ބެޑްމިންޓަނުގެ އިންތިހާބު އަންނަ މަހު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރަށް ހިންގާ ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރުން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ބާއްވާ ގޮތަށް ނިންމައިފި އެވެ.


މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އިންތިހާބު ބާއްވަން ނިންމާފައިވަނީ އާދީއްތަ ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަނުގެ މި އަހަރުގެ އެގްޒެކެޓިވް ކޮމިޓީގެ ފުރަތަމަ ޖަލްސާގަ އެވެ.

އިންތިހާބީ ޖަލްސާގައި އިންތިހާބުކުރާ މައިގަނޑު މަގާމްތަކަކީ ރައީސް، ނާއިބް ރައީސް، ހަޒާންދާރުގެ މަގާމެވެ. މީގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލްކުރާ މެމްބަރާއި އެސޯސިއޭޓް މެމްބަރުން ތަމްސީލުކުރާ މެމްބަރާއި ފަރުދީ މެމްބަރުން ތަމްސީލުކުރާ މެމްބަރާއި އަންހެން މެމްބަރުން ތަމްސީލްކުރާ މެމްބަރު ވެސް އިންތިހާބުކުރާނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ މިހާރުގެ ރައީސަކީ މޫސާ ނާޝިދެވެ. އެސޯސިއޭޝަންގެ ރައީސް ކަމުގެ ދެ ވަނަ ދައުރެއް ފުރުއްވަމުން އަންނަ މޫސަ އަކީ ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ. މޫސަ އަންނަ ދައުރަށް ކުރިމަތިލައްވާނެ ކަމަށް އަދި ނޭގެ އެވެ. ބައިނަލްއަގްވާމީ ބޮޑު ޖަމިއްޔާއެއް އިދާރީ ހިންގެވުމުގެ ޒިންމާ އޮތުމުން އޭނާ ކުރިމަތިލަތިނުލައްވާނެ ކަމަށް ވެސް ވާހަކަދެކެވެ އެވެ.

މި އަހަރަކީ ރާއްޖޭގެ ވަރަށް ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ އިންތިހާބު އޮންނަ އަހަރެވެ. ބެޑްމިންޓަނަކީ އިންތިހާބު ބާއްވާ ތާރީހު މިހާތަނަށް އިއުލާންކުރި ހަމައެކަނި އެސޯސިއޭޝަނެވެ.