ބައްސާމުގެ އިސްތިއުފާ އަށް ގޮވާލައިފި!

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޕީޓާ ސެގާޓް ވަކިކުރުމަކުން ނުފުދޭ ކަމަށް ބުނެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ބައެއް އާއްމުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ސޯޝަލް މީޑިއާގައި ގޮވާލަމުން އެބަދެ އެވެ.


ސެގާޓުގެ ކޮންޓްރެކްޓް އުވާލަން އޭނާއާ އެކު އެފްއޭއެމުން މިއަދު އެއްބަސްވުމަކަށް އައީ ސައުތު އޭޝިއަން ގޭމްސްގެ ފައިނަލަށް ނުހޮވި ކެޓުމުންނެވެ. ރަން މެޑެއްޔަށް ޓާގެޓްކޮށްގެން ދިޔަ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުން ކެޓީ މެޗަކުން މޮޅެއް ނުލިބި އެވެ. ސަރަހައްދުގެ ގަދަބާރު އިންޑިއާ ވާދަނުކުރާ މި މުބާރާތުގެ ތާވަލުގައި ރާއްޖެ އޮތީ ފުލުގަ އެވެ. މިއީ ދެކުނު އޭޝިއާ މުބާރާތެއްގައި ރާއްޖޭގެ ނަތީޖާ އެންމެ ދަށް އެއް ފަހަރެވެ. ކުރިން ފަސޭހަކަމާ އެކު ސީނިއާ ޓީމުން ބަލިކުރަމުން އައި ބޫޓާން އަތުން ރާއްޖެ މި ފަހަރު ބަލިވުމަކީ ދިވެހިންނަށް ހަޖަމްކުރަން އުނދަގޫވި ނަތީޖާއެކެވެ.

މީގެ އިތުރުން ޖުލައި މަހު އިންޑިއަން އޯޝަން އައިލެން ގޭމްސްގެ ނަތީޖާތައް އެހާ ދަށެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ރާއްޖެ އޮތީ އަމާޒަށް ވާސިލްވުމާ ދުރުގަ އެވެ.

"ޕްރެޒިޑެންޓް ބައްސާމް ގައުމީ ކޯޗު ބޭރުކުރީމާ ނިމުނީ ކަމަށްތަ ހީކުރީ...މީން ދުވަހަކު ރާއްޖޭގެ ބޯޅައިގެ ލެވެލް ނުދާހާ ހިސާބަކަށް ދިޔައީމާ އަމިއްލަ އަށް އިސްތިއުފާ ދިނުން ވަރަށް ބުއްދިވެރި ހިޔާލެއް،" ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ހިޔާލުފާޅުކުރި އެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ސެގާޓް ރާއްޖެ އަށް ހޯދައިދިން ނަމަވެސް ފެށުނީއްސުރެ އޭނާގެ ވާހަކަތަކާއި އަމަލުތައް ހުރީ ހެއްވާ ގޮތަކަށެވެ. އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިނުމާއި އަސްހަދު އަލީ (އަޑުބަރޭ) އަތުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ ހުއްޓާލުމާ އަދި އޭގެ ފަހުން ސީނިއާ ބައެއް ކުޅުންތެރިންނަށް ސުވާލު އުފެދޭ ގޮތަށް ޖާގަ ގެއްލުވާލުމުން ސެގާޓާ މެދު ދިވެހިން ތިބީ ނުރުހިފަ އެވެ. މީގެ އިތުރުން ރާއްޖޭން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓީމެއް ތައްޔާރުކުރާނެ ކަމަށާއި ގައުމީ ޓީމުގައި ދަގަނޑޭ ނުހިމެނި އެއް ސަބަބަކީ ވޯލްޑް ކަޕުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނެތުން ކަމަށް އިޝާރާތްކޮށް ސެގާޓް ވަނީ ހެއްވާ ވާހަކަތަކެއް ދައްކައިފަ އެވެ. އޭރު ވެސް އެފްއޭއެމް އޮތީ އޭނާ އަށް ސަޕޯޓް ދީގެންނެވެ.

ގައުމީ ޓީމުގެ ހާލަތު ބަލަބަލާ އޮއްވާ ދަށްވުމުގެ އިތުރުން ކްލަބް ފުޓްބޯޅަ ދުވަހަކު ނުވެއްޓޭ ދަރަޖަކަށް ވެއްޓުމުން ބައްސާމާ މެދު އާއްމުންގެ ހިތްހަމަނުޖެހުން އޮތީ ބޮޑުވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ސެޕްޓެމްބަރު މަހު މާލޭގައި ކުޅުނު މެޗުގައި ބައެއް ސަޕޯޓަރުން ވަނީ ބައްސާމްގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ. ފުޓްބޯޅަ ސީޒަން އިރުއިރުކޮޅާ މެދުކަނޑާލާތީ ކޯޗުންގެ ހިތްހަމަނުޖެހުން އެހާމެ ބޮޑެވެ. އޭޝިއަން ކަޕް ކޮލިފައިން އޮތްކަން އެނގޭ އިރު، ސީޒަނުގެ ފުރަތަމަ ހަ މަސް ދުވަހު މެދުކަނޑާލާފައި އޮތްއިރު ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއް ނެތެވެ. ސެގާޓް ވެސް ވަނީ ސީނިއާ ކުޅުންތެރިން ނުނެގި އެއް ސަބަބަކީ ރާއްޖޭގެ ސީޒަން މި އަހަރު ފެށީ ހަ މަސް ދުވަހުގެ ބްރޭކަކަށް ފަހު ކަމަށްވާތީ އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ކުރީގެ ފެންވަރަށް ދިއުމަށް ދަތިތަކެއް ދިމާވާނެތީ ކަމަށް ބުނެފަ އެވެ.

އަހަރުގެ ފުރަތަމަ ހަޔެއްކަ މަސް ދުވަސްދިޔައީ "ތަޅާފޮޅުމެއް"ގެ ތެރޭގަ އެވެ. ނިއު ރޭޑިއަންޓުން އެފްއޭއެމްގެ އެކްސްކޯގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވުމުން އެފްއޭއެމުން އެ ކްލަބް ސަސްޕެންޑްކުރީ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އަދި އެ މައްސަލަ ލާން ކްލަބްތަކުން މަސައްކަތްކުރީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަޑީގައި ހުންނަވައިގެން ކަމަށް ބުނެ އެފްއޭއެމުން ވަނީ އެކަން ތަކުރާރުވާ ނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށް އޭރު ބުނެފަ އެވެ. އަދި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.

ބައްސާމާއި އޭނާގެ ޓީމު އެފްއޭއެމުން ބޭރުކުރަން އޭރު ކްލަބްތަކުންނާއި ސަރުކާރުން މަސައްކަތްކުރި އެއް ސަބަބަކީ އެފްއޭއެމް އޮފީހުގައި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ހިންގައި ސިޔާސީ މަސައްކަތްކުރުމެވެ. އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް އެ ދުވަސްވަރު ހުންނެވި އަލީ ވަހީދު ވަނީ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގުމާއި ކޮރަޕްޝަން އޮތުން ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުނުކުރާނެކަން ފީފާ އަށް އަންގައި އަދި އެކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ފަހުން މަހުލޫފާއި އަލީ ވަހީދު ވަނީ އެފްއޭއެމްއާ ސުލްހަވެފަ އެވެ. އެއާ އެކު އެފްއޭއެމާ މެދު ކްލަބްތަކުން ކުރި ސީރިއަސް ތުހުމަތުތައް ބެލޭނެ ގޮތެއް ނެތުނީ އެވެ. މަހުލޫފު ވިދާޅުވީ ތަޅާފޮޅުން ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށެވެ. އެކަންކަން ނުބަލާނެތޯ އެހުމުން މަހުލޫފު ދެއްވީ ފިނި ޖަވާބެކެވެ. ވިދާޅުވީ އެފްއޭއެމުގައި މެޑަމް ފާތުންގެ އޮފީހެއް ހުރި ކަމަށާއި އެހުރިކަން ދެން ބަދަލެއް ނުވާނެ ކަމަށެވެ.

އެކަންކަން އެހެން ހުރި ނަމަވެސް، މިނިސްޓްރީ އާއި އެފްއޭއެމް ސުލްހަ ވުމުން ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރެވުނެވެ. ހާއްސަކޮށް މަހުލޫފާއި އަލީ ވަހީދު ހިމަނުއްވައިގެން އެފްއޭއެމުން ގައުމީ ޓީމު ކޮމިޓީއެއް އެކުލަވާލުމުންނެވެ.

ޕްރެޝަރު ބޮޑުވެ މަހުލޫފުން ކޮމިޓީން ވަކިވެވަޑައިގަތުމާ އެކު އަލީ ވަހީދު ޗެއާމަންކަމަށް ވަޑައިގެން ފޯރިއާ އެކު ކޮމިޓީގެ މަސައްކަތް ފެށްޓެވި އެވެ. ފުޓްބޯޅަ އާއިލާ ގޮވައިގެން ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޮޑު ހަފުލާއެއް ބާއްވައި ލޯންޗްކުރި އެ ކޮމިޓީގެ މެންޑޭޓަކީ ގައުމީ ޓީމުތަކެއް ކުރިއެރުމަށް ސްޓްރެޓެޖީސްތަކެއް ހަދައި ހުށަހެޅުމަށާއި އަދި ގައުމީ ޓީމުގެ ކުރިއެރުވުމާ ގުޅޭ ހުރިހާ ކަމެއްގައި އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމެވެ.

އެކަމަކު މިދިޔަ ހަފުތާގައި އެ ކޮމިޓީ ކުއްލި ގޮތަކަށް އުވާލީ އަހަރުގައި ދެން އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރައިގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން ކަމަށް ބުނެ އެވެ. އެ ކޮމިޓީ ހެދިއިރު ވެސް ފުޓްބޯޅަ ތާވަލް އެނގޭނެ އެވެ. އަދި އޭރު ބުނެފައިވަނީ ވެސް ކޮމިޓީން ވެސް މަސައްކަތްކުރާނީ ކައިރި މުސްތަގުބަލާއި ދުރުރާސްތާ ޕްލޭނަކާ އެކު ކަމަށާއި އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ބޮޑު ޕްލޭނެއް އިއުލާންކުރެވޭނެ ކަމަށެވެ.

އެ ކޮމިޓީ ކުއްލި ގޮތަކަށް އުވާލުމާ އެކު ފުޓްބޯޅައިގެ މިސްރާބާ މެދު އަނެއްކާ ވެސް މި ވަނީ ސުވާލު އުފެދިފަ އެވެ. އޭރު ވެސް އެއްބަޔަކު ބުނަމުން ދިޔައީ މައްސަލައަކީ ގައުމީ ޓީމު ނޫން ކަމަށާއި މައްސަލައަކީ ކްލަބްތައް ބިކަވެ ލީގު ބަލިކަށިވުން ކަމަށެވެ. ކްލަބްތަކަށް ރަނގަޅު ގޮތް ހޯދައިދީ ލީގު ވަރުގަދަކުރުމުން އޮޓޮމެޓިކުން ގައުމީ ޓީމު ރަނގަޅުވާނެ ކަމަށް ލަފާ ދިނެވެ.