ސައްޓު އާއި އީސަ އަދި އުމެއިރު ގައުމީ ސްކޮޑަށް އިތުރުކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ފުރަތަމަ ސްކޮޑުން ފުރުސަތު ނުދިން، ޓީސީ ސްޕޯޓްސް ކްލަބްގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި މުހައްމަދު އުމެއިރަށް އެންމެ ފަހުން ޖާގަ ދީފި އެވެ.


ކޫޕްމަން ހަވާލުވި ފަހުން މިއަދު ގައުމީ ޓީމު ވަނީ ފުރަތަމަ ފަހަރަށް ޕްރެކްޓިހެއް ބާއްވައިފަ އެވެ. އެ ޕްރެކްޓިހަަށް ދޫކުރަން އެފްއޭއެމުން ކްލަބްތަކުގައި އެެދުނު ލިސްޓުގައި އުމެއިރާއި ސައްޓު އަދި އީސަގެ ނަން ނެތެވެ. އެހެންވެ ބައެއްގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެނގިފައިވާ ގޮތުގައި ދެން އޮންނަ ޕްރެކްޓިހުގައި އެ ކުޅުންތެރިން ބައިވެރިވާނެ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ރޭ ހަމަޖައްސާފައިވާއިރު، އޭނާ ވަނީ ގައުމީ ސްކޮޑަކީ ގިނަ ބަޔެއް ބަލައިގަންނަ ޓީމަކަށް ހެދުން މުހިއްމު ކަމަށް ބުނެފަ އެވެ. އެ ގޮތުން އޭނާގެ ވިސްނުމަކީ ކްލަބްތަކާއި ގައުމީ ޓީމު އަދި ސަޕޯޓަރުން އެކުވެފައި އޮންނަ ގޮތަށް ކުރިއަށްދާ ޓީމެއްގެ ގޮތުގައި ގައުމީ ޓީމު އޮތުމަށް ކަމަށެވެ. އަދި ގައުމީ ޓީމަށް ރަނގަޅު ގޮތެއް ބުނެދިނުމަކީ ފުޓްބޯޅައިގައި އުޅޭ ހުރިހާ ފަރާތްތަކުގެ ޒިންމާއެއްގެ ގޮތުގައި ސުޒޭން ވަނީ ބުނެފަ އެވެ.

ސުޒޭނަކީ އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ދެ ކޯޗުންގެ ނިންމުންތަކަށް އެންމެ ބޮޑަށް ފާޑުކީ އެކަކެވެ. ސުޒޭން ވަނީ އެފްއޭއެމަށް ވެސް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެކަމަކު ގައުމީ ޓީމުގެ މަގާމަކަށް އަންނަ ލިބުނު ފުރުސަތުގެ ބޭނުންހިފީ ގައުމަށް ހިދުމަތްތަކެއް ކޮށްދިނުމަށާއި ހުރި މައްސަލަތަކަށް ހައްލެއް ހޯދައި ފުޓްބޯޅައިގައި ފައިދާހުރި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށް ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅެން ފަށައި ބ. އޭދަފުށްޓަށް އުފަން ސައްޓު ވަނީ މިހާތަނަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ގައުމީ ޓީމުން އަލަށް ވެސް ފުރުސަތު ނުލިބުނު ނަމަވެސް ސައްޓު އައީ އެ އަޒުމުގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ. ފަހަކަށް އައިސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑަކީ ސައްޓު އެވެ. ސީޒަނުގައި މިހާތަނަށް ސައްޓު ވަނީ 13 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމުގެ ސްކޮޑުން ސައްޓު އަށް ފުރަތަމަ ފަހަރު ފުރުސަތު ލިބިގެންދިއުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމުންނެވެ.

ސައްޓު: މިއީ އޭނާ ގައުމީ ޓީމެއްގެ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރު.-- ފޮޓޯ: މިހާރު

ފަހަކަށް އައިސް އެންމެ ފޯމުގައި ހުރެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރަކީ އީސަ އެވެ. އޭނާ ވަނީ މި ސީޒަނުގައި 12 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކުރިން ގައުމީ ޓިމުން ފުރުސަތު ލިބެމުން އައި އީސަ ޓީމާ ވަކިވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ފަރިތަކުރަމުންދަނިކޮށެވެ. އޭނަ އޭރު ޓީމާ ވަކިވީ އަމިއްލަ ސަބަބަކާ ހުރެ އެވެ. އޭގެ ފަހުން ގައުމީ ޓީމުން ފުރުސަތު ނުދެ އެވެ. އީސަ އަށް އަލުން ގައުމީ ޓީމުން ފުރުސަތު ލިބެންޖެހޭ ކަމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ދިޔައީ ބުނަމުންނެވެ.

ގަވާއިދުން މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުން އައި މުހައްމަދު އުމެއިރަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ކޯޗު ސެގާޓް ސްކޮޑު ފައިނަލް ކުރި ހިސާބުންނެވެ. އުމެއިރު އަނިޔާގައި ހުރި ކަމަށް ބުނެ އޭރު ކުއްލި ގޮތަކަށް ޓީމުން ބާކީކުރުމަށް ފަހު ފަހުން ސްކޮޑުން އެއްގޮތަކަށް ވެސް ފުރުސަތު ނުލިބެ އެވެ. ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދިން އުމެއިރަކީ ލީގުގައި ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ގްރީން ސްޓްރީޓްސް އަށް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދޭން އެންމެ މުހިއްމު މަސައްކަތްތަކެއްކުރި އެއް ކުޅުންތެރިޔަކީ އުމެއިރު އެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ. ގައުމީ ޓީމުގެ ކޯޗަކަށް ކޫޕްމަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭނާ ވަނީ، ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގައި އެ މެޗު ނުކުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެް ބުނެފަ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގައި ހޯސްޓްކުރަން އޮތް އެކި ކުޅިވަރު މުބާރާތްތަށް ވަނީ ފަސްކޮށްފަ އެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ބައެއް ޓީމުތަކަށް ބްރޭކް ދުވަސްތަކެވެ. ލީގު މި ދުވަސްކޮޅުގައި މެދުކަނޑާލާފައިވަނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ވާދަކުރަމުން އަންނާތީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޗެމްޕިއަން މާޒިޔާ އާއި އީގަލްސް ނުކުންނާނީ އަންނަ މަހު ދެ ވަނަ ދުވަހު އެވެ. އޭގެ ފަހުން އެފްއޭ ކަޕް ކުޅުމަށް ފަހު ގައުމީ ޓީމުގެ މެޗުތަކަށް މެދުކަނޑާލާނީ ޗައިނާ އާއި ސީރިއާ މެޗަށެވެ. މިހާރު ގައުމީ ސްކޮޑު ފަރިތަކުރުމުގެ އެއް މަގުސަދަކީ ކޯޗު ބޭނުންވާ ސިސްޓަމަށް ކުޅުންތެރިން ހޭނުވުމަށާއި ކުޅުންތެރިންގެ ފެންވަރު ބެލުމަށެވެ.