ބަކާ ގައުމީ ޓީމަށް، ސައްޓު އާއި އީސަ އަދި އުމެއިރު ނެތް!

ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޝާން އިބްރާހިމް (ސައްޓު) އާއި އިސްމާއިލް އީސަ (މެސީ) އަށް ފުރުސަތު ނުލިބުނު ނަމަވެސް ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިފް (ބަކާ) އަށް ދުވަސްތަކަށް ފަހު ފުރުސަތު ދީފި އެވެ.


އެފްއޭއެމުން ސްކޮޑް ރަސްމީކޮށް އަދި މީޑިއާ އަށް އިއުލާނުކޮށްފައިނުވި ނަމަވެސް ކްލަބްތަކަށް ވަނީ ޓީމުތަކުން ރިލީޒްކުރަން ބޭނުންވާ ކުޅުންތެރިން އަންގައިފަ އެވެ. އަދި މާދަމާ ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ބަކާގެ އިތުރުން ދެން ގައުމީ ޓީމުން އަލުން ފުރުސަތު ދިން ކުޅުންތެރިންނަކީ އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އާއި ޓީސީގެ އަހުމަދު ރިލްވާން (ބެން)ގެ އިތުރުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަހުނަފް ރަޝީދު އެވެ.

ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވެހުރި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓް ވެސް އެންމެ ފުރަތަމަ ޓީމުން ބަކާ އަށް ފުރުސަތު ދިނެވެ. އެކަމަކު ފަހުން އުމުރުން ދޮށި ކަމަށް ބުނެ އުމުރުން 34 އަހަރުގެ ބަކާ ޓީމުން ބާކީކުރި އެވެ. ބެން އަކީ މީގެ ކުރިން ވެސް ގައުމީ ޓީމުގައި ހިމެނި ކުޅުންތެރިޔެކެވެ. އެކަމަކު އުމުރުން 33 އަހަރުގެ ބެން އަށް އޭރު ގައުމީ ޓީމާ ގުޅެވެން ނެތީ އާއިލީ ސަބަބަކާ ހުރެ ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފަ އެވެ. އިންމަ އަށް ގައުމީ ޓީމުން ފުރުސަތު ދޭން ފެށީ ގައުމީ ކޯޗަކަށް އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ހުރިއިރު އެެވެ. އޭރު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅުނު އިންމަ އަށް ޓީމު ޖާގަ ގެއްލުނީ ސެގާޓް ހުރިއިރު އެވެ.

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކޫޕްމަން ގައުމީ ކޯޗުކަމާ ހަވާލުވުމަށް ފަހު މީޑިއާ އަށް ބުނީ "އުމުރު މުހިއްމެއް ނޫން. މޮޅަށް ކުޅޭނަމަ ގައުމީ ޓީމުން ފުރުސަތު ލިބޭނެ،" ކަމަށެވެ. އެކަމަކު ފުރަތަމަ ނެގި ގައުމީ ސްކޮޑުގައި މި ވަގުތު ލީގުގައި ރަނގަޅަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ނުހިމެނުމަކީ އެ ކުޅުންތެރިންނަށް ލިބޭނެ މާޔޫސްކަމެކެވެ.

މި ފަހަރު ވެސް ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އުމެއިރު (ކ)، އީސަ (މ) އަދި ސައްޓު ހިމެނޭ.-- ފޮޓޯ: މިހާރު

މި ފަހަރުގެ ލީގުގައި ސައްޓު އާއި އީސަ އަންނަނީ ޓީސީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ގައުމީ ސްކޮޑަކުން މީގެ ކުރިން ފުރުސަތު ލިބިފައިނުވާ ސައްޓު ވަނީ މި ސީޒަނުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. ސައްޓު ވަނީ މި ސީޒަނުގައި މިހާތަނަށް 13 ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި އޭނާގެ ލަނޑު ޖެހުމުގެ ރެކޯޑް ރަނގަޅެވެ.

ފަހަކަށް އައިސް އެންމެ ފޯމުގައި ހުރެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރަކީ އީސަ އެވެ. އޭނާ ވަނީ މި ސީޒަނުގައި 12 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކުރިން ގައުމީ ޓިމުން ފުރުސަތު ލިބެމުން އައި އީސަ ޓީމާ ވަކިވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ފަރިތަކުރަމުންދަނިކޮށެވެ. އޭނަ އޭރު ޓީމާ ވަކިވީ އަމިއްލަ ސަބަބަކާ ހުރެ އެވެ. އޭގެ ފަހުން ގައުމީ ޓީމުން ފުރުސަތު ނުދެ އެވެ.

ގަވާއިދުން މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުން އައި މުހައްމަދު އުމެއިރު އަށް މި ފަހަރު ވެސް ޓީމުން ފުރުސަތު ނުލިބެ އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން އެންމެ ފަހުން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި އުމެއިރަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ކޯޗު ސެގާޓް ސްކޮޑު ފައިނަލް ކުރި ހިސާބުންނެވެ. އުމެއިރު އަނިޔާގައި ހުރި ކަމަށް ބުނެ އޭރު ކުއްލި ގޮތަކަށް ޓީމުން ބާކީކުރުމަށް ފަހު ފަހުން ސްކޮޑުން އެއްގޮތަކަށް ވެސް ފުރުސަތު ނުލިބެ އެވެ.

އެންމެ ފަހުން ގައުމީ ސްކޮޑުގައި ހިމެނުނު އެއް ކުޅުންތެރިއެއް ކަމަށްވާ ފޯކައިދޫގެ މުހައްމަދު ޖައިލަމް (އޮގީ) މި ފަހަރުގެ ޓީމުގައި ނުހިމެނޭނެ އެވެ. ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއެއްގެ ސަބަބުން އޮގީ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ. ގައުމީ ޓީމުގެ ކޯޗަކަށް ކޫޕްމަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭނާ ވަނީ، ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގައި އެ މެޗު ނުކުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެް ބުނެފަ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގައި ހޯސްޓްކުރަން އޮތް އެކި ކުޅިވަރު މުބާރާތްތަށް ވަނީ ފަސްކޮށްފަ އެވެ.