ފުރަތަމަ މުބާރާތުން ނިޒާމްބެ އަށް އުއްމީދު

ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ހަވާލުވެ، ކުރިމަތިލި ފުރަތަމަ މުބާރާތް ކަމަށްވާ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕުގެ ކުއާޓާ ފައިނަލުން ބަލިވިޔަސް އޭނާ ހުރީ ފަސް އެނބުރި ނުބަލައި ކުރިއަށް ދިއުމުގެ ބޮޑު އުއްމީދެއްގަ އެވެ.


ގައުމުން ބޭރުގެ ވަރުގަދަ ލީގަކަށް ދިޔަ ފުރަތަމަ ދިވެހި ކޯޗުގެ ގޮތުގައި ނިޒާމްބެ ސައިފްއާ ހަވާލުވީ އެ ޓީމުން އޭނާއާ މެދު އޮތް އިތުބާރު ބޮޑުކަމުންނެވެ. ނިޒާމްބެ އަކީ ސައިފަށް ކޯޗުކޮށްދޭ އޭޝިއާގެ ފުރަތަމަ ކޯޗެވެ. މީގެ ކުރިން އެޓީމަށް މުޅިން އިރުޝާދުދިނީ ޔޫރަޕްގެ ކޯޗުންނެވެ.

ފެޑެރޭޝަން ކަޕްގެ ފުރަތަމަ މެޗުން ސައިފް ވަނީ ރަހުމަތުގަންޖާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެކަަމަކު ދެ ވަނަ މެޗުން ޝެއިހް ޖަމާލް ޑީސީ އަތުން 3-1 އިން މޮޅުވެ ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔަ އެވެ. މިދިޔަ އަހަރުގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ކެޓީ ޝެއިހް ޖަމާލް އަތުން ބަލިވެގެންނެވެ. މި އަހަރުގެ ކުއާޓާ ފައިނަލުގައި ނިޒާމްބެ އިރުޝާދުގެ ދަށުން ކުޅެ ސައިފް ކުއާޓާގައި ބަލިވީ ބަންގްލަދޭޝް ޕޮލިސް އެފްސީ އަތުން 3-1 އިންނެވެ.

ނިޒާމްބެ "މިހާރަ"ށް ބުނީ ކުއާޓާ މެޗުން ބަލިވީ ކުޅުންތެރިންނަށް ފަސޭހަކޮށްލެވިގެން ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި މެޗު ޑޮމިނޭޓްކޮށްގެން ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާނެ ކަމަށެވެ.

"މިއީ އުނދަގޫ މަސައްކަތެއް. މި ތަނުގައި ގިނަ ބަޔަކު ގަބޫލުކުރަނީ ޔޫރަޕްގެ ކޯޗުންނަށް. އަހަރެން މިތަނުގައި މަސައްކަތް މިކުރަން ޖެހެނީ މިހެން ހުރި ވަރަށް ގިނަ ކަންތައްތަކާ ދެކޮޅަށް. މިއީ ދެކުނު އޭޝިއާގެ ކޯޗުންނަށްޓަކައި ވެސް ވަރަށް ވިސްނުންތެރިކަމާ އެކު ރަނގަޅަށް ކުރަން ޖެހޭ މަސައްކަތެއް،" ނިޒާމްބެ ބުންޏެވެ.

ސައިފް ޕްރެކްޓިހެއްގެ ތެރެއިން ނިޒާމްބެ ބުނެދެނީ. -- ފޮޓޯ: ސައިފް ސްޕޯޓިން

ޓީސީ ސްޕޯޓްސް ކްލަބް ގޮވައިގެން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދި ނިޒާމްބެ ސައިފާ ހަވާލުވުމުގެ ކުރިން ބަންގްލަދޭޝްގެ ކްލަބެއް އަތުން ބަލިނުވެ އެވެ. ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ކޮލިފައިންގައި 2018 ވަނަ އަހަރު ސައިފް ބަލިކޮށްފަ އެވެ. ސައިފްއާ ހަވާލުވެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ބަލިވިއިރު، މިއީ ބަންގްލަދޭޝްގެ ކްލަބެއް އަތުން ނިޒާމްބެ އަށް ލިބުނު ފުރަތަމަ ނާކާމިޔާބެވެ. އެކަމަކު އޭނާ ހުރީ މާ ވަރުގަދަ އަޒުމެއްގަ އެވެ.

"އިންޝާﷲ. އަހަރެން އަމިއްލަ ގައުމުގައި ވެސް ކާމިޔާބު ލިބުނު. މިއީ އަހަރެން ބޭރު ގައުމެއްގައި ބޭރު ޓީމެއް ގޮވައިގެން ކާމިޔާބު ހޯދަންވީ ފަހަރު. މިތަނުގައި ހުރިހާ ފޯކަސް އެއް ބަހައްޓައިގެން ބޭނުމީ މޮޅުވާން. މިއީ ފަސޭހަ ވަޒީފާއެއް ނޫން. މިއީ ނުވާނެ ކަމެއް ވެސް ނޫން،" ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ނިޒާމްބެ ބުންޏެވެ.

ވާދަވެރި ދެ މެޗުގައި ސައިފް މިހާތާނަށް ދެއްކި ކުޅުމުގައި ނިޒާމްބެ ބޭނުންވާ ސިސްޓަމަށް މަޑުމަޑުން އެ ޓީމު އަންނަނީ ހޭނެމުންނެވެ. ނިޒާމްބެ ދެކޭގޮތުގައި އޭނާގެ އެ ރޭވުންތައް އެ ޓީމުގައި ވެސް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑެވެ.

ތޭރަ ޓީމު ވާދަކުރާ ބަންގްލަދޭޝްގެ ޕްރިމިއާ ލީގު މި މަސް ތެރޭ ފަށާނެ އެވެ. އެންމެ ފަހުން އޭއެފްސީން ނެރުނު ރޭންކިންގައި ބަންގްލަދޭޝްގެ ކްލަބް ފުޓްބޯޅަ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އަދި އެ ގައުމުގެ ލީގު ވެސް އަންނަނީ އަހަރަކަށް ވުރެ އަހަރެއް ވަރުގަދަވަމުންނެވެ. ބަންގްލަދޭޝް ލީގު ކުރިއެރުވުމުގައި އިންޑިއާގެ ސުޕަ ލީގު ނަމޫނާ އަކަށް ބަލަ އެވެ.