ވާދަކުރުމުގެ ކުރިން ތިއީ ގަބޫލުކުރާ އިވެންޓެއްތޯ ޔަގީންކުރޭ

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކާއި ދުވުމުގެ ރޭސްތަކުގައި ވާދަކުރުމުގެ ކުރިން އެއީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ނުވަތަ އެ ބާއްވާ ގައުމެއްގެ އެތުލެޓިކްސް އެސޯސިއޭޝަނުން ގަބޫލުކުރާ މުބާރާތެއްތޯ ޔަގީންކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން އިލްތިމާސްކޮށްފި އެވެ.


އެސޯސިއޭޝަނުން ބުނީ މިހާރަކަށް އައިސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކާއި ދިގު ދުވުންތަކުގައި ވާދަކުރާ ދިވެހި އެތުލީޓުން، އެ އެތުލީޓުން ވާދަކުރި މުބާރާތްތަކާއި ދުވުންތަކުގެ ނަތީޖާ އެސޯސިއޭޝަނުން ގަބޫލުކުރުމަށް ހުށަހަޅާ ކަމަށެވެ.

ޓްރެކް އެންޑް ފީލްޑް އިވެންޓްތަކާއި ރޯޑްރޭސްތަކުގެ ދުނިޔޭގެ ބެލެނެވެރި ފަރާތަކީ ވޯލްޑް އެތުލެޓިކްސް ކަމަށްވެފައި އެފަދަ އިވެންޓްތަކުގެ ނަތީޖާ އާއި ރެކޯޑް ގަބޫލުކުރުމުގެ ހައްގު އޮންނާނީ ވޯލްޑް އެތުލެޓިކްސް އާއި އެ ޖަމިއްޔާގެ މެމްބަރުން ކަމަށްވާ ގައުމުތަކުގެ ނެޝަނަލް އެސޯސިއޭޝަންތަކަށެވެ.

އެގޮތުން އެސޯސިއޭޝަނުން ބުނީ ދިވެހި އެތުލީޓުންގެ ނަތީޖާ އާއި ރެކޯޑް ގަބޫލުކުރާނީ ވާދަކުރި މުބާރާތަކީ ނުވަތަ ދުވުމަކީ އެސޯސިއޭޝަނުން ހުއްދަ ދީގެން ބޭއްވި އިވެންޓެއް ނަމަ އެވެ. އަދި ރާއްޖޭން ބޭރުގައި ނަމަ އެ މުބާރާތަކީ ނުވަތަ ދުވުމަކީ އެ ގައުމެއްގެ އެތުލެޓިކްސް ނެޝަނަލް އެސޯސިއޭޝަނުން ގަބޫލުކުރާ މުބާރާތެއް ނަމަ އެވެ.

ރާއްޖޭގެ ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ރިކްރިއޭޝަނަލް ދުވުންތެރިން އަންނަނީ ގަވާއިދުން ކޮންމެ އަހަރަކު ވެސް ރާއްޖޭން ބޭރުގެ އެކި ރޭސްތަކުގައި ދުވަމުންނެވެ. ބައެއް ދުވުންތެރިން ރަނގަޅު ކާމިޔާބީތައް ވެސް ހޯދަ އެވެ. އަދި ރާއްޖޭގައި ވެސް މިހާރު ކޮންމެ އަހަރެއްގައި ވެސް އެކި ފެންވަރުގެ ރޭސްތައް ބާއްވަ އެވެ. އެސޯސިއޭޝަނުން ބުނީ އެފަދަ ރޭހަކީ އެތަނުން ގަބޫލުނުކުރާ އިވެންޓެއް ނަމަ ލިބޭ ކާމިޔާބެއް ނުވަތަ ހަދާ ރެކޯޑެއް ބަލައިނުގަނެވޭނެ ކަމަށެވެ.