ސެންޓޭގެ ހަތަރު ލަނޑާ އެކު ޓީސީ ދެ ވަނަ އަށް

އަލީ ފާސިރު (ސެންޓޭ) ޖެހި ހަތަރު ލަނޑާ އެކު އެކު 6-1 އިން ވިކްޓަރީ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް ޖެހިލައިފި އެވެ.


މިރޭގެ މެޗަށް ޓީސީ ނުކުތްއިރު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން އީގަލްސް މޮޅުވުމުންނެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވެ، ޓީސީ ދެ ވަނަ އަށް އެރީ 36 ޕޮއިންޓާ އެކު އެވެ. އީގަލްސް ތިން ވަނައިގައި އޮތީ 35 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ބާކީ ތިން މެޗު އޮއްވައި 43 ޕޮއިންޓް ހަމަކޮށް މާޒިޔާ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

ވިކްޓަރީ ހަތް ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. މި މެޗުން ބަލިވުމުން ވިކްޓަރީ އަށް ވަނީ ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހުމުގެ ބިރު ބޮޑުވެފަ އެވެ. ބީޖީ އެންމެ ފުލުގައި އޮތީ 12 ޕޮއިންޓާ އެކު އެވެ.

މި މެޗުގައި ޖެހި ހަތަރު ލަނޑާ އެކު ސެންޓޭ ލަނޑު ލިސްޓުގެ ކުރީގައި އޮތީ 26 ލަނޑު ޖަހައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާގެ އަސަދުﷲ އަބްދުﷲ ވަނީ 21 ލަނޑު ޖަހައިފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ފާޑުކިއުމުން ބެންޗުން ފޮނުވާލި ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް މިއަދުގެ މެޗަށް ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސެންޓޭ ޓީސީ އަށް ލީޑުނަގައިދިނީ އޭރިއާ ބޭރުން ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވިކްޓަރީ ކީޕަރު ތޮލާލް ހަސަން އަތްމަތިން ގޮހެވެ.

ޓީސީގެ ލީޑުފުޅާކޮށްދިން ލަނޑު މެޗުގެ 22 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަލީ ނާފިއު އެވެ. ސެންޓޭ ނަގައިދިން ހުރަހަކުން ނާފިއު މި ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން މިނިޓް ތެރޭގައި ޖެހި ދެ ލަނޑާ އެކު ސެންޓޭ ވަނީ ހެޓްރިކް ހަދައިފަ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ސެންޓޭ ދެ ވަނަ ލަނޑު ޖެހީ ވިކްޓަރީގެ ޔާސިން ފިރާގް ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭގެ ދެ މިނިޓް ފަހުން ސެންޓޭ ހެޓްރިކް ހެދީ ވިކްޓަރީގެ ކީޕަރު ތޮލާލް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ވިކްޓަރީ އަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑު ޖަހައިދިނީ އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ. ޓީސީގެ މުހައްމަދު ޝައްފާޒް (ސައްޕޭ) އަތުން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު ވިކްޓަރީ މުހައްމަދު ރިސްވާން ހުރަސް ކޮށްލި ބޯޅަ އޮމޮދޫ ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ޓީސީގެ ފަސް ވަނަ ލަނޑު ޖެހީ ނާފިއު އެވެ. ސެންޓޭ ދިން ބޯޅަ އަކުން ނާފިއު މި ލަނޑު ޖެހީ ވިކްޓަރީގެ ކީޕަރު ތޮލާލް ކައިރިން ނައްޓާލުމަށް ފަހު އެވެ.

އޭގެ ހަ މިނިޓް ފަހުން ވިކްޓަރީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބާރުބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި ހާފްގައި ވިކްޓަރީގެ އޮމޮދޫ އާއި ރިސްވާން އަދި ރިލްވާން ވަހީދަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ސެންޓޭ ޓީސީގެ ހަ ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ ނިމެން މިނިޓަކަށް ވެފައި ހުއްޓަ އެވެ. އޭރިއާ ރޮނގުކައިރިން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވިކްޓަރީ ކީޕަރު ތޮލާލް އަތްދަށުންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ބީޖީއާ އެވެ. މާދަމާރޭ ވެލެންސިއާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.