ބަންގްލަދޭޝްގެ މޮޅު ކޯޗުގެ މަގާމު އޮސްކާ އަށް

މިދިޔަ ސީޒަނުގައި ބަންގްލަދޭޝް ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗުގެ މަގާމު ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޯން ބަރޭރާސް އަށް ލިބިއްޖެ އެވެ.


ބަންގްލަދޭޝްގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިންގެ ގްރޫޕު ހިންގާ ފުޓްބޯޅަ ޓީމު ކަމަށްވާ ބަޝުންދުރާ ކިންގްސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު އެ ޓީމަށް ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނީ އޮސްކާ ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން އެ ޓީމަށް ފުރުސަތު ހޯދައިދީފަ އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ބަޝުންދުރާއާ ހަވާލުވެ އޮސްކާ ވަނީ އެ ޓީމާ އެކު ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ.

ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު އޮސްކާ ހޯދީ ނިއު ރޭޑިއަންޓް ގޮވައިގެން 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ހޯދުމަށް ފަހު އެވެ. ނިއު އަށް މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގު ހޯދައިދިނުމަށް ފަހު އޮސްކާ އެ ޓީމު ދޫކޮށް ބަޝުންދުރާއާ މިދިޔަ އަހަރު ބަދަލުވެ އެ ޓީމުގެ މޮޑިއުލް އޭނާ ބޭނުންވާ ގޮތަށް ބަދަލުކޮށް ލީގު ކާމިޔާބުކުރީ ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެއީ ބަންގްލަދޭޝްގެ އެންމެ މަތީ ޑިވިޝަނުގައި ޖެހިޖެހިގެން 14 މެޗުން މޮޅުވުމުގެ ރެކޯޑެވެ.

އޮސްކާ ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ. އޭނާ ސީނިއާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2013 ވަނަ އިންޑިއާ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އަށް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2015 ގައި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީގެ އެފްސީގެ ކޯޗު ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ. އޭނާ ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.

ފަހަކަށް އައިސް ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގު ވަރުގަދަވަމުން އަންނައިރު އޭއެފްސީން އެންމެ ފަހުން ނެރުނު ކްލަބް ފުޓްބޯޅަ ރޭންކިންގައި ވެސް އެ ޓީމުން ވަނީ ކުރިއެރުން ހޯދައިފަ އެވެ. މި ސަރަހައްދުގައި އިންޑިއާ ލީގަށް ފަހު ދެން އެންމެ ރަނގަޅަށް ރޭންކް ކުރެވިފައިވަނީ ބަންގްލަދޭޝް ލީގެވެ.

ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންއާ ހަވާލުވެފަ އެވެ.