އޭޝިއާ ކަޕްގެ ކޮލިފައިން އަށް ކްރިކެޓް ޓީމު ތައްޔާރުވަނީ

މި އަހަރު ރާއްޖޭގެ ކްރިކެޓުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި، އޭޝިއާ ކަޕް މުބާރާތުގެ ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ކްރިކެޓް ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.


ކްރިކެޓް ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި އޮންނަ އެންމެ ބޮޑު އެއް މުބާރާތުގެ ގޮތުގައި ބެލެވޭ އޭޝިއާ ކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ވެސްޓަން ރީޖަން ގްރޫޕުގަ އެވެ. އޮމާނުގެ ވެރިރަށް މަސްކަޓުގައި އަންނަ މަހުގެ 21-28 އަށް އޮންނަ ކޮލިފައިންގައި ވާދަކުރާނީ ރާއްޖެ އާއި އޮމާނުގެ އިތުރުން ބަހުރޭނާއި އީރާނާއި ކުވޭތާއި ގަތަރާއި ސައުދީ އަރަބިއާ އަދި ޔޫއޭއީ އެވެ.

ރާއްޖޭގެ ކްރިކެޓުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ކްރިކެޓުގެ ބޮޑެތި ބާރުތައް ނިސްބަތްވާ އޭޝިއާގެ މައި މުބާރާތަށް ކޮލިފައިވުމެވެ. ރާއްޖޭން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކަށް ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދައިފަ އެވެ. އަދި ރާއްޖޭގެ ކްރިކެޓް ޓީމުން ވަނީ މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ރާއްޖެ ދެ ވަނަ ހޯދައިފަ އެވެ. އެ މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑް އެވެ. އަދި ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ފުރުސަތު ހޯދި އެވެ.

ކޮލިފައިން އަށް ތައްޔާރުވުމަށް މިދިޔަ ޑިސެމްބަރުގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް ފަހު ރާއްޖޭން ވަނީ ތަމްރީންތައް ފަށައިފަ އެވެ. ކޯޗުންގެ ގޮތުގައި ތިބީ ތަޖުރިބާކާރު ކޯޗު އިމާދު އިސްމާއީލާއި ކުރީގެ ކުޅުންތެރިޔާ ނީޝާމް ނާސިރު އަދި ސްރީ ލަންކާގެ ނިލަންތަ ކޫރޭ އެވެ.

މި މުބާރާތަށް ފަހު ރާއްޖޭގެ ކްރިކެޓުގެ ޑޮމެސްޓިކް މުބާރާތްތައް ވެސް ފެށޭނެ އެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ވަގުތު ދިނުމަށް ބައެއް މުބާރާތްތައް ނުބޭއްވި ދިޔަ ނަމަވެސް މި ފަހަރު ހުރިހާ މުބާރާތެއް ބޭއްވޭނެ ކަމަށް ކްރިކެޓް ބޯޑުން ގަބޫލުކުރެ އެވެ. މި އަހަރުގެ ޑޮމެސްޓިކް ކަލަންޑަރަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރުހުން ދީފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މައިގަނޑު ގޮތެއްގައި ހިމެނެނީ ޓީވެންޓީ މުބާރާތްތަކެވެ. ކުރިން ބާއްވަމުން އައި ދެ ދުވަހުގެ މުބާރާތްތަކެއް ނޯންނާނެ އެވެ. ޓީވެންޓީ ނޫން ފޯމެޓަކަށް އޮންނާނީ 50 އޯވަރުގެ ގައުމީ މުބާރާތާއި 50 އޯވަރުގެ 19 އަހަރުން ދަށުގެ މުބާރަތާއި ދެ ވަނަ ޑިވިޝަނަށް ބާއްވާ 40 އޯވަރުގެ މުބާރާތެވެ. މީގެ ތެރެއިން 50 އޯވަރު ގައުމީ މުބާރާތް ކުޅޭނީ އެއް އިނިންގްސް 50 އޯވަރަށް އަދި އަނެއް އިނިންގްސް ލިމިޓެއް ނެތި ކުޅޭ އުސޫލުންނެވެ.

މާލޭގެ އިތުރުން ލ. ކުނަހަންދޫ އާއި ފުވައްމުލަކުގައި ވެސް ގިނަ މުބާރާތްތަކެއް އޮންނާނެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ބާއްވާ ކްރިކެޓް ކާނިވަލާއި އަންހެން ކުދިންގެ މުބާރާތްތައް ވެސް ހިމެނެ އެވެ.

ކްރިކެޓުގެ އެތެރޭގެ މުބާރާތްތައް މި އިތުރުކުރީ އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ކްރިކެޓް އަރުވަން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް ނިންމައިފަ އެވެ. ހުޅުމާލޭގައި އަޅާ އެ ސްޓޭޑިއަމާ އެކު ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ. އިންޑިއާ އިން ވަނީ ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމަށް އިންޑިއާގެ ޗެންނާއީގައި ތަމްރީން ހެދުމުގެ ފުރުސަތު ދީފަ އެވެ. އަދި އިންޑިއާ ކްރިކެޓް ބޯޑުގެ މަތީ ފެންވަރުގެ ވަފުދަކުން މިދިޔަ އަހަރު ރާއްޖޭގެ ކްރިކެޓުގެ ހާލަތު ބަލައި މަގުޗާޓެއް އެކުލަވާލައި އެއާ އެއްގޮތްވާ ގޮތުގެ މަތިން އެހީތެރިވެދޭން ވަނީ ނިންމައިފަ އެވެ.