ފާޑުކިޔާ އަނގަތަކުގައި އަތެއްނާޅާނަން: ބައްސާމް

އަމާޒުވާ ފާޑުކިޔުންތަކެއް ހުއްޓުވަން ބައެއްގެ އަގަމަތީގައި އަތް ނާޅާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ބުނީ، އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކިޔަމުން އައި އަލީ ސުޒޭނާއި އިމްރާން މުހައްމަދަށް ގައުމީ ޓީމުން މަގާމެއް ދިނުމުން، އެއީ ފާޑުކިޔުންތައް ހުއްޓުވަން ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ. ސުޒޭން ހަވާލުވީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ އެވެ. ގައުމީ ޓީމަށް 17 އަހަރު ކުޅުނު އިމްރާން ހަވާލުވީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުގެ މަގާމާ އެވެ.

އެއް ބަޔަކު ސިފަކުރާ ގޮތުގައި މިއީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގެ ދުވަސްވަރު، އަންނާނެ ފާޑުކިޔުންތައް ހުއްޓުވަން ކުރި ކަމެކެވެ. ސަބަބަކީ އެފްއޭއެމްގެ ފަރާތުން އަދަބު ލިބުނު ކްލަބްތަކުން އެ އެސޯސިއޭޝަނާއި ބައްސާމަށް ފާޑުނުކިޔާ ވަރަށް ސުޒޭނާއި އިމްރާން ފަހަކަށް އައިސް ފާޑުކިޔާފައިވާތީވެ އެވެ. އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ޕްރެސް ކޮންފަރެންސްތައް ވެސް ހުއްޓާލީ ބެލެވޭ ގޮތުގައި ކޯޗުން، ހާއްސަކޮށް ސުޒޭންގެ ފާޑުކިޔުންތައް ހުއްޓުވާށެވެ. އަދި އިމްރާން ވެސް ވަނީ އެފްއޭއެމުން އޭނާ އަށް ފައިސާތަކެއް ނުދީ ހިފަހައްޓާފައި އޮތީ އެތަނަށް ފާޑުކިޔާތީ ކަމަށް ބުނެފަ އެވެ.

"އަޅުގަނޑުމެންނާ ދިމާލަށް ފާޑުކިޔަންވީ. އަޅުގަނޑާ ކޯޗު ސުޒޭނާ ބައްދަލުވި ދުވަހެއްގައި ވެސް ދެންނެވިން ފާޑުކިޔައްޗޭ. ފާޑުކިޔުން ހުއްޓާނުލައްޗޭ. އެއީ އަޅުގަނޑަކަށް ހުރިހާ ތާކަށް ނުދެވޭނެ. ބޯޅައިގެ ހުރިހާ މެޗެއް ބަލާކަށް ނުދެވޭނެ. އެހެންވެ އެ ތަންތަން ފެންނަ ބޭފުޅުން ކޯޗުމެންނަކީ. ކޯޗުމެންނަށް ފެންނަ ކަންކަމުގައި ގޯސްކޮށް ކަމެއް ހުރެއްޖެ ނަމަ އެ ވާހަަކަ ދައްކަންވީ. މިއަދު ވެސް ކޯޗަށް ވެސް އަދި އިމްރާނަށް ވެސް ދަންނަވާލާނީ މިއަދު ފެށިގެން ވެސް ގޯސްކޮށް ކަމެއް އުޅެންޏާ އެ ވާހަކަ ދައްކަންވީއޭ. އަޅުގަނޑު އެއްވެސް ވަރަކަށް ޖެހިލުންވާ ކަމެއް ނޫން އެއީކީ، އެފްއޭއެމަށް ފާޑުކިޔާތީ ބައެއްގެ އަނގަމަތީގައި އަތްއެޅުން. އެކަމެއް އަޅުގަނޑެއް ނުކުރާނަން،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ މަގާމުތަކަށް ސުޒޭނާއި އިމްރާން ގެނައީ އެއީ އެފްއޭއެމުން މިހާރު ކަނޑައަޅާފައިވާ ޓާގެޓްތަށް ކަމަށްވާ މި އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރަން ހުރި މަސައްކަތްތަކަށް އެންމެ ގާބިލު މީހުން ގެނައުމަށް ކަމަށެވެ.

"ސުޒޭން މި މަގާމަށް ގެންނަން އަޅުގަނޑު މަސައްކަތްކުރާތާ ދެ މަހެއް ނޫނީ ދޮޅު މަހެއް ވަރު ވެދާނެ. ދިވެއްސަކަށް އެންމެ ރަނގަޅު ކޯޗަކަށް ހުރީ ސުޒޭން. މިހާރު މި ތިބި ދެ ކޯޗުންނަކަށް ދިވެހި ހުރިހާ ކުޅުންތެރިން ނޭގިދާނެ. އެހެން ނަމަވެސް ކުރިއަށް އޮތްތާގައި ދިވެހި ހުރިހާ ކުޅުންތެރިން ދަންނަ ދިވެހި ކޯޗެއް މި ހުރީ އައިސް،" ބައްސާމް ވިދާޅުވި އެވެ.

"މި ދެ ބޭފުޅުން (އިމްރާން އާއި ސުޒޭން)ގެ ކޮލިޓީސް އަށް މި ދެ ބޭފުޅުން ގައުމީ ޓީމަށް ޖޮއިން ވެގެންދަނީ އެއްވެސް ހާލަތަކަށް އެ ބޭފުޅުންގެ ޓްވީޓްކުރާ ކޮލިޓީ އަކަށް ނޫނީ ސޯޝަލް މީޑިއާގެ ކޮލިޓީ އަކަށް ބަލާފައެއް ނޫން."

ބައްސާމް ވިދާޅުވީ އޭނާގެ ވިސްނުން ހުރީ ފުޓްބޯޅައިގެ އިސް ސަފުގައި މަސައްކަތްކޮށްފައިވާ ހުރިހާ ފަރާތަކާއި ގުޅިގެން ކުރިއަށް ދިއުމަށް ކަމަށާއި އޭނާގެ ދައުރުގެ ފަހު ވަގުތުގައި ވެސް ނިންމަމުން އަންނަނީ ގައުމީ ޓީމުގެ މުސްތަގުބަލާ ގުޅުން ހުރި މުހިއްމު ނިންމުންތައް ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗަކީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އޭނާގެ އެސިސްޓަންޓަކަށް ސުޒޭންގެ އިތުރުން މަަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. ކުރިން އެސިސްޓަންޓް ކޯޗަކަށް ހުރި އަހުމަދު ޝާކިރު (ޝާކިއްޓެ) ދެން މަސައްކަތްކުރަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގަ އެވެ.