އަބަހާނީ ކަޓުވާލައި މާޒިޔާ ޕްލޭއޮފަށް

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މިއަދު މާލޭގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ 0-0 އިން އެއްވަރުކޮށް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ދެ ލެގުގެ އެގްރިގޭޓުން ލަނޑުގެ ތަފާތުން ކުރި ހޯދައި މުބާރާތުގެ ޕްލޭއޮފުން ޖާގަ ހޯދައިފި އެވެ.


ޕްލޭއޮފުގައި މާޒިޔާ ވާދަކުރާނީ، ޕްރިލިމިނަރީގެ އަނެއް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޕާރޯ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ގްރޫޕުގައި އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސް އެވެ.

ބަންގްލަދޭޝްގެ 500 އެއްހާ ސަޕޯޓަރުން ވަދެ ތިބި މިއަދުގެ މެޗު 0-0 އިން އެއްވަރުވުމުން މާޒިޔާ އަށް ކުރި ލިބުނީ ޑާކާގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވެފައިވާތީ މާޒިޔާ އަށް ރަށުން ބޭރުގައި ޖެހި ގޯލުން ކުރި ލިބޭތީވެ އެވެ.

މާޒިޔާ އިން މި މެޗަށް ނުކުތީ އެންމެ ބަދަލަކާ އެކު އެވެ. އެއީ އަނިޔާގައި ހުރި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެރުވުމެވެ.

ފުރަތަމަ ލެގެކޭ އެއްގޮތަށް މި މެޗު ވެސް އަބަހާނީން ފެށީ ފަހަތުން ދިގު ބޯޅަތަކެއް ކުރިއަށް ފޮނުވައިގެން ކުޅޭ ސްޓައިލަކަށެވެ. އެ ބޯޅަތަކުގެ ބޭނުން އަބަހާނީގެ ފޯވާޑުން ކަމަށްވާ ނައިޖީރިއާގެ ސަންޑޭ ޗިޒޯބާ އާއި ހައިޓީގެ ކާވެންސް ބެލްފޯޓް އަށް ބޭނުންނުކުރެވުނީ މާޒިޔާގެ ސާބިއާ ޑިފެންޑަރު ޕީޓަ ޕެލަނިޗް އާއި އަފްގާނިސްތާން ޑިފެންޑަރު ޝަރީފް މުހައްމަދު އަވަސްކުޅުމެއް ކުޅެމުން ދިއުމުންނެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ (ކ) އަތުން ބޯޅަ ހޯދަން އަބަހާނީގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ކުރީކޮޅުގައި މާޒިޔާ އިން ކައުންޓަ އެޓޭކުގައި ފުރުސަތު ތަނަވަސްކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ 13 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅައެއް އަބަހާނީގެ ބްރެޒިލް ޑިފެންޑަރު މެއިލްސަން އަލްވޭސް ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަމަ ހާފުގައި އަބަހާނީން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އެ ޓީމުގެ ކަނާތު ބެކް ސާދުއްދީން (ސާދު) އެވެ. މެޗުގެ 27 ވަނަ މިނިޓްގައި މާޒިޔާ އޭރިއާތެރެއިން ސާދު ފޮނުވާލި ބާރު ބޯޅަ މާޒިޔާގެ އަފްގާނިސްތާން ގޯލްކީޕަރު އޮވޭސް އަޒީޒީ ވަނީ ހުއްޓުވައިފަ އެވެ.

މާޒިޔާ އަށް ފުރަތަމަ ހާފުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ދިޔައީ ކުޅުންތެރިންނަށް ތަކުރާރުކޮށް ކުޅެންވީ ގޮތް ބުނެދެމުންނެވެ. އެކަމަކު އޭނާ ބޭނުންވާގޮތަށް ކުޅުމުގައި މާޒިޔާ ކުޅުންތެރިންނަށް ދަތިތަކެއް ދިމާވީ އަބަހާނީގެ ފިޒިކަލް ގޭމްގެ ސަބަބުންނެވެ. ފުރަތަމަ ހާފުގައި މާޒިޔާ އަށް ގޯލާ ސީދާކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ 42 ވަނަ މިނިޓްގައި މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ އަބަހާނީ ގޯލުގައި ހުރި ޝާހިދުލް އާލަމް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާޒިޔާ އިން ގިނަ އެޓޭކްތަކެއް ކުރިނަމަވެސް ފުރަތަމަ ފުރުސަތު ތަނަވަސްކުރީ އަބަހާނީންނެވެ. މެޗުގެ 56 ވަނަ މިނިޓްގައި އަބަހާނީގެ ކިރްގިސްތާން މިޑްފީލްޑަރު އެޑްގާ ޖެހި ބޯޅަ ކީޕަރު އަޒީޒީ ހުއްޓުވި އެވެ. އޭގެ ދެ މިނިޓް ފަހުން މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ގޯލު ކުރިމަތީގައި ހުސްކޮށްހުރެފައި ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 65 ވަނަ މިނިޓްގައި އަސަދުﷲ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ބޯޅަ ފޮނުވާލި ނަމަވެސް އަބަހާނީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން އަބަހާނީ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގަން އަސަދުﷲ މަސައްކަތްކުރި ނަމަވެސް އެ ވެސް ކާމިޔާބެއްނުވި އެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ޓީމަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބަހާނީ ހާފުގެ ތެރޭގައި ކުޅެ މާޒިޔާ އިން އެޓޭކްކުރަމުންދިޔައިރު މެޗުގެ 79 ވަނަ މިނިޓްގައި ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ގޯލު ރޮނގުކައިރީގައި މުޅިން ހުސްކޮށްހުރެފައި ޝަރީފް ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ބަދަލުތަކެއް ގެނެސްގެން އަބަހާނީން ލަނޑު ޖަހަން ކުރި މަސައްކަތް މެޗުގެ 81 ވަނަ މިނިޓްގައި ކާމިޔާބުނުވީ ކިރިޔާ އެވެ. މާޒިޔާ އޭރިއާ ތެރެއިން ރުބެލް މިޔާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ. ފަހު ވަގުތު އަބަހާނީން ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއްކުރި އެވެ. އެކަމަކު ކާމިޔާބުވާގޮތެއްނުވި އެވެ. އަބަހާނީން ކުރިއަށް ގިނަ ބޯޅަތަކެއް ކުޅެމުން ދިއުމުން މާޒިޔާ އިން ވަނީ ފަހު ވަގުތު އެޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ކުޅެން އަރުވައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓުގެ ތެރޭގައި ދެ ޓީމުގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. އެކަންތައް ފެށުނީ ބަންގްލަދޭޝްގެ ކުޅުންތެރިޔަކު މާޒިޔާގެ ބެންޗު ކައިރިން ބޯޅަ އެއްލަން އުޅުމުގެ ތެރޭ މާޒިޔާގެ ކޯޗު ސެކުލޮސްކީގެ ގައިގައި ޖެހުމުންނެވެ. އެ ވަގުތު އެ ކުޅުންތެރިޔާ ހިތްހަމަނުޖެހި ކޯޗާ ދިމާލަށް ދިޔަ އެވެ. އެ ވަގުތު ރުޅިގަދަވެފައި ތިބި އަބަހާނީގެ ކުޅުންތެރިންނާއި އޮފިޝަލުން މާޒިޔާ ބެންޗު ކައިރިއަށް އެއްވުމުން ހަމަނުޖެހުން ހިނގީ އެވެ. އެކަންތައްގަނޑުގެ ތެރެއިން ރެފްރީ ވަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު ބެންޗުން ފޮނުވާލައިފަ އެވެ.

މާޒިޔާގެ ސަމުއްޓެ (ކ) މެޗަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗަށް ފަހު އަބަހާނީގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ވަގުތު އަބަހާނީގެ އޮފިޝަލަކާ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔަކާ ދެމެދު ވެސް ދެބަސްވުމެއް ހިނގި އެވެ.

އަބަހާނީ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އިންޓަ ޒޯން ފައިނަލުގައި ކުޅުނު ޓީމެވެ. އެ ޓީމު ވަނީ މީގެ ކުރިން ރާއްޖޭގެ ދެ ޓީމާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ބަލިވެފަ އެވެ. އެއީ 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އަތުންނާއި 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް އަތުންނެވެ.