އޭޝިއާ މުބާރާތް ކެންސަލް، ދުނިޔޭގެ މުބާރާތް ފަސްކޮށްފި

ކޮރޯނާވައިރަހާ ގުޅިގެން، ޗައިނާގައި އަންނަ މަހު ބާއްވަން ހަމަޖައްސާފައި އޮތް އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކެންސަލްކޮށް މާޗު މަހު ބާއްވަން ހަމަޖައްސާފައި އޮތް ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަސްކޮށްފި އެވެ.


މީގެ ތެރެއިން ޗައިނާގެ ހަންޒޫގައި ފެބްރުއަރީ 12-13 އަށް ބާއްވަން ރާވާފައި އޮތް އޭޝިއާ މުބާރާތަށް ރާއްޖޭގެ ހަތަރު ދުވުންތެރިން އައީ ތައްޔާރުވަމުންނެވެ. އެއީ ހަސަން ސާއިދާއި ހުސެއިން ރިޒާ އާއި މަރިޔަމް އަލްހާ ހުސެއިނާއި އައިޝަތު ހިމްނާ ހަސަން އެވެ.

މާޗު މަހު ޗައިނާގެ ނަންޖިންގައި ބާއްވާ ގޮތަށް ހަމަޖައްސާފައި އޮތް ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭން އެއް ޖާގަ ލިބޭތީ ރާވާފައި އޮތީ، އޭޝިއާ މުބާރާތުން އެންމެ ނަތީޖާ ރަނގަޅު ދުވުންތެރިޔަކަށް އެ މުބާރާތުން ފުރުސަތު ދޭށެވެ. ވޯލްޑް ޗެމްޕިއަންޝިޕް މިހާރު ބާއްވަން ނިންމާފައި އޮތީ އަންނަ އަހަރު އެވެ.

އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ސާއިދު 60 މީޓަރު ދުވުމުން ކާމިޔާބެއް ހޯދަފާނެ ކަމަށް ބެލެވުނު މުބާރާތެކެވެ. އޭނާ 2016 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގައި އެ އިވެންޓުން ފައިނަލުގައި 6.84 ސިކުންތުން ދުވެ މުޅި އޭޝިއާގެ ފަސް ވަނަ ހޯދި އެވެ. އަދި ގައުމީ ރެކޯޑް ދެ ފަހަރު އާކުރި އެވެ. ރެކޯޑް ފުރަތަމަ މުގުރާލީ ހީޓުގައި 6.81 ސިކުންތުން ދުވެގެންނެވެ. އަދި ރެކޯޑް އާކުރީ ސެމީ ފައިނަލުގައި 6.75 ސިކުންތުން ދުވެގެންނެވެ. ކުރިން ރެކޯޑް އޮތީ 2010 ވަނަ އަހަރުގެ މުބާރާތުގައި 7.27 ސިކުންތުން ދުވި އިސްމާއިލް ޝަނީމް އަތުގަ އެވެ. އޭގެ ކުރިން ރެކޯޑް އޮތީ 2006 ވަނަ އަހަރު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުގައި 7.33 ސިކުންތުން ދުވި އަލީ ޝަރީފުގެ އަތުގަ އެވެ.

ޗައިނާގެ ވޫހާން އިން ފެނި މިހާރު އެ ގައުމުގެ އެހެން ސަރަހައްދުތަކާއި ދުނިޔޭގެ ބައެއް ގައުމުތަކަށް ވެސް އަސަރުކޮށްފައިވާ ކޮރޯނާވައިރަސް މިހާތަނަށް 11،791 މީހުންނަށް ޖެހި 259 މީހުން ވަނީ މަރުވެފަ އެވެ. މީގެ ސަބަބުން، އޮގަސްޓް މަހު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް އަށް ވެސް އަސަރުކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.