ފޯކައިދޫ އާއި ދަ ގްރާންޑޭ އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ށ. ފޯކައިދޫ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.


މި ނަތީޖާއާ އެކު ފޯކައިދޫ ފަސް ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު އެވެ. ދަ ގްރާންޑޭ އޮތީ 19 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު މާޒިޔާ އެވެ.

މިއަދުގެ މެޗުގައި ޖުމްލަކޮށް ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ދަ ގްރާންޑޭ އިންނެވެ. އެ ޓީމުގެ އޮބައިދޫ ކަދޫމް އަށް ފުރަތަމަ ހާފުގައި ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ފޯކައިދޫން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު މެޗުގެ ފަހުބައިގައި އަނެއްކާ ވެސް ފެނިގެން ދިޔައީ ދަ ގްރާންޑޭގެ ނުރައްކަލެވެ. އެގޮތުން ފަހު 10 މިނެޓުގައި އެ ޓީމަށް ނުރައްކާތެރި ހަތަރު ފުރުސަތު ލިބި ބޭކާރުވި އެވެ. އިތުރު ވަގުތުގެ ތެރޭ އޮބައިދޫ ފޮނުވާލި ބޯޅައެއް ދިޔައީ ގޯލް ދަނޑިއާ އިންޗެއް ބޭރުންނެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ހިތްހަމަޖެހޭ ވަރަށް ކުޅުނު ކަމަށާއި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ. ބައިވަރު ސްކޯރިން ފުރުސަތު ލިބި އެކަން ނުކުރެވުމާ އެކު އެކަން ރަނގަޅު ކުރަން ފައިނަލް ތާޑުގައި އިތުރަށް ކުޅުންތެރިން ސަމާލުވާން ޖެހޭ ކަމަށް އިންމަ ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ޓީމު އޮތް ހާލަތާ ބަލާއިރު ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސްދޭ ކަމަށާއި ޓީމު ހަމަކުރުމަކީ މިވަގުތު ކުރިމަތިވެފައިވާ ޗެލެންޖެއް ކަމަށެވެ. މިއަދުގެ މެޗަށް ވެސް ބައެއް ކުޅުންތެރިން އައީ ރަށުގައި ތިބެފަ އެވެ. އަދި މެޗަށް ފަހު އަނެއްކާ ވެސް ފުރާނެ އެވެ.