ފައިސާ ނުލިބިގެން އެފްއޭއެމް ގޮވައިގެން ކުންފުންޏަކުން ކޯޓަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ދަތުރުތަކަކަށް އޭސް ޓްރެވަލް މެދުވެރިކޮށް އެފްއޭއެމުން ގަތް އެއާ ޓިކެޓްތަކަށް ލިބެން ޖެހޭ އަށް ލައްކައެއްހާ ރުފިޔާ ނުދީގެން އެ ކުންފުނިން އެފްއޭއެމް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.


އެ މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް އޭސް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް އިން ދައުވާކުރާ ޗެކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައިގެ ބޭނުމަށް އަންނަ މަހުގެ 8 ވަނަ ދުވަހު ކޯޓަށް ހާޒިރުވާން އަންގައިފަ އެވެ. މި މައްސަލަ އޮތީ އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުގަ އެވެ. އެހެންވެ އޮންނާނީ ދެ ފަރާތް ވާހަކަދައްކައިގެން ހައްލެއް ލިބޭތޯ ބެލުމެވެ.

އޭސް ޓްރެވަލްސްގެ ސީނިއާ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅީ އިތުރު ގޮތެއް ނެތުމުން ކަމަށާއި ލިބެން ޖެހޭ ފައިސާއެއް ހޯދަން މަސައްކަތް ނުކުރާ ނަމަ އޯޑިޓް ރިޕޯޓުގައި އެކަން ފާހަގަކޮށް ކުންފުނީގެ ނަން ހަޑިވެ އިތުބާރުކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރޮފެޝަނަލް އުސޫލުން މިކަމަށް ހައްލެއް ހޯދުމަށް އެ އޮންނަ އޮނިގަނޑުގެ ތެރެއިން ކުރާ މަސައްކަތުގައި، އުއްމީދުކުރަނީ ޑިސްޕިއުޓް ރިޒޮލިއުޝަން އިން ހައްލެއް ލިބޭނެ ކަމަށް ކަމަށެވެ.

"މިއީ އެއްވެސް ހާލެއްގައި ޒާތީވެގެން ނުވަތަ އެފްއޭއެމްގެ ވެރިންނާ އޮތް މައްސަލައަކުން ހުށަހެޅި ހުށަހެޅުމެއް ނޫން. އެގޮތަށް ވެސް ބައެއް ފަރާތްތަކުން ވާހަކަދައްކާ. އެކަމަކު ހައްލުނުވެ ދިގުލައިގެންޏާ އަޅުގަނޑުމެން މިކަން އެފްއޭއެމްގެ ބެލެނެވެރިޔާ، އޭއެފްސީ އާއި ފީފާ އަށް ވެސް ލިޔާނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ މީޑިއާ ކަމަށްވާ ވީޓީވީން ވަނީ އެފްއޭއެމުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެއްކުން ހުއްޓާލައިފަ އެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ފުޓްބޯޅަ ދައްކަމުން އައީ ވެސް ވަރަށް ކުޑަކުޑަ އަގަކަށް ކަމަށާއި މިހާތަނަށް ވެސް މެދުކަނޑާލާނުލާ ކުރިއަށްގެންދިޔައީ ހުއްޓާލައިފި ނަމަ ފުޓްބޯޅަ އަށް ދެރައެއް ލިބިދާނެތީ ކަމަށާއި އެކަމަކު ދެން އިތުރު ގޮތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެން އަލުން ފެށޭނީ ފައިސާ ލިބިގެން،" މޮންދު ވިދާޅުވި އެވެ. "ބައްސާމް ވިދާޅުވީ މިނިސްޓްރީން ލިބެން ޖެހޭ ޕޭމަންޓެއް ނުލިބިގެން ކަމަށް ލަސްވަނީ. ފަހުން ދިން މުއްދަތު ވެސް ފަހަނައަޅައި ގޮސްފި. އެންމެ ބޮޑު މައްސަލައަކީ މުއާމަލާތް ނުކުރެވުން."