އަމާޒަކީ ތާރީހީ ކާމިޔާބެއް ހޯދުން: ސެގާޓް

ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ތާރީހީ ކާމިޔާބެއް ހޯދުމަކީ ޓީމުގެ އަމާޒުކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.


ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެއަށް ވުރެ ދޮށީ ތިން ކުޅުންތެރިން ހިމެނުގެ ފުރުސަތު އޮންނާނެ އެވެ. ގޭމްސްގައި ވާދަކުރާ ޓީމުގެ 18 ކުޅުންތެރިން މިއަދު ވަނީ ނޭޕާލަށް ފުރައިފަ އެވެ. ޓީމާ އެކު ނުދަނީ އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާދުރުގައި ހުރި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އަމިއްލަ ސަބަބެއްގައި ޓީމާ ފަހުން ގުޅެން ނިންމާފައިވާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ސައުތު އޭޝިއަން ގޭމްސް އަށް އެފްއޭއެމުން ކަނޑައަޅާފައިވާ ޓާގެޓަކީ އަންހެން އަދި ފިރިހެން ފުޓްބޯޅަ އިން ވެސް ރަން މެޑަލެއް ހޯދުމެވެ. ރާއްޖެ އަށް މިހާތަނަށް މި ގޭމްސް އިން ލިބުނު އެންމެ ރަނގަޅު ކާމިޔާބީ އަކީ 1991 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ގޭމްސްގެ ރިހި މެޑަލް ލިބުމެވެ. އެންމެ ފަހުން ރާއްޖެ އަށް މި ގޭމްސް އިން މެޑަލެއް ލިބުނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ލިބުނީ ލޯ މެޑަލް އެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ ގޭމްސްގައި ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ވަނީ ބަލިވެފަ އެވެ.

ނޭޕާލަށް ފުރުމުގެ ކުރިން މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ސެގާޓް ބުނީ ބޭނުންވަނީ ރަން މެޑަލެއް ހޯދުމަށް ކަމަށް ވިޔަސް އޭނާގެ ވިސްނުމަކީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދިއުން ކަމަށެވެ.

ސައުތު އޭޝިއަން ގޭމްސް އަށް މިއަދު ފުރި ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

"އަހަރެންނަށް އަޑުއިވިފައި އޮތްގޮތުން ރާއްޖެ އަށް މި މުބާރާތުން ރަން މެޑަލެއް އަދި ނުލިބޭ. އަހަރެމެންގެ ފުރަތަމަ ޓާގެޓަކީ ސެމީ ފައިނަލަށް ދިއުން. ދެން އެ އަށް ވުރެން ކުރިއަށް ވިސްނާނީ. ބޭނުންވަނީ ރީތި ފުޓްބޯޅަ އެއް ކުޅުން. ހަނދާނުގައި ބަހައްޓަން ޖެހޭ ވިސްނުމަކީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދިއުން،" މިދިޔަ އަހަރު ގައުމީ ޓީމާ އެކު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ސެގާޓް ބުންޏެވެ.

"ސަޕޯޓަރުންނަށްޓަކައި ރަނގަޅު ކުޅުމެއް ދައްކައި. ތާރީހީ ކާމިޔާބެއް ހޯދަން ބޭނުން."

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. މިހާރު ޝެޑިއުލް އޮތްގޮތުން ރާއްޖެ ފުރަތަމަ މެޗުގައި އަންނަ މަހު ދެ ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. އޭގެ އެއް ދުވަސް ފަހުން ލަންކާއާ ކުޅޭނެ އެވެ.

ސީނިއާ ތިން ކުޅުންތެރިންގެ ގޮތުގައި ސެގާޓް ފުރުސަތު ދިނީ ހަމްޕުގެ އިތުރުން ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ސެގާޓް ބުނީ މި ތިން ކުޅުންތެރިންނަކީ އެ ކުޅުންތެރިންގެ މަގާމުގައި އެންމެ ރަނގަޅު ކުޅުންތެރިން ކަމަށާއި ޒުވާން ޓީމަށް މީގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ.

ގައުމީ ސީނިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން މި މުބާރާތުގައި ކުޅެވޭ އުމުރުފުރާ އަށް ފެތުމަކީ ވެސް ސެގާޓަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު އޭނާ އަށް އޮތް ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފާއި ޓީސީގެ މިޑްފީލްޑަރު އައްޒާމް އަބްދުﷲ (އެޑޫ) އަދި އީގަލްސްގެ މުހައްމަދު ނާއިމް އަށް ނުކުޅެވުމެވެ.

ޓީމުގެ ސްކޮޑުގައި ހިމެނުނު ޒާން (ކ) އާއި ފޭދޫ އިއްބެ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް ކުޅެމުން އަންނަ ޒުވާން ގައުމީ ޓީމުތަކަށް ކުރިން ކުޅުނު ރާއްޖޭގެ އިސްމާއިލް ޒާން އާމިރު އަށް ވެސް ވަނީ ގޭމްސް އަށް ދާ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ލިބިފަ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ ޓީމު ސްކޮޑު:

މާޒިޔާ: ހަމްޒާ މުހައްމަދު (ހަމްޕު)، ސަމޫހު އަލީ (ސަމުއްޓެ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ). ހުސެއިން ޝަރީފް (ހުސެން)

ޓީސީ: ސާދު ނިޒާރު، އިބްރާހިމް އައިސަމް، އަކުރަމް އަބްދުލް ގަނީ، މުހައްމަދު ސާމިރު

އީގަލްސް: ހުސެއިން ޝިފާއު (ކުރޯ)، ހަސަން ރާއިފް (ހަންނަ)، ހައިޝަމް ހަސަން (ބިޑީ)، މުހައްމަދު ސިނާހު

ގްރީން ސްޓްރީޓްސް: ރިހާމް އަބްދުލް ގަނީ (ބޮބީ)، މުހައްމަދު ފަރުހާން (ފަރުއްކޮ)، އަބްދުﷲ ޔާމީން (ޔާން)

ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ނަޒީމް (ޗޯޓު)

ޔުނައިޓެޑް ވިކްޓްރީ: ޖިނާހު ހާރޫން

ޔޫޑީ ކެނަލްސް: އިސްމާއިލް ޒާން އާމިރު (ޒާން)