މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ

އަހަރެއްގެ މެދުކެނޑުމަކަށް ފަހު، ގުޑީސް ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ހޯކްސް ކުޅޭ މެޗުން ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.


އެންމެ ފޯރިގަދަކޮށް ކުރިއަށްދާ ވޮލީބޯޅަ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާގޮތަށް މިދިޔަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބިފައިވާ މުއްދަތުގެ ތެރެއަށް ފައްތައިގެން ވޮލީ ސީޒަން ކުރިއަށް ގެންދާއިރު އޭރު ލީގު ކުޅެވެން ނެތުމުންނެވެ.

މި އަހަރު އަންހެން ޑިވިޝަނަށް ލީގު ބާއްވާފައިނުވި ނަމަވެސް ފިރިހެން ޑިވިޝަނަށް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ވީއޭއެމް ހިންގުމުގައި ގިނަ މައްސަަލަތަކެއް ދިމާވި މި އަހަރުގައި އަންހެން ޑިވިޝަނަށް އޮތީ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތެވެ. އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަން މިދިޔަ މަހު ބާއްވަން މަސައްކަތްކުރި ނަމަވެސް ނުބޭއްވުނީ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން ގައުމީ ފިރިހެން ވޮލީ ޓީމު ސާބިއާގެ ކޯޗު މިލޮރަޑް ކިޔާޗްގެ ބެލުމުގެ ދަށުން އޭރު ފަރިތަކުރަމުންދިއުމާ އެކު އެވެ. މިހާރު އޮތްގޮތުން އެސޯސިއޭޝަން ކަޕް ނުބާއްވައި ފިރިހެން ޓީމުތަކަށް ގައުމީ ލީގުގެ އިތުރުން ގައުމީ މުބާރާތް ބާއްވާނެ އެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ގުޑީސް އާއި ހޯކްސްގެ އިތުރުން އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކޮށް އެކުލަވާލާފައިވާ ޓީމަކީ ޕޮލިހެވެ. ފަތުހުﷲ ވަހީދު (ފައްލޯ)ގެ ކޯޗުކަމުގައި ކުޅޭ ޕޮލިސް ޓީމުގައި ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނެ އެވެ. ޕޮލިހުގެ ކުޅުންތެރިންނަށް ބަލާއިރު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ، އަލީ ހުޒާމް (ހުޒަންޓެ)، މުހައްމަދު ނައީމް (ނައިންޓެ)، ހުސެއިން ރަޒާން އަދި ހުސެއިން ޔޫސުފް ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ވެސް މި ފަހަރު ޕޮލިސް ޓީމުގެ ލިސްޓުގައި ވަނީ ހިމަނައިފަ އެވެ. މިއީ ވޮލީ ކުޅުން ހުއްޓާލުމަށް ފަހު އެނބުރި އައިސް އިންޑޯ މުބާރާތެއްގައި ބަޓިސް ކުޅޭނެ ފުރަތަމަ މުބާރާތެވެ. ބަޓިސް ވަނީ މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތް ކާމިޔާބުކުރި ބަނޑޮސް ޓީމަށް ކުޅެފަ އެވެ.

އިންޓަ ރިސޯޓް ފައިނަލް މެޗުގެ ތެރެއިން ބަޓިސް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ކެޕްޓަންކަމުގައި ކުޅޭ ސިފައިންގެ ކްލަބްގެ ކޯޗަކީ މުމްތާޒް އަލީ (މުންތޭ) އެވެ. އެ ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު ސެޓަރު ހުސެއިން ޝާހިދު (ޝާޑު)ގެ އިތުރުން ބީޗް ވޮލީބޯޅަ ގައުމީ ޓީމުގައި ހިމެނޭ އާދަމް ނަސީމް (އެޑަމް) ފާހަގަކޮށްލެވެ އެވެ.

މި ފަހަރުގެ މުބާރާތަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުންނަ އަނެއް ޓީމަކީ ގުޑީސް އެވެ. ޝަފާޒް އިބްރާހިމްގެ ކޯޗުކަމުގައި ކުޅޭ ގުޑީސްގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމުގެ މުހައްމަދު އަހުސަން، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، ޖަވާމް އަލީ (ދަގަނޑޭ)، އާދަމް ފައިރޫޒް އަދި ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން ހިމެނެ އެވެ. މީގެ އިތުރުން ނޭލާލުގެ ހުނަރުވެރި ކުޅުންތެރިޔާ މަން ބަހާދުރު ޝްރެސްތާ ވެސް ވަނީ އެ ޓީމަށް ގެނެސްފަ އެވެ. ގުޑީސްގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ސެޓަރު ބުޅިކެ އެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ގައުމީ ލީގުގެ ޝީލްޑް އުފުލާލި މޯލްޑިވިއަން އިންނެވެ.

ގައުމީ ލީގަށް ފަހު އަންނަ މަހު ނުވަ ވަނަ ދުވަހު ފަށާ 51 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތަށް ހޮވޭނީ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެކެވެ. އެހެން ކަމުން ލީގުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ގައުމީ މުބާރާތުގެ ފުރުސަތު ގެއްލޭނީ އެންމެ ޓީމަކަށެވެ.