ޕޮލިހާއި ސިފައިން މޮޅަކުން ގައުމީ ވޮލީ ލީގު ފަށައިފި

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިސް މޮޅުވީ ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވި ގުޑީސްގެ މައްޗަށް ސިފައިންގެ ކްލަބުން ރޭ ކުރި ހޯދީ ވެސް ސީދާ ތިން ސެޓުންނެވެ.

ޒުވާން ކުޅުންތެރިންނާ އެކު އޮތް ސިޓީން ފުރަތަމަ ސެޓުގައި ޕޮލިހަށް ރަނގަޅު ފައިޓެއް ދިނެވެ. އެ ގޮތުން ފުރަތަމަ ސެޓުގެ ކުޅުން ނިމުނީ 25-22 އިން ޕޮލިސް ކުރީގައި އޮވެގެންނެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ) އަދި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް)އާ އެކު އޮތް ޕޮލިހުން ވަނީ ދެން ކުޅުނު ދެ ސެޓު 25-14 އަދި 25-15 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން ޕޮލިހުގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕޮލިހުގެ ކޯޗަކީ ދާދި ފަހުން ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ޕޮލިހަށް ކާމިޔާބުކޮށްދިން ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

ރޭ ކުޅުނު މެޗުން ވަރުގަދަ ގުޑީސް އަތުން ސިފައިން ކުރިހޯދީ ތަފާތު ކުޅުމެއް ދައްކައިގެންނެވެ. ސީދާ ތިން ސެޓުން މޮޅުވިއިރު، ސިފައިން ސެޓުތައް ގެންދިޔައީ 25-17، 25-15 އަދި 25-20 އިންނެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އޮތް ގުޑީސްއާ ދެކޮޅަށް ރޭ ސިފައިންގެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕާކިސްތާނުގެ މުބާޝަރު ރާޒާ އެވެ.

ސިފައިންގެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ސެޓަރު ހުސެއިން ޝާހިދު (ޝާޑު)ގެ އިތުރުން ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ސިފައިން ނުކުންނާނީ ސްޕޯޓްސް ކްލަބް ހޯކްސްއާ ދެކޮޅަށެވެ. އަދި މިރޭ ޕޮލިސް ބައްދަލުކުރާނީ ގުޑީސްއާ އެވެ. މި ފަހަރުގެ ގައުމީ ވޮލީ ލީގު ކުރިއަށް މި ދަނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މި އަހަރު އަލުން ގައުމީ ވޮލީ ލީގު ފެށިއިރު ކުރިއަށްދަނީ ހަމައެކަނި ފިރިހެން ޑިވިޝަން އެވެ.