އޭޝިއާގެ އިންޑޯ މުބާރާތަށް ސާއިދާ އެކު ހަތަރު ދުވުންތެރިން

އަންނަ މަހު ޗައިނާގައި ބާއްވާ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރަން، 2018 ވަނަ އަހަރުގެ މުބާރާތުގެ 60 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކުރި ހަސަން ސާއިދާ އެކު ރާއްޖޭން ހަތަރު ދުވުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި އެވެ.


ސާއިދު މި ފަހަރު ވެސް ވާދަކުރާނީ 60 މީޓަރު ދުވުމުގަ އެވެ. އޭނާ 2016 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގައި އެ އިވެންޓުން ފައިނަލުގައި 6.84 ސިކުންތުން ދުވެ މުޅި އޭޝިއާގެ ފަސް ވަނަ ހޯދި އެވެ. އަދި ގައުމީ ރެކޯޑް ދެ ފަހަރު އާކުރި އެވެ. ރެކޯޑް ފުރަތަމަ މުގުރާލީ ހީޓުގައި 6.81 ސިކުންތުން ދުވެގެންނެވެ. އަދި ރެކޯޑް އާކުރީ ސެމީ ފައިނަލުގައި 6.75 ސިކުންތުން ދުވެގެންނެވެ. ކުރިން ރެކޯޑް އޮތީ 2010 ވަނަ އަހަރުގެ މުބާރާތުގައި 7.27 ސިކުންތުން ދުވި އިސްމާއިލް ޝަނީމް އަތުގަ އެވެ. އޭގެ ކުރިން ރެކޯޑް އޮތީ 2006 ވަނަ އަހަރު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުގައި 7.33 ސިކުންތުން ދުވި އަލީ ޝަރީފުގެ އަތުގަ އެވެ.

ރިޒާ ސައުތު އޭޝިއަން ގޭމްސްގައި ދުވުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ

މިދިޔަ މަހު ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދި ސާއިދުގެ ރަސްމީ ދެ އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އިންޑޯގައި ނޯވެ އެވެ. މި މުބާރާތުގައި ރާއްޖޭން ދެން ވާދަކުރަނީ 800 މީޓަރު ދުވުމުގައި ވާދަކުރާ ހުސެއިން ރިޒާ (ކުޑަރިޒާ) އާއި 60 މީޓަރުގައި ވާދަކުރާ މަރިޔަމް އަލްހާ ހުސެއިން އަދި 400 މީޓަރު ދުވުމުގައި ވާދަކުރާ އައިޝަތު ހިމްނާ ހަސަން އެވެ.

އަލްހާ (ކ-2) އާއި ހިމްނާ (ކ-3) ސައުތު އޭޝިއަން ގޭމްސްގައި ރިލޭ ޓީމާ އެކު. -- ފޮޓޯ: އަބްދުﷲ އަބީދު/ އެމްއޯސީ

މީގެ ތެރެއިން ހިމްނާ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ މަހު އޮތް ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ފައިނަލުން ހިމްނާ ފުރުސަތު ހޯދީ ހީޓުގެ ހަތަރު ވަނަ ދުވުންތެރިޔާގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓް ވަނީ 2018 ވަނަ އަހަރު ވަނީ އަންހެނުންގެ 400 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ޔޫތު ގައުމީ ރެކޯޑް ދެ ދުވަސް ތެރޭ މުގުރާލައިފަ އެވެ.

ފެބްރުއަރީ 12-13 އަށް އޮންނަ މުބާރާތުގައި ރާއްޖޭން ވާދަކުރާ ދުވުންތެރިންގެ ކޯޗަކީ ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ހުސެއިން ހަލީމެވެ. މިއީ ދުވުން ހުއްޓާލުމަށް ފަހު ދާދި ފަހުން ކޯޗިން ފެށި ހަލީމްގެ ފުރަތަމަ ބޮޑު މުބާރާތެވެ.