އެޑަމް ހުރިހާ ގޮތަކުން ވެސް ތަފާތު ދައްކައިފި

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފިރިހެން ޑިވިޝަނުގެ ދެ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާރަށް ޓީމުތަކުން ތައްޔާރުވިއިރު ވަރުގަދަކޮށް ތިން ޓީމެއް އޮތެވެ. އެ ތިން ޓީމުގެ ތެރެއިން ދެ ސީޒަނުގެ ދެ މުބާރާތުގެ ތަށި ވެސް ސިފައިންނަށް ލިބޭނެ ކަމަށް މުބާރާތުގެ ކުރިން ގިނަ ބަޔަކު އެއްބަސްނުވެދާނެ އެވެ. އެކަމަކު އެކަން ހަގީގަތަކަށް ހަދައި ސިފައިންނަށް ގައުމީ ލީގާއި ގައުމީ މުބާރާތުގެ ރަން ތަށި ހޯދައިދިނުމުގައި މުހިއްމު ރޯލެއް ކުޅުނީ ދެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ.


އެޑަމް އަށް ގިނަ ބަޔެއްގެ ލޯ އެންމެ ފުރަތަމަ އަމާޒުވީ 2016 ވަނަ އަހަރުގެ ގައުމީ ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުންނެވެ. އޭރު އުމުރުން 24 އަހަރުގައި އެޑަމް ވަނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންގެ ތެރޭގައި އާދަޔާހިލާފު ހިތްވަރެއް ދައްކައިފަ އެވެ. އެ ކާމިޔާބީގެ މަތީގައި ފައިތިލަ ސާބިތުކޮށް ކެނޑިނޭޅި ކުރަމުން އައި މަސައްކަތުން މި އަހަރު އެޑަމް މި ވަނީ ކާމިޔާބީގެ ހަރުގަނޑަށް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ކުޅުންތެރިޔާ އަށް ދޭ ދެ ޓްރޮފީ އިތުރުކޮށްފަ އެވެ.

"އަސްލު ވަރަށް އުފާވެއްޖެ. ހިއެއް ނުކުރަން މި ކަހަލަ ކާމިޔާބެއް ލިބޭނެ ކަމަށް. އެހާ ބައިވަރު މޮޅެތި ކުޅުންތެރިންތަކެއް ތިއްބާ ހިއެއް ނުކުރަން. މިހާރު ތިން ފަހަރު މި ލިބުނީ. ވަރަށް އުފާވޭ،" ރޭ ގައުމީ މުބާރާތުގެ ފައިނަލް މެޗުގައި 3-2 އިން ޕޮލިހުންގެ މައްޗަށް ސިފައިން ކުރިހޯދި މެޗަށް ފަހު އެޑަމް ބުންޏެވެ.

އަމިއްލަ މަސައްކަތުން ކުރިއަރަން އެކި ގޮތްގޮތުން މަސައްކަތްކުރާ ކުޅުންތެރިންނަށް އެޑަމް އަކީ ނަމޫނާ އެކެވެ. އޭނާ އަކީ އިންޑޯގެ އިތުރުން ބީޗް ވޮލީ އަށް ވެސް ދެ އެވެ. މީގެ ތިން އަހަރު ކުރިން ގައުމީ ލީގުގައި އެޑަމް އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ނަމަވެސް އޭނާގެ އެ ކާމިޔާބީގައި އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ދެވޭގޮތެއްނުވި އެވެ. ގައުމީ ޓީމުގައި ހިމެނުނު ނަމަވެސް އެންމެ ރަނގަޅަށް ކުޅުމުގެ ފުރުސަތު ލިބުމުގައި ދަތިތަކެއް ދިމާވުމުން އޭނާ ދެން ބޮޑަށް މިސްރާބު ޖެހީ ބީޗްވޮލީބޯޅަ އަށެވެ. ބީޗްވޮލީ ބޯޅަ ގައުމީ ޓީމުގައި ހިމެނި އޭނާ ވަނީ މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ އަށް މެޑަލް ގެނެސްދީފަ އެވެ.

ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އެޑަމް (ކ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ކިޔަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޑަމް ބުނީ ގައުމީ ލީގާއި ގައުމީ މުބާރާތުގައި ސިފައިންގެ ކާމިޔާބީގެ ފަހަތުގައި އޮތީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ.

"މިއީ އަސްލު ވަރަށް ބުރަ މަސައްކަތް ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ. އަސްލު ސިފައިންގެ ޓީމުގައި މި ފެންނަނީ މި ޓީމުގެ ޓީމްވޯކް. އެހެން ޓީމުތަކާ އަޅާކިޔާއިރު ސިފައިންނަކީ ވަރަށް ޓީމް ވޯކް ވަރުގަދަ ޓީމެއް. އެ ތަންކޮޅު އެ ތަފާތު ދައްކަނީ،" ރ. ކިނޮޅަހަށް އުފަން އެޑަމް ބުންޏެވެ.

ސިފައިން މި ފަހަރުގެ ސީޒަނުގައި ކުޅުނު މެޗުތަކަށް ބަލާއިރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ ޓީމުން ބަރޯސާވާ އެއް ކުޅުންތެރިޔަކީ އެޑަމް އަށެވެ. ގިނަ މެޗުތަކުގައި އެޑަމް ތަފާތު ދައްކާފައިވަނީ ވެސް ފަހު ސެޓުތަކުގަ އެވެ. އޭނާ އަށް ދެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.

ސިފައިންގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެޑަމް އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގުވާ ކަމަށެވެ. އަދި އެކަމާ ދެބަސްވާނެ މީހަކު މަދުވާނެ ކަމަށް ވެސް މުންތޭ ވަނީ ބުނެފަ އެވެ.

"އެޑަމް އަށް އެންމެ މޮޅު ކުޅުންތެރިޔާ ހައްގު. ވޮލީ ދަންނަ ވޮލީ ބަލާ މީހުންނަށް އެނގޭނެ. ޕޮލިހުން ވެސް ދެން ހުރި ޓީމުން ވެސް ހުރިހާ ސާވިސް އެއް ކުރަނީ އެޑަމް އަށް. އެ ރިސީވްކޮށްގެން އެޑަމް އެ ސްޕައިކްކުރަނީ. އޭނަގެ އެ ހުރީ ވަރަށް ވަރުގަދަ ވިނިން އަދި ފައިޓިން ސްޕިރިޓެއް. އެ ފައިޓިން ސްޕިރިޓް އޭނަ ދުލެއް ނުދޭ އެއްޗެއް ބްރޭކް ވެގެންދިޔަސް. ޓީމު ބަލިވަންޏާ ވަނީ ވެސް އެޑަމް އަށް ވެސް ނުކުޅެވިގެން އެކަމަކު މި ހުރިހާ މެޗެއްގައި މޮޅުވެގެން މިދިޔައީ އެޑަމްގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން،" މުންތޭ ބުންޏެވެ.

ގައުމީ ލީގުގެ ފަހު މެޗަށް ފަހު މުންތޭ ވަނީ ލީޑަރެއްގެ ގޮތުގައި ވެސް ޓީމުގައި ތިބި ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކޮށްފަ އެވެ. އެ ގޮތުން ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އާ ބައިވެރިވެގެން ޓީމު ކުރިއަށް ގެންދިއުމުގައި އެޑަމް އަދާކުރާ ދައުރު ބޮޑުކަމަށް މުންތޭ ބުންޏެވެ.

ވޮލީބޯޅައިގެ ގިނަ ކޯޗުން ގަބޫލުކުރާގޮތުގައި އެޑަމް އަށް ކުރިއެރުން ލިބޭ އެންމެ ބޮޑު ސަބަބަކީ އޭނަގެ ޑިސިޕްލިން އެވެ. އަދި ފަސް އެނބުރި ބެލުމެއް ނެތި ކުރިއެރުމަށް އަމިއްލަ އަށް ކުރާ މަސައްކަތެވެ.