބެއްގައި ވާދަކުރައްވާނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.