ޑަބަލްސްގެ ކުއާޓާ އިން ނާކާމިޔާބު، އަމާޒު ސިންގަލްސް އަށް

ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ޒީސްތު ނަސީމާއި ރަފާގެ ޕެއާ ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.


މިހާރު އުއްމީދަކީ ސިންގަލްސްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދި ދީމާ އާއި ރަފާގެ ޕެއާ މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން ބަލިވީ އިންޑިއާގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ސްރީޖާ އާއި މަދުރިކާގެ ޕެއާ އަތުން ވާދަވެރި ކުޅުމަކަށް ފަހު 4-2 ސެޓުންނެވެ. އިންޑިއާގެ ޕެއާ ހައިރާންކޮށްލުމަށް ފަހު ދީމާ އާއި ރަފާ ފުރަތަމަ ސެޓު ގެންދިޔައީ 12-10 އިންނެވެ. އެކަމަކު ދެން ކުޅުނު ދެ ސެޓު 04-11 އާއި 07-11 އިން ގެންގޮސް އިންޑިއާގެ ޕެއާ އިން ހަމަޖެހިލި އެވެ. އެކަމަކު އަނެއްކާ ވެސް އެ ޕެއާ އަށް ރަފާ އާއި ދިމާގެ ޕެއާ އިން ޕްރެޝަރުކޮށްލީ 11-09 އިން ސެޓު ގެންގޮސްގެންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ތަޖުރިބާގެ ބޭނުންކޮށް މަދުރިކާ އާއި ސްރީޖާ ވަނީ 06-11، 06-11 އިން ސެޓު ގެންގޮސް ވަނީ މެޗުން މޮޅުވެފަ އެވެ.

ޓީޓީގެ ކޯޗު އިބްރާހިމް ޝިއުރީ އާއި އިންޑިއާގެ ކޯޗު އަމިތު ކުމާރު ވަނީ މި މެޗުގައި އިންޑިއާގެ އެ ޕެއާއާ ދެކޮޅަށް ދީމާ އާއި ރަފާ އެ ދެއްކި ހިތްވަރު ފާހަގަކޮށްފަ އެވެ. އަދި މި ފަދަ މެޗުތަކުގައި ކުރިއަށް އޮތްތަނުގައި ދީމާ އާއި ރަފާގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް އެ ދެ ކޯޗުން ގަބޫލުކުރެ އެވެ.

މިކްސް ޑަބަލްސް ބައިގެ ކުއާޓާގައި ރަފާ އާއި ޒީސްތުގެ ޕެއާ ބަލިވީ އިންޑިއާގެ ޕެއާ އެއް ކަމަށްވާ އައިކާ އާއި އަމަރާޖްގެ ޕެއާ އަތުންނެވެ. އެ ޕެއާ އިން މެޗު ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 11-03، 11-05، 11-08 އަދި 11-07 އިންނެވެ.

މުބާރާތުގެ ސިންގަލްސް ބައިގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން މިއަދު މެޗު ކުޅޭގޮތަށް ހަމަޖެހިފައިވީ ނަމަވެސް މެޗު ކުޅުނީ މޫސާ މުންސިފް އެކަންޏެވެ. އޭނާގެ އިތުރުން ދެން ކުޅެން ހަމަޖެހިފައި އޮތް ޝައްފާން އިސްމާއިލްގެ މެޗާއި ރަފާ އާއި ދީމާގެ މެޗުތައް ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.

ޓީޓީ ސިންގަލްސް ވެސް ކުރިއަށްދަނީ ތިން ކުޅުންތެރިންގެ ގްރޫޕަށް ބަހާލައިގެންނެވެ. ދެ ކުޅުންތެރިން ކުއާޓާ އަށް ހޮވޭ ގޮތަށް އޮތްއިރު، މުންސިފް ކުޅުނު މެޗުން ވަނީ އިންޑިއާގެ ހަރުމީތު އަތުން ބަލިވެފަ އެވެ. ހަރުމީތު ސީދާ ތިން ސެޓުން މެޗުން މޮޅުވިއިރު، އޭނާ ސެޓުތައް ގެންދިޔައީ 11-06، 11-05 އަދި 11-04 އިންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނެނީ ލަންކާގެ އިމޭޝާ އުދެޔާ އެވެ.

ރާއްޖޭގެ ޝައްފާން ހިމެނެނީ އިންޑިއާގެ އަމަލްރާޖް އެންތަނީ އާއި ޕާކިސްތާނުގެ ފަހަދު ހަވާޖާއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި މިއަދު ކުޅުނު މެޗުން އަމަލްރާޖް ވަނީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ފަހަދު ބަލިކޮށްފަ އެވެ. ދެން މި ގްރޫޕުގައި އޮންނާނީ ޝައްފާނާއި ފަހަދު ބައްދަލުކުރާ މެޗާއި ޝައްފާނާއި އަމަލްރާޖް ކުޅޭ މެޗެވެ.

ރަފާ ހިމެނޭ ގްރޫޕުގައި ދެން އޮތީ އައިކާ އާއި ބަންގްލަދޭޝްގެ ސާދިއާ ރަހުމާން އެވެ. މި ގްރޫޕުގައި މިއަދު ކުޅުނު މެޗުން އައިކާ ވަނީ ސާދިއާ އަތުން ތިން ސެޓުން މޮޅުވެފަ އެވެ. މާދަމާ މި ގްރޫޕްގައި ދެން އޮތް ދެ މެޗުގައި ވެސް ރަފާ ކުޅޭނެ އެވެ. ދީމާ ހިމެނޭ ގްރޫޕްގައި އޮތީ ލަންކާގެ އިޝާރާ މަދުރަންގީ އާއި ނޭޕާލުގެ ރަބީނާ މަހާރަޖަން އެވެ. މިއަދު މި ގްރޫޕްގެ ފުރަތަމަ މެޗުން ރަބީނާ އަތުން އިޝާރާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.