ތިން ވަނަ މޮޅު ހޯދައި ގުޑީސް އެއް ވަނަ އަށް

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިގެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން މޮޅުވެ ގުޑީސް ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ފަސް ޓީމުގެ މެދުގައި ކުރިއަށްދާ މި ފަހަރުގެ ލީގުގައި މިހާތަނަށް ގިނަ މެޗުތަކެއް ކުޅެފައިވާއިރު، ގުޑީސް އެއް ވަނައިގައި އޮތީ ލީގުގެ ފުރަތަމަ ބުރުގެ ހަތަރު މެޗު ހަމަކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ދިވެހި ސިފައިންގެ ކްލަބް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި ޕޮލިސް ކްލަބް އެވެ. ހަތަރު ވަނައިގައި އޮތް ސްޕޯޓްސް ކްލަބް ސިޓީ އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ސްޕޯޓްސް ކްލަބް ހޯކްސް ތިން މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ގުޑީސް ވަނީ ސިޓީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. ގުޑީސް އިން ސެޓުތައް ގެންދިޔައީ 31-29، 25-19 އަދި 25-10 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުުޅުމެއް ފެނިގެންދިޔައިރު، ސިޓީން ވަނީ ގުޑީސްގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިން ހުއްޓުވަން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ މެޗުން ގުޑީސް މޮޅުވުމުގައި ބޮޑު ކްރެޑިޓެއް ހައްގުވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމުގެ ކެޕްޓަން ހުސެއިން ވިޝާމް (ބުޅިކެ) އެވެ. ބުޅިކެ ވަނީ ރޭ އެ ޓީމުގެ ލީޑުތައް ދެމެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ފަހަރުގެ މުބާރާުތަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ގުޑީސް އަށް ނޭޕާލުގެ ހުނަރުވެރި ކުޅުންތެރިޔާ މަން ބަހާދުރު ވެސް ކުޅެ އެވެ.

ފުރަތަމަ ސެޓު އުނދަގޫކޮށް ދިޔަ ނަމަވެސް ދެން ކުޅުނު ދެ ސެޓުގައި ގުޑީސް އިން ވަނީ އިތުބާރާ އެކު ކުޅެ ކާމިޔާބު ހޯދައިފަ އެވެ. ގުޑީސްގެ ކޯޗަކީ ޝަފާޒް އިބްރާހިމް އެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ސިފައިން ބައްދަލުކުރާނީ ސިޓީއާ އެވެ. އަދި މިރޭ ކުޅޭ މެޗުގައި ޕޮލިހުން ނުކުންނާނީ ހޯކްސްއާ ދެކޮޅަށެވެ. މިރޭގެ މެޗުގައި ޕޮލިސް ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިން ކުޅޭނެ އެވެ.