އީގަލްސް ދެ ވަނަ އަށް އަރައިފި

ޔުނައިޓެޑް ވިކްޓްރީ 1-0 އިން ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ކްލަބް އީގަލްސް މިރޭ އަރައިފި އެވެ.


އީގަލްސް މިދިޔަ ހަފުތާގައި ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 3-2 އިން ބަލިވުމުން ދެ ވަނަ އަރަން ލިބުނު ފުރުސަތު ގެއްލުނީ އެވެ. އެކަމަކު ދެ ވަނައިގައި 23 ޕޮއިންޓާ އެކު އޮތް ގްރީންސްޓްރީޓްސް މިއަދު ފ. ނިލަންދޫ އަތުން 1-0 އިން ބަލިވުމުން އީގަލްސް އަށް އެ ފުރުސަތު އަލުން ލިބުނީ އެވެ. އީގަލްސް ދެ ވަނަ އަށް މި އެރީ 24 ޕޮއިންޓާ އެކު އެވެ. އެކަމަކު މި ވަގުތު ހަތަރު ވަނައިގައި 22 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް މާދަމާރޭ މާޒިޔާ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު ދެ ވަނަ އަށް އަރާނެ އެވެ. ތާވަލުގެ އެއް ވަނައިގައި 35 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.

ޔުނައިޓެޑް ވިކްޓްރީ އޮތީ 12 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. މިރޭ މޮޅުވި ނަމަ އެ ޓީމަށް ހަތް ވަނަ އަށް ޖެހިލެވުނީހެވެ. މި ވަގުތު ހަތް ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ މިއަދު ހަވީރު ގްރީންސްޓްރީޓްސް އަތުން މޮޅުވި ނިލަންދޫ އެވެ.

ހަސަން ރާއިފް އަހުމަދު (ހަންނަ) 71 ވަނަ މިނެޓުގައި ޖެހި ލަނޑުން މޮޅުވި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޅުން ވަރަށް ރަނގަޅު ކަމަށާއި ހާއްސަކޮށް ފުރަތަމަ ހާފުގައި ޕާސިން އާއި މޫވްމަންޓާއި ބޯޅަ ރިކަވާކުރުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ފުރުސަތު ވެސް ލިބުނު. މިދިޔައީ ދެ މެޗެއް ވަރު ޗާންސް ލިބި ގޯލް ނުޖެހި. އެކަމަކު މިރޭ ތަފާތަކީ މަސައްކަތުގެ ރޭޓް ރަނގަޅުކަން. ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" މޯހަން ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ހިތްހަމަޖެހޭ ވަރަށް ކުޅުނު ކަމަށާއި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ. އެކަށީގެންވާ ސްޓްރައިކަރެއް ނެތް ކަމަށާއި އެކަން މެނޭޖްމަންޓުގައި ވެސް ހިއްސާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. މުހައްމަދު ބުނީ ކޮޅަށް ވަން ގޯލް ވެސް ވަނީ ދަނޑީގައި ޖެހިފައި އައިސް ކަމަށާއި އެކަން ވެސް ދިޔައީ ނަސީބު ދެރަކޮށް ކަމަށެވެ. މުހައްމަދު ހަވާލުވެގެން ޔުނައިޓެޑް ވިކްޓްރީ ކުޅުނު ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.