ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ސިފައިން ހޯދަައިފި

ލީގުގެ ފަހު މެޗުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިސް ކްލަބް އަތުން 3-2 ސެޓުން ބަލިވި ނަމަވެސް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.


ރޭގެ މެޗުން ސިފައިންނަށް ލީގު ގެއްލެން އޮތީ އެ މެޗު ފަސް ސެޓަށް ނުގޮސް ޕޮލިސް މޮޅުވި ނަމަ އެވެ.. އެކަމަކު ފަސް ސެޓަށް ދިއުމުން ސިފައިންނަށް ގައުމީ ލީގު ކަށަވަރުވީ އެވެ. ސިފައިން އެއް ވަނަ ދިޔައީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޕޮލިސް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ އިއްޔެ ހަވީރު ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވި ގުޑީސް ސްޕޯޓްސް ކްލަބް އެވެ. ގުޑީސް އަށް ވަނީ 14 ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 23-25، 26-24، 24-26، 28-26 އަދި 11-15 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ސިފައިން ރަނގަޅު ލީޑެއްގައި އޮތެވެ. އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ މުބާޝިރު ރާޒާ އާއި އިދްރީސް މުހައްމަދުގެ ފަރާތުން ރަނގަޅު ކުޅުމެއް ސެޓުގެ ކުރީކޮޅުގައި ފެނިގެންދިޔަ އެވެ. އޭގެ ފައިދާ ނަގައި ސިފައިން ލީޑެއްގައި އޮތް ނަމަވެސް 13-13 އިން އެއްވަރުވިފަހުން ސިފައިންނަށް ކުރިން ދެއްކި ކުޅުން ދައްކަން އުނދަގޫވި އެވެ. ޕޮލިހުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ދިޕްތީ އާއި ސަމާލްގެ އިތުރުން ހުނަރުވެރި ކުޅުންތެރިޔާ އަލީ ހުޒާމް (ހުޒަންޓެ)ގެ ރަނގަޅު ހަމަލާތަކެއް ފަހުން ފެނިގެންދިޔަ މި ސެޓު 23-25 އިން ގެންގޮސް ޕޮލިހުން ހަމަޖެހިލި އެވެ.

ޕޮލިހުގެ ކުޑަކާއްޓެ (ކ) އާއި ހުޒަންޓެ އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް)ގެ ފުރިހަމަ ބޭނުންހިފައި ޕޮލިހުން ލީޑު ދަމަހައްޓަމުންދިޔަ އެވެ. މުޅި ސެޓުގައި އެއްކޮށް ކަހަލަ ގޮތަކަށް ރަނގަޅު ފޯމެއްގައި އޮވެ ސެޓު ނިންމާލަން ލިބުނު ޕޮލިސް ޓީމަށް ފަހު ކޮޅުގައި ގޯސްތަކެއް ހެދުނެވެ. އޭގެ ފައިދާ ސިފައިންގެ ޓީމުން ވަރަށް ރަނގަޅަށް ނެގި އެވެ. ސިފައިންގެ ޓީމަށް ދެ ވަނަ ސެޓު ހޯދައިދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށެވެ. ލޯންގޭ ޖެހިޖެހިގެން ކުރި މޮޅު ތިން ސާވިސްއާ އެކު ސިފައިން ވަނީ ދެ ވަނަ ސެޓު 26-24 އިން ގެންގޮސްފަ އެވެ.

ސެޓެއް ލިބުމާ އެކު ސިފައިން ތަފާތު ރޫހެއްގައި ފަށައި ތިން ވަނަ ސެޓުގެ ކުރީކޮޅުގައި ބޮޑު ލީޑެއް ނެގި އެވެ. ލޯންގޭ އާއި މުބާޝިރުގެ އިތުރުން ސެޓަރު ހުސެއިން ޝާހިދު (ޝާޑު)ގެ މޮޅު ކުޅުމާ އެކު ސިފައިން ހަ ޕޮއިންޓުން ކުރީގައި އޮތެވެ. އެކަމަކު ޕޮލިހުގެ ކޯޗު އަޝްރަފު އަލީ (އަސްރާ) ޓައިމްއައުޓްތަކެއް ނަގައި ޓީމު ހަމަޖައްސުމުގެ ނަތީޖާ އަކަށްވީ ޕޮލިހުން 13-13 އިން ފަހަތުން އަރައި އެއްވަރުކުރުމެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ރަނގަޅު ހަމަލާތަކެއް މި ސެޓުގެ ފަހުކޮޅުގައި ފެނިގެންދިޔައިރު، ޕޮލިހުން ސެޓު ގެންދިޔައީ 24-26 އިންނެވެ. މި ސެޓުގައި ސިފައިންގެ ޓީމުގެ މުބާޝިރަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި އެވެ. އެކަމަކު ފަރުވާ ހޯދުމަށް ފަހު އޭނާ ކުޅުނެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ރަނގަޅު ރޫހެއްގައި ކުޅެ ޕޮލިހުން ބޮޑު ލީޑެއް ނެގި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ލަންކާ ގައުމީ ޓީމަށް ކުޅޭ ދިޕްތީގެ ފަރާތުން މި ސެޓުގެ ކުރީކޮޅުގައި މޮޅު ކުޅުމެއް ފެނުނެވެ. އެކަމަކު ވަކި ހިސާބަކުން ސިފައިން އަލުން ފޯމަަކަށް އެޅި ފަހަތުން އަރައި އެއްވަރުކުރި އެވެ. ސިފައިންގެ ފަރާތުން މި ސެޓުގެ ފަހު ވަގުތާ ހަމައަށް ހިތްވަރުގަދަ ކުޅުމެއް ފެނުނެވެ. އެންމެ މޮޅަށް ކުޅުނީ އާދަމް ނަސީމް (އެޑަމް) އާއި ލިބަރޯ އަހުމަދު ނަބީލް އެވެ. މީގެ ތެރެއިން އެޑަމް ހާއްސަވަނީ އެ ވަގުތު އޭނާ ހުއްޓުވަން ޕޮލިހަށް ވަރަށް ބޮޑަށް އުނދަގޫވުމުންނެވެ. ދެ ޓީމަށް ވެސް ސެޓު ނިންމަން ލިބި ބޭނުންނުކުރެވި ދަނިކޮށް އެންމެ ފަހުން ފުރުސަތުގެ ބޭނުން ހިފައި 28-26 އިން ސިފައިން ސެޓު ގެންދިޔައީ އެވެ. ދެ ސެޓު ލިބުމާ އެކު ސިފައިންނަށް ޗެމްޕިއަންކަން ލިބުމުން ކުޅުންތެރިންނާއި ކޯޗުން ކޯޓު މައްޗަށް އަރައި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ސިފައިންގެ ލޯންގޭ ރޭގެ މެޗުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި މެޗުގެ ނަތީޖާ ނެރެން ފަސް ވަނަ ސެޓެއް ކުޅުނު ނަމަވެސް ދިޔައީ މާބޮޑު ފޯރިއެއް ނެތި އެވެ. މުބާރާތުގެ ޗެމްޕިއަންކަން ސިފައިންނަށް ކަށަވަރުވެފައިވުމުން މި ސެޓުގައި އެ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި ސެޓު 11-15 އިން ގެންގޮސް ޕޮލިސް ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ އެޑަމް އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ސިފައިންގެ ކޯޗު މުންތޭ އަށް ލިބުނުއިރު، ފެއާޕްލޭ ޓީމަކީ ސިފައިން އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ސިފައިންގެ ލޯންގޭ އާއި ޝާޑު އަދި ނަބީލްގެ އިތުރުން ޕޮލިހުގެ ހުޒަންޓެ އާއި ކުޑަކާއްޓެ އަދި ހުސެއިން ޔޫސުފް އަދި ގުޑީސްގެ އާދަމް ފައިރޫޒް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ގުޑީސްގެ ޝަމާއިލް ހުސެއިން އެވެ.

ގައުމީ ވޮލީ ލީގު މި ފަހަރު ބޭއްވީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާގޮތަށް މިދިޔަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބިފައިވާ މުއްދަތުގެ ތެރެއަށް ފައްތައިގެން ވޮލީ ސީޒަން ކުރިއަށް ގެންދާއިރު އޭރު ލީގު ކުޅެވެން ނެތުމުންނެވެ. މި އަހަރު ބޭއްވީ ފިރިހެން ޑިވިޝަން އެކަންޏެވެ. ސިފައިން ބަލިކުރުމަށް ފަހު 2017 ވަނަ އަހަރު ގައުމީ ލީގު ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން އެވެ. އޭގެ ކުރިން ފަހަރު 2016 ވަނަ އަހަރު ހޯދީ ސިފައިންނެވެ.