ސައިފް ގޮވައިގެން ނިޒާމްބެ ފެޑެރޭޝަން ކަޕް ކުއާޓާ އަށް

ދިވެހި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަންގްލަދޭޝްގެ ކްލަބް ސައިފް ސްޕޯޓިން ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސައިފް ކުއާޓާ އިން ފުރުސަތު ހޯދީ މިއަދު ކުޅުނު މެޗުން ފަހަތުން އަރައި ޝެއިހް ޖަމާލް ޑީސީ އަތުން 3-1 އިން މޮޅުވެގެންނެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕުން ސައިފް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ މެޗުން ސައިފް ވަނީ ރަހުމަތުގަންޖާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ގްރޫޕްގެ ދެ ވަނަ އަށް ދިޔައީ ދެ ޕޮއިންޓް ހޯދި ރަހުމަތުގަންޖު އެވެ.

ޑާކާގެ މަޝްހޫރު ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ޝެއިހް ޖަމާލްގެ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ އޮމާރް ޖޯބް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޔާސިން އަރަފާތު ވަނީ ސައިފަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެ ނަތީޖާގައި އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު ސައިފުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. ސައިފަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ތަޖިކިސްތާނުގެ ކުޅުންތެރިޔާ ޖަހަންގީރު އެރްގަޝޭފް އެވެ. އިތުރު ވަގުތުގައި ސައިފްގެ ދެ ވަނަ ގޯލު ކާމިޔާބުކުރީ ކިރްގިސްތާން ގައުމީ ޓީމަށް ކުޅެފައިވާ މިޑްފީލްޑަރު މުރޮލިމްޒޯން އަހުމަދޯފް އެވެ.

ސައިފްގެ ފަރިތަކުރުންތަކުގެ ތެރެއިން ނިޒާމްބެ (ކ) އެ ޓީމުގެ ކެޕްޓަން އަދި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޖަމާލް ބުޔާންއާ އެކު.

މިދިޔަ އަހަރުގެ ފެޑެރޭޝަން ކަޕުން ސައިފް ކެޓީ ކުއާޓާ ފައިނަލުގައި ޝެއިހް ޖަމާލް އަތުން ބަލިވުމުންނެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި ނިޒާމްބެއާ އެކު ނުކުމެ ސައިފް މި ވަނީ ޝެއިހް ޖަމާލްގެ ކިބައިން ބަދަލުހިފައިފަ އެވެ. އަންނަ އަންގާރަ ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ސައިފް ނުކުންނާނީ ގްރޫޕް އޭގެ ދެ ވަނަ ހޯދި ބަންގްލަދޭޝް ޕޮލިސް ފުޓްބޯލް ކްލަބާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުން ސައިފް މޮޅުވެއްޖެނަމަ ސެމީ ފައިނަލުގައި ޖެހުމުގެ ފުރުސަތު ބޮޑީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅޭ ބަޝުންދުރާ ކިންގްސްއާ އެވެ. ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ފުރުސަތު ހޯދި ބަޝުންދުރާ އަންނަނީ އޮސްކާގެ ކޯޗުކަމުގައި ކުރިއެރުން ހޯދަމުންނެވެ. ނިޒާމްބެ އާއި އޮސްކާގެ ކުރިމަތިލުން މީގެ ކުރިން ރާއްޖޭގައި ވެސް ފެނިފައިވެ އެވެ. އެއީ 2017 ވަނަ އަހަރު ނިޒާމްބެ ޓީސީގައި ހުރިއިރު އެވެ.

ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ނިޒާމްބެ އަކީ ސަރަހައްދުގެ ވަރުގަަދަ ލީގެއްގައި ކޯޗުކޮށްދޭ ފުރަތަމަ ދިވެހި ކޯޗެވެ. އެންމެ ފަހުން އޭއެފްސީން ނެރުނު ރޭންކިންގައި ބަންގްލަދޭޝްގެ ކްލަބް ފުޓްބޯޅަ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އަދި އެ ގައުމުގެ ލީގު ވެސް އަންނަނީ އަހަރަކަށް ވުރެ އަހަރެއް ވަރުގަދަވަމުންނެވެ. ނިޒާމްބެ ވަނީ 2017 ވަނަ އަހަރު ޓިސީއާ އެކު ގޮސް ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށްފަ އެވެ.