ސައުތު އޭޝިއަން ގޭމްސް ރާއްޖެ އަށް ގެނެވޭތޯ ބަލަނީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާޢްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ބައެއް އިވެންޓްތައް 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.


މަހުލޫފު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭން އެކަން ކުރަން ޖެހޭނީ 2021 ވަނަ އަހަރުގެ ގޭމްސް ބާއްވަން ފުރުސަތު ލިބޭ ގައުމަކާ ގުޅިގެންނެވެ. އެ ގޭމްސް ބާއްވަން ކުރިމަތިލާފައިވަނީ ސްރީ ލަންކާ އިންނެވެ. ދެ ގައުމު ގުޅިގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވެ އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް.

ރާއްޖެ އަށް އެ ފުރުސަތު ލިބިއްޖެ ނަމަ ހޯސްޓް ކުރެވޭތޯ މަސައްކަތްކުރަނީ ފުޓްބޯޅަ، ވޮލީބޯޅަ، ޓީޓީ އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތަކެވެ.

ރާއްޖޭން ވަނީ 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބިޑް ކާމިޔާބުކޮށްފަ އެވެ. އެ ގޭމްސް އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރަަތަމަ މަލްޓި ސްޕޯޓްސް އިވެންޓެވެ. އެކަމަކު 2021 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބައެއް ރާއްޖޭގައި ބާއްވައިފިނަމަ ފުރަތަަމަ ގޭމްސް އަށް ވާނީ މި އިވެންޓެވެ.

ސައުތު އޭޝިއަން ގޭމްސް އެންމެ ފުރަތަމަ 1984 ވަނަ އަހަރު ބާއްވަން ފެށުނުއިރު އެންމެ ފުރަތަމަ އަހަރަކު އެއް ފަހަރު ބޭއްވި ނަމަވެސް ފަހުން ވަނީ ކޮންމެ ދެ އަހަރުން އެއް އަހަރަށް ބާއްވާ ގޮތަށް ބަދަލުކޮށްފަ އެވެ. އެކަމަކު މި ގޭމްސް ބޭއްވުމުގައި ފަހަކަށް އައިސް އަބަދު ފެންނަނީ ކަނޑައަޅާ ތާރީހުގައި ކުރިއަށްނުދާ މަންޒަރެވެ. އެ ގޮތުން މި ފަހަރު ނޭޕާލުގައި ބާއްވާ ގޭމްސް އަކީ ތިން ފަހަރެއްގެ މަތިން ލަސްކުރެވިގެން މި މަހަށް ޝެޑިއުލް ކުރި ގޭމްސް އެކެވެ. މީގެ ކުރިން ގޭމްސް ބޭއްވީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީ އާއި ޝިލޮންގަ އެވެ.

މި ފަހަރުގެ ގޭމްސްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވޮލީ އަންހެން ޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރަނީ.

ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ރާއްޖޭގައި ހޯސްޓް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ގޮތުން މި އަހަރު ވެސް ވަނީ ބައިނަލްއަގުވާމީ އެކި ކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ބެޑްމިންޓަނާއި ތުރީ އޮން ތުރީ ބާސްކެޓްބޯލް މުބާރާތް ހިމެނެ އެވެ. އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ މުބާރާތްތަަކަށް ބަލާއިރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕާއި އޭވީސީ ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތް ހިމެނެ އެވެ.