ދުނިޔޭގެ ޓީޓީގެ ރައީސްގެ ތައުރީފާއި ހިތްވަރު ރާއްޖޭގެ ޓީޓީ އަށް

ޗުއްޓީއަކަށް ރާއްޖެ ވަޑައިގެން ހުންނެވި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ރައީސް ޖަރުމަނުގެ ތޯމަސް ވައިކަޓް ރާއްޖޭގެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ތައުރީފްކުރައްވައި، މި ކުޅިވަރުގައި ރާއްޖެ އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވައިފި އެވެ.


ވައިކަޓް ވަނީ އިއްޔެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އާ ބައްދަލުކުރައްވައިފަ އެވެ. އަދި ސޯޝަލް ސެންޓަރާއި ހެންވޭރު ޓީޓީ ހޯލަށް ޒިޔާރަތްކުރައްވައި ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށް ކުރިއަށްގެންދާ މަސައްކަތް ބައްލަވާލެއްވި އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު (ވ) ތޯމަސް ވައިކަޓްއާ ބައްދަލުކުރައްވަނީ.

އެ ބައްދަލުވުންތަކާއި ޒިޔާރަތްތަކަށް ފަހު ރާއްޖޭގެ އޮލިމްޕިކް ޖާޒީ ތުރުކުރުއްވައިގެން ހުންނަވައި މީޑިއާ އަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ވައިކަޓް ވިދާޅުވީ ރާއްޖެ ފެންނަނީ ޓީޓީ ކުރިއެރުވުމުގައި ވަރަށް ހަރަކާތްތެރިކޮށް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ރަސްމީކޮށް ޓީޓީ ކުޅެން ފެށިތާ 60 އަހަރު ފުރޭ އަހަރަށް ވުމާ އެކު މިއީ އާ ކުރިއެރުންތައް ހޯދަން އަލުން މަސައްކަތް ފަށައިގަންނަން ރަނގަޅު އަހަރެއް ކަމަށާއި ރާއްޖެ އާއި ރާއްޖޭގެ ކުޅުންތެރިންނަށް އައިޓީޓީއެފް އަށް އެހީވެ ސަޕޯޓްދެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީމާ އަށް އިޝާރާތްކުރައްވައި ވައިކަޓް ވިދާޅުވީ ރާއްޖޭގައި ވަރަށް މޮޅު ކުޅުންތެރިޔެއް އެބަހުރި ކަމަށާއި ކުދި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން އައިޓީޓީއެފް އިން ކުރިއަށްގެންދާ ވޯލްޑް ހޯޕްސް ޕްރޮގްރާމުގައި އޭނާ ބައިވެރިކަން ވެސް ފާހަގަކުރާ ކަމަށެވެ.

ދީމާ ވޯލްޑް ހޯޕްސް މުބާރާތުން ފުރުސަތު ހޯދީ މިދިޔަ މެއި މަހު ތައިލެންޑުގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީގެންނެވެ. އޭނާ އޭޝިއާ މުބާރާތަށް ކޮލިފައިވީ ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ތޯމަސް ވައިކަޓް (ވ) އަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ރާއްޖޭގެ އޮލިމްޕިކް ޖާޒީއެއް ހަދިޔާކުރައްވަނީ: މިއީ ދުނިޔޭގެ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސަކު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރު.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ފިޔަވައި ރާއްޖެ ވަޑައިގެންނެވި ދުނިޔޭގެ ކުޅިވަރު މައި ޖަމިއްޔާއެއްގެ ހަމައެކަނި ރައީސް ވިދާޅުވީ ރާއްޖެ އާދެވުނީ އުފާކުރާ ކަމަށާއި ރާއްޖޭން ފެންނަނީ ޓީޓީގެ ކުރިއެރުވުމުގެ މަސައްކަތް އިތުރުވަމުން އަންނަ މަންޒަރު ކަމަށެވެ. އަދި އިއްޔެގެ ބައްދަލުވުންތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގައި ޓީޓީގެ އިތުރު ވަސީލަތްތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ވަސީލަތްތައް ޓީޓީ މޭޒުތަކާއި ކުޅުންތެރިންނާއި ކޯޗުންނާ އެކު ފުރާލައި ތަމްރީންތައް ކުރިއަށްގެންދަން އެދި ވައިކަޓް ވަނީ ރާއްޖޭގެ އެސޯސިއޭޝަނަށް ސަޕޯޓްދެއްވަން މަސައްކަތްކުރައްވާ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓީޓީގެ އެންމެ ކާމިޔާބު އަހަރެވެ. ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖޭން ތިން ރަން މެޑަލް ހޯދި އެވެ. ދީމާ ސިންގަލްސް ރަން މެޑަލް ހޯދިއިރު ޑަބަލްސް ރަން މެޑަލް ހޯދީ އޭނާ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އެވެ. އެ ބައިން ރިހި މެޑަލް ހޯދީ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ. އަދި އެ ހަތަރު ކުޅުންތެރިން ހިމެނިގެން އަންހެން ގައުމީ ޓީޓީ ޓީމުން ވަނީ ޓީމު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އަންހެން ޓީޓީ ޓީމުން ވަނީ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައި އެ މުބާރާތުން ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިފަ އެވެ.