އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި

ސައުތު އޭޝިއަން ގޭމްސްގައި މިއަދު ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.


މި ފަހަރުގެ ގޭމްސްގައި ވާދަކުރި އަންހެން ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި ސާރާ މައްސޫދު އެވެ. ހަ ގައުމަކުން ވާދަކުރި ރިލޭ އިވެންޓުގެ އެންމެ ފަހަތުން ރާއްޖޭން ނިންމި ނަމަވެސް އަންހެން ޓީމުން ގައުމީ ރެކޯޑް އާ ކުރީ 50:16 ސިކުންތުން ނިންމައިގެންނެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 44:89 ސިކުންތުން ނިންމި ލަންކާގެ ޓީމެވެ.

އެންމެ ފަހުން ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭގެ ގައުމީ ރެކޯޑް އާ ކުރީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު ރެކޯޑް އާ ކުރި ޓީމުގައި ހިމެނެނީ އަފާ އިސްމާއިލް، އައިމިނަތު ނަޒްރާ، ސަމްހާ އަހުމަދާއި މިރުފަތު އަހުމަދު އެވެ. އެ ފަހަރުގެ ޓައިމިން އަކީ 51:32 ސިކުންތެވެ.

މި ފަހަރުގެ ގޭމްސްގައި ވާދަކުރި ފިރިހެން ރިލޭ ޓީމު. -- ފޮޓޯ: އަބްދުﷲ އަބީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ ފިރިހެން ރިލޭ ޓީމު ވަނީ 2010 ވަނަ އަހަރުގެ ގޭމްސްގައި ލޯ މެޑަލް ހޯދި އެވެ. އެ ފަހަރުގެ ޓީމުގައި ވެސް ހިމެނުނު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މި ފަހަރު ވެސް ވާދަކުރިއިރު، އޭނާގެ އިތުރުން ދެން ޓީމުގައި ހިމެނެނީ އިބާދުﷲ އާދަމް، ނުޖޫމް ހަސަން އަދި މުހައްމަދު ޖަލާއިލް ފަޔާޒް އެވެ. ފަސް ވަނައިގައި ނިންމި ފިރިހެން ޓީމުގެ ޓައިމިން އަކީ 42:34 ސިކުންތެވެ. މި ރޭހުގެ ވެސް އެއް ވަނަ އަށް ދިޔައީ ލަންކާގެ ޓީމެވެ. ލަންކާ އިން ނިންމީ 39:14 ސިކުންތުންނެވެ.

މި ފަހަރުގެ ގޭމްސްގައި މިހާތަނަށް އެންމެ ހާއްސަ ކާމިޔާބެއް ހޯދީ އެތުލެޓިކްސް އިންނެވެ. ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖޭގެ ކުޅިވަރު ތާރީހުގައި ހާއްސަ ކާމިޔާބެއް ހޯދައިފަ އެވެ. އޭގެ އިތުރުން ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ވެސް ހާސިލްކޮށްފަ އެވެ. މި ދެ މެޑަލްގެ އިތުރުން ދެން މި ފަހަރު މެޑަލެއް ލިބުނީ ލޯ މެޑަލް ހޯދި އަންހެން ޓީޓީ ޓީމަށެވެ.