ފުޓްބޯޅަ: ރާއްޖެ އާއި ލަންކާ އެއްވަރުވެއްޖެ

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.


މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ފުރަތަމަ މެޗުގައި ވެސް ރާއްޖެ ވަނީ ލަނޑެއް ނުޖެހި ލަންކާއާ އެއްވަރުވެފަ އެވެ. ރާއްޖޭން މިދިޔަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ކުރިހޯދައިގެންނެވެ.

މިއަދުގެ މެޗަށް ނެރުނު ރާއްޖޭގެ ފުރަތަަމަ އެގާރަ އަށް ބަލާއިރު އާންމު ގޮތެއްގައި ފަހަކަށް އައިސް ސީނިއާ ޓީމުގެ ގިނަ މެޗުތަކުގައި ކުޅުނު ކުޅުންތެރިން ހިމެނެ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ތިން ކުޅުންތެރިންގެ ގޮތުގައި ހިމެނެނި އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ފުރަތަަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ލަންކާގެ ހާފު ތެރޭގައި މެޗު ބޮޑުބައި ކުޅެމުންދިޔައިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުހިފުނެވެ. ފޭދޫ އިއްބެ އާއި ނާއިޒު ހަސަން (ދާދު) އަށް ލިބޭ ބޯޅަތަކުގެ ހުރަހަކަށްވީ ލަންކާގެ ގޯލްކީޕަރި، ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. މި ހާފުގައި ރާއްޖޭގެ ހަސަން ރާއިފް (ހަންނަ) އަށް ވެސް އެޓޭކުގައި ރަނގަޅު ބޯޅަތަކެއް ލިބިގެންދިޔަ އެވެ.

ލަންކާއާ ދެކޮޅަށް ނެރުނު ރާއްޖޭގެ ފުރަތަމަ އެގާރަ. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ރާއްޖޭން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) ވަނީ ކުޅެން އަރުވައިފަ އެވެ. މި ހާފުގައި ރާއްޖޭގެ ހަމްޕު އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތިން ބޭރަށް ގޮސްފަ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޭދޫ އިއްބެ ޖެހި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އޭގެ ފަހުން ރާއްޖޭގެ ހަމްޕު ޖެހި ބޯޅައެއް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ. ލަންކާ އިން ރާއްޖޭގެ ކުޅުންތެރިން ހުއްޓުވަން ގިނަ ފައުލުތަކެއް ކުރަންޖެހުނު މި މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް މެޗުގެ 78 ވަނަ މިނިޓްގައި ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ލަންކާ އިން ފަހު ވަގުތު ކުޅުނު ނަމަވެސް ރާއްޖެ އަށް އެންމެ ރަނގަޅަށް ފުރުސަތުގެ ބޭނުން ހިފޭ ގޮތެއްނުވި އެވެ. މެޗުން ލަންކާ އަށް ޕޮއިންޓެއް ލިބުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އެ ޓީމުގެ ގޯލްކީޕަރު ސުޖަން އަށެވެ.

ފަހު ވަގުތު އިންޑިއާ މުބާރާތުން ވަކިވުމުން ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ރާއްޖެ އާއި ލަންކާ އަދި އިންޑިއާ އެއް ގްރޫޕެއްގައި އޮތްއިރު، އިންޑިއާ ނުކުޅޭތީ ފަހުން ވަނީ ލީގު ބުރަކަށް ބަދަލުކޮށްފަ އެވެ. އެކަމަކު މުބާރާތުގައި ކުޅޭ ގިނަ ޓީމުކުން ޝެޑިއުލާ މެދު އިންތިހާ އަށް ޝަކުވާކުރުން އިތުރުވުމުން އެންމެ ފަހުން މިއަދު ވަނީ ޝެޑިއުލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފަ އެވެ. ކުރިން ފަސް ދުވަހުގެ ތެރޭގައި ހަތަރު މެޗު ކުޅޭގޮތަށް އޮތްއިރު ރާއްޖެ އަށް ލިބެނީ ހުސްކޮށް އެންމެ ދުވަހެކެވެ. މިއަދު ގެނައި ބަދަލާ އެކު ރާއްޖެ އަށް އިތުރު ހުސް ދުވަހެއް ލިބޭނެ އެވެ.

ގޭމްސްގެ ފުރަތަމަ މެޗުގައި މިއަދު ބޫޓާން އަތުން ބަންގްލަދޭޝް ވަނީ 1-0 އިން ބަލިވެފަ އެވެ. މާދަމާ ކުޅޭ މެޗުގައި ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މެޗުގެ ކުޅުން ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:15 ގަ އެވެ.