ދިވެހި ފެތުންތެރިޔަކަށް މެލޭޝިއާ އޯޕަން ވޯޓާ ފެތުމުގެ މުބާރާތުން ބޮޑު ކާމިޔާބެއް

މެލޭޝިއާ އޯޕަން ވޯޓާ ސްވިމިން ސީރީޒްގެ 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ރާއްޖޭގެ އީން އައްބާސް ޝަރީފް ތިން ވަނަ ހޯދައިފި އެވެ.


ސިލްސިލާކޮށް އަހަރުގެ ތެރޭގައި މެލޭޝިއާގެ އެކި ހިސާބުތަކުގައި ބާއްވާ މި ސީރީޒްގައި އީން އަންނަނީ ޖެނުއަރީން ފެށިގެން، އަމިއްލަ ގޮތުން ބައިވެރިވަމުންނެވެ. ފުރަތަމަ ފަހަރު ހަތް ވަނަ ލިބުނު ނަމަވެސް އޭގެ ފަހުން އައި ދެ މުބާރާތުގައި ހަތަރު ވަނަ ހޯދި އެވެ. މި ފަހަރު އޭނާ 12 އަހަރުން ދަށަށް ހާއްސަކޮށްފައި އޮތް 400 މީޓަރު ފެތުމުން ތިން ވަނަ ހޯދީ ޖަޕާން ފެތުންތެރިޔަކު ފަހަތަށް ޖައްސާލައިފަ އެވެ. އެ އުމުރުފުރާގެ ދެ ޖިންސުން އެއްކޮށް އީން ދިޔައީ ހަތަރު ވަނަ އަށެވެ.

މިއީ އެކި ގައުމުތަކުގެ ފެތުންތެރިންނަށް ހުޅުވާލައިގެން ބޭއްވި މިފަދަ ބައިނަލްއަގްވާމީ އޯޕަން ވޯޓާ މުބާރާތަކުން ރާއްޖޭގެ ފެތުންތެރިޔަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެކަމަކު އިންޑޯ މުބާރާތްތަކުން ރާއްޖޭގެ ގައުމީ ފެންވަރުގެ ފެތުންތެރިން ވަނީ މީގެ ކުރިން ބޮޑެތި ކާމިޔާބީ ހޯދައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި ސްޕީޑޯ ތައިލެންޑް އޭޖް ގްރޫޕް ޗެމްޕިއަންޝިޕުން އައިމިނަތު ސަޖަން އަދި ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުން އައިޝަތު ސާޖިނާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

އީން (ކ-3) ސްޓޭޖް މަތީގައި މެޑަލް ހިފާލައިގެން.

މެލޭޝިއާގައި ދިރިއުޅޭ އީން އަމިއްލަ ގޮތުން ތަމްރީން ހަދަނީ އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ތައްޔާރުވާން ސާޖިނާ ވެސް ތަމްރީން ހަދަމުން އަންނަ މެލޭޝިއާގެ ޑީ އެކަޑަމީގަ އެވެ. މެލޭޝިއާގެ ނެޝަނަލް އެކުއަޓިކް ކްލަބުގައި، އުމުރުން 12 އަހަރުގެ އީން ހަފުތާއަކު މަދުވެގެން 18 ގަޑިއިރު ތަމްރީން ހަދަ އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި އަޒްމާ މުހައްމަދުގެ ދަރިފުޅު އީން މީގެ ތިން އަހަރު ކުރިން ފަތަން ޝައުގުވެރިކަން އުފެދި، މާލޭ ނިއުލެގޫންސް ސްވިމިން ކްލަބާ އެކު ތަމްރީން ހަދައި އިންޓަ ސްކޫލް މުބާރާތުގައި ވެސް ވާދަކުރި އެވެ. އީންގެ ހިތުގައި މިކަމަށް ޝައުގުވެރިކަން ބޮޑުވެ އަދި ކުރިއަށްދާން ބޭނުންވުމުން މަތީ ފެންވަރުގެ ތަމްރީނާއި ވަސީލަތްތައް ހޯދައިދޭން އޭނާ ގޮވއިގެން އާއިލާ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މެލޭޝިއާ އަށް ދިރިއުޅުން ބަދަލުކުރީ އެވެ.

މިހާރު އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ކިޔެވުމަށާއި ފެތުމަށެވެ. ފަތިހު 4:45 ގައި ގެއިން ނައްޓާލައިގެން އެންމެ ފުރަތަމަ ވެސް ވަނީ ސްވިމިނިން ޓްރެއިނިން އަށެވެ. އެތަނުން ދެން ސީދާ ސްކޫލަށެވެ. އަދި ސްކޫލް ނިންމާލުމަށް ފަހު އަނެއްކާ ވެސް ޓްރެއިނިން އަށެވެ. ރޭގަނޑު 8 ޖަހާއިރު އެނބުރި ގެޔަސް އައިސް 10:30 ގައި ނިދަނީ ކިޔެވުމުގައި އަނެއްކާ ވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އެވެ.

އީން އޭނާގެ ބައްޕަ އައްބާހާއި މަންމަ އަޒްމާއާ އެކު.

"ވަރަށް މަސައްކަތް ދަރިފުޅު އެކުރަނީ މިކަމުން ކުރިއަށްދާން،" އީންގެ ބައްޕަ، އައްބާސް ވިދާޅުވި އެވެ. "ފަތިހު އެއްވެސް ވެހިކަލެއް މަގުމަތީގައި ނޫޅޭ ގަޑީގައި 40 މިނެޓު ދުއްވާފައި ޓްރެއިނިން އަށް މިދަނީ. ރޭގަނޑު އެނބުރި އަންނަނީ ދޮޅުގަޑިއިރު ދުއްވާފައި. މާލޭގައި، 15 މިނެޓުން މޫދަށް ދެވެން އޮންނައިރު ވެސް އެވަރަށް މަސައްކަތް ނުކުރެވިފައި މިއޮންނަނީ."

ފެތުމަށް ސަމާލުކަން ދިނަސް ކިޔެވުމަށް ބުރުލެއް ނާރުވަ އެވެ. މި އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދަރިވަރުގެ އެވޯޑް ހޯދައި އަދި ހަތް އޭ ހޯދި އެވެ. އީންގެ އުއްމީދަކީ ރާއްޖޭގެ ނެޝަނަލް ސްވިމިން ޓީމުގައި އަންނަ އަހަރު ހިމެނުމެވެ. އޯޕަން ވޯޓާ މުބާރާތްތަކުގައި މި އަހަރު ވާދަކޮށް ބޮޑު ކާމިޔާބެއް ހޯދި ނަމަވެސް ތަމްރީން ހަދަނީ ވެސް އަދި ހާއްސަ ވަނީ ވެސް އިންޑޯ ފެތުމަށެވެ.