މާފަށް އެދި އީސަ ގައުމީ ޓީމާ ގުޅެން ތައްޔާރު

އޭނާ އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމުގައި ހުރިއިރު ކަންތައްތައް ހިނގިގޮތާ މެދު ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) މާފަށް އެދިއްޖެ އެވެ.


ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ސީރިއާއާ ދެކޮޅަށް އަންނަ މަހު ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން އީސަ އަށް ފުރުސަތު ލިބިފައިވާއިރު، މިއީ މިދިޔަ ތިން ވަރަކަށް އަހަރު ތެރޭ އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

އީސަ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ އެންމެ ފަހުން އޭނާ ގައުމީ ޓީމުން ވަކިވި ގޮތުން ކަމަށް ބެލެވެ އެވެ. އެ ގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގައި ގައުމީ ޓީމުން އޭޝިއަން ކަޕްގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންދަނިކޮށް ޕްރެކްޓިހުގެ ތެރެއިން އީސަ ދަނޑުން ފައިބައިގެންދިޔައީ އަނިޔާވެގެން ކަމަށް ބުނުމަށް ފަހު އެވެ. އެކަމަކު ގައުމީ ޓީމާ ވަކިވެ ފަހުން އީސަ ވަނީ އޭރު އޭނާ ކުޅެމުން އައި މާޒިޔާގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ. އީސަ އޭރު ބުނީ އޭނާ ގައުމީ ޓީމާ ވަކިވީ އަމިއްލަ ސަބަބަކާ ހުރެ ކަމަށެވެ.

ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އީސަ އަށް މި ފަހަރު އެކުލަވާލި ފުރަތަމަ ސްކޮޑުން ޖާގަ ނުދެ އެވެ. އެކަމަކު އިއްޔެ ގައުމީ ޓީމުގެ އާ ކޯޗު މާޓިން ކޫޕްމަންގެ ބެލުމުގެ ދަށުން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކަށް ފަހު ޓީމަށް އިތުރުކުރި ކުޅުންތެރިންގެ ތެރޭގައި އީސަ ހިމެނެ އެވެ.

އީސަ ފޭސްބުކްގައި ރޭ އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ނަގައިފިނަމަ ކުޅެން ތައްޔާރަށް ހުރި ކަމަށާއި އެންމެ ފަހުން ގައުމީ ޓީމުގައި ހުރިއިރު ހިނގާދިޔަ ކަންތައްތަކަށް ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އެފްއޭއެމްގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"އެ ފަހަރު ކުރެވުނު ކަންތައްތަކާ ބެހޭގޮތުން މާފަށް އެދެން. އަހަރެން ބޭނުންވަނީ އެ ފަހަރު ކުރެވުނު ކުށް ރަނގަޅުކޮށް އަލުން އިތުބާރު ހޯދަން. އަދި ކުޅުންތެރިންނާ ގުޅިގެން ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަށްދާން ބޭނުން،" އީސަ ބުންޏެވެ.

އީސަ އަކީ ގައުމީ ޓީމުގައި ހިނގާދިޔަ ކަންތައްތަކަށް ފަހަކަށް އައިސް މާފަށް އެދުނު ތިން ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ އޮގަސްޓް މަހު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ޓީމަށް ނެގި ނަމަވެސް ޓީމާ އެކު ނުދިޔަ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ވެސް ވަނީ އެ ފަހަރު މާފަށް އެދިފަ އެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުން ވިދާލި އީސަ އެންމެ ފުރަތަމަ ގައުމީ ސީނިއާ ޓީމުން ފުރުސަތު ހޯދީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މަދު ފަހަރަކު ނޫނީ އޭނާ އަށް ގައުމީ ސްކޮޑުން ޖާގައެއް ނުގެއްލެ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ މޮޅަށް ކުޅުނު ނަމަވެސް ޓީމުން ޖާގަ ލިބިފައިނުވެ އެވެ. މި ސީޒަނުގައި ޓީސީ އަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އީސަ ވަނީ 12 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޓީސީ އަށް މި ސީޒަނުގައި ކޯޗުކޮށްދިން ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި މިހާރުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ އީސަގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ޕްލޭމޭކަރުގެ ގޮތުގައި ގިނަ ކޯޗުން ސިފަކުރާ އީސަ ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އަދި އޭނާ ވަނީ ސީނިއާ ގައުމީ ޓީމާ އެކު ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.

ޗައިނާ މެޗުގެ ކުރިން ގައުމީ ޓީމުން މިހާރު ޕްރެކްޓިސް ކުރަނީ 31 ކުޅުންތެރިންނާ އެކު އެވެ. މި ފަހަރު އަލުން ޓީމުން ފުރުސަތު ދިން ކުޅުންތެރިންގެ ތެރޭގައި ޓީސީގެ އީސަގެ އިތުރުން ދެން އެ ޓީމުން ހިމެނެނީ އަހުމަދު ރިލްވާން (ބެން)، އާދަމް އިމްއާން އަދި އިޝާން އިބްރާހިމް (ސައްޓު) އެވެ. ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އުމެއިރަށް ވެސް ފުރުސަތު ދީފައިވާއިރު، ދެން ހިމެނެނީ ނިލަންދޫގެ ގޯލްކީޕަރު އިސްމާއިލް ޝަފީއު (ޗެކް) އާއި ފޯކައިދޫގެ ކީޕަރު ތޮލާލް ހަސަން (ތޮލާ) އެވެ. އަދި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ވެސް ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ލިބިފަ އެވެ.