ގައުމީ ޓީމު ކޮމިޓީ ކުއްލި ގޮތަކަށް އުވާލައިފި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީ ކުއްލި ގޮތަކަށް އެފްއޭއެމުން މިއަދު އުވާލައިފި އެވެ.


އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އަހަރުގައި ދެން އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރައިގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން މިއަދުން ފެށިގެން ކޮމިޓީ އުވާލެވިފައިވާ ކަމަށެވެ.

މި އަހަރު ދެން މެޗެއް ނެތުމުން ކަމަށް ބުނެ އެފްއޭއެމުން ކޮމިޓީ އުވާލި ނަމަވެސް ކޮމިޓީ ލޯންޗްކުރުމަށް ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޮޑު ހަފުލާއެއްގައި ބާއްވައި ބުނެފައިވަނީ މި ކޮމިޓީގައި ކުރު ރާސްތާ ޕްލޭނަކާއި ދިގު ރާސްތާ ޕްލޭނެއް އެބައޮތް ކަމަށެވެ.

މި ކޮމިޓީ އެންމެ ފުރަތަމަ އެކުލަވަލައިރު ބުނެފައިވަނީ މެންޑޭޓަކީ ޖޫނިއާ އުމުރުފުރާއިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ގައުމީ ޓީމުތަކުގެ ކުރަންޖެހޭ ހުރިހާ ކަމެއްގައި އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށާއި ގައުމީ ޓީމުތައް ތައްޔާރުވުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން ކަމަށެވެ. އެކަމަކު ފަހުން މެންޑޭޓް ބޮޑުކުރީ އެވެ. އެގޮތުން އަލަށް ދިން މެންޑޭޓާކީ ހުރިހާ ގައުމީ ޓީމުތަކެއް ކުރިއެރުމަށް ސްޓްރެޓެޖީސްތަކެއް ހަދައި ހުށަހެޅުމަށާއި އަދި ގައުމީ ޓީމުގެ ކުރިއެރުވުމާ ގުޅޭ ހުރިހާ ކަމެއްގައި އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމެވެ. އަދި ގައުމީ ޓީމުގެ ތައްޔާރީތަކާއި ހުރިހާ ގައުމީ ޓީމުތަކެއްގެ ހަރަކާތްތަކެއް ބަލައި ސަޕޯޓް ދިނުމަށް ވެސް ކޮމިޓީއަށް މެންޑޭޓް ދިނެވެ.

މީގެ އިތުރުން މި ކޮމިޓީން ފުޓްބޯޅައާ ގުޅުން ހުރި ކޮންމެ ކަމެއްގައި، ހާއްސަކޮށް ފުޓްބޯޅައިގެ އޮނިގަނޑާއި ފުޅާ ދާއިރާއެއްގައި ހުރިހާ ގައުމީ ޓީމެއް ކުރިއެރުވުމަށް ޓެކްނިކަލް ކަންކަމާއި ކްލަބްތައް ކުރިއެރުވުމާ ގުޅޭ ގޮތުން ވެސް އެގްޒެކެޓިވް ކޮމިޓީއަށް ލަފާދީ އެހީތެރިވާން ޖެހޭނެ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

ކޮމިޓީގެ ޗެއާމަން އަލީ ވަހީދު އޭރު ވިދާޅުވީ ގައުމީ ޓީމުގެ ކޮމިޓީން ވެސް މަސައްކަތްކުރަންޖެހޭނީ ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށާއި އެ ފުރުސަތު ފަހިކޮށް ކައިރި މުސްތަގުބަލާއި ދުރުރާސްތާ ޕްލޭނަކާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ބޮޑު ޕްލޭނެއް ތައާރަފްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި ކޮމިޓީ އެންމެ ފުރަތަމަ އެކުލަވައިލީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސްޕޯޓްސް މިނިސަޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު ހިމަނައިގެންނެވެ.

އެކަމަކު ޕްރެޝަރު ބޮޑުވެ މަހުލޫފު ވަނީ ކޮމިޓީން ދުރަށް ޖެހިވަޑައިގެންފަ އެވެ. އަދި ފަހުން އެކުލަވަލިއިރު ބައްސާމާއި މޫސާ ނާޝިދު ވެސް ހިމެނިވަޑައިނުގަންނަވަ އެވެ. ބަދަލުގައި ލައްވާފައިވަނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ) އާއި އަންހެން ގައުމީ ޓީމުގެ ކުޅުންތެރިޔާ މަރިޔަމް މިރުފަތެވެ. އެކަމަކު ކޮމިޓީގެ ޗެއާމަން އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު ތިއްބަވާނެ އެވެ.

މި ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަނީ މިދިޔަ މުއްދަތުގައި ފުޓްބޯޅައިގެ ފޯރި އިތުރު ކުރައްވަން ވަރަށް މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގެ ފޯރިގަދަ ކުރަން ކަންކަން ހިންގެވި އެވެ.

އެފްއޭއެމްގެ ބޮޑު ކޮމިޓީއެއްގެ ޗެއާމަނަކަށް އަލީ ވަހީދު ވަޑައިގެންނެވި ނަމަވެސް އޭނާ ވަނީ މީގެ ކުރިން އެ އެސޯސިއޭޝަނުގެ ހިންގުންތެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި އިރު އޭނާ ވަނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމުގެ ފަހަތުގައި އޮތީ އެހެން ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ނިއު ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ސަސްޕެންޝަން އުވާލައި އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލެއްވުމަށް އެފްއޭއެމުގައި އެދޭ ކަމަށެވެ.