އޭއެފްސީ ކަޕަށް އަމާޒުކޮށް ބެންގަލޫރުން ބާސެލޯނާގެ ފޯވާޑެއް ގެނެސްފި

ކުރިއަށް އޮތް އޭއެފްސީ ކަޕަށް ކޮލިފައިވުމުގެ މަގުސަދުގައި އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީން ބާސެލޯނާ ބީ ޓީމަށް ކުރިން ކުޅެފައިވާ ފޯވާޑް ނިލީ ޕެރްޑޯމޯގެ ސޮއި ހޯދައިފި އެވެ.


އުމުރުން 25 އަހަރުގެ ނިލީ ގެންނަން ބެންގަލޫރުން ވަނީ އެ ޓީމަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް މެނުއަލް އޯންވޫ، އިންޑިއާގެ އޯޑިޝާ އެފްސީ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލައިފަ އެވެ. ބެންގަލޫރުން ވަނީ މި މަހުގެ ޓްރާންސްފާގައި އެމެރިކާ އާއި ޗައިނާގައި ކުރިން ކުޅުނު ޖެމެއިކާގެ މިޑްފީލްޑަރު ފޯވާޑް ޑެޝޯން ބްރައުންގެ ސޮއި ހޯދައިފަ އެވެ.

ބެންގަލޫރުގެ ކޯޗު ކާލެސް ކުއަދްރާތު ބުނީ ނިލީ ސޮއިކުރުމަކީ ޓީމަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށާއި ކުރިއަށް މުހިއްމު މެޗުތަކެއް ހުރިއިރު ނިލީއާ އެކު ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެމެންގެ ޓާގެޓްތައް ހާސިލްކުރަން ނިލީ ވަރަށް މުހިއްމު. ސީޒަންގެ މުހިއްމު ހިސާބެއްގައި އޭނާގެ ސޮއި މި ހޯދީ ވެސް ވަރަށް ބޭނުންތެރިވީމާ. އަހަންނާއި ނިލީގެ އެއްގޮތް ވިސްނުމަކީ ލަ މާސިއާ އިން އަހަރެމެން އައީ. ނިލީ ވަނީ ބާސެލޯނާގެ ނުރަސްމީ މެޗުތަކެއްގައި އެންމެ މޮޅު ކުޅުންތެރިންނާ އެކު ކުޅެފައި. އޭގެ ބޭނުން ހިފޭނެ،" ކުރިން ސައުދީ އަރަބިއްޔާ އާއި އެލް ސަލްވަޑޯގެ ކޯޗަކަށް ހުރި ކާލެސް ބުންޏެވެ.

ޔޫތު ލެވެލްގައި ލަސް ޕަލްމާސް އިން ފަށައި އެ ޓީމުގެ ސީނިއާ ޓީމަށް ވެސް ކުޅުނު ނިލީ ބާސެލޯނާއާ ގުޅުނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ބާސެލޯނާގެ ފުރަތަމަ ޓީމާ އެކު ޓްރެއިނިންތަކުގައި ބައިވެރިވެ ކަޕް މެޗުތަކުގައި ސްކޮޑުގައި ވެސް ހިމެނުނެވެ. ފަހުން ސްޕެއިނުގެ ކްލަބް އަލްބަސީޓީ އަށް ކުޅުމަށް ފަހު ދެން އެންމެ ފަހުން އޭނާ ހުރީ ގްރީސްގެ ދެ ވަަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޕްލަޓާނިއަސްގަ އެވެ.

ކުރިން އޭއެފްސީ ކަޕްގެ ފައިނަލުގައި ވެސް ކުޅުނު ބެންގަލޫރަށް މި ފަހަރުގެ މުބާރާތް ފަށަން ޖެހިފައިވަނީ ކޮލިފައިން ބުރުންނެވެ. ޕްރިލިމިނަރީ ބުރުގައި ބެންގަލޫރު ނުކުންނާނީ ލަންކާގެ ޑިފެންޑާސް އާއި ޕާރޯއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ދެން ޕްލޭއޮފް ބުރުގައި ކުޅޭނީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ބެންގަލޫރުން ވަނީ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު ބެންގަލޫރުން ވަނީ މާޒިޔާއާ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ފަހު ވަގުތު ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ކޮލިފައިން ބުރުން އަންނަ ޓީމެއް ހިމެނޭނީ އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕުގަ އެވެ. އެ ގްރޫޕުން މި ވަގުތު ފުރުސަތު ހޯދާފައިވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.