ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ނިސްތާރު ހަމަޖައްސައިފި

ހުސްވެފައިވާ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމަށް މި ސީޒަނުގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދިން ކޯޗު އަލީ ނިސްތާރު މުހައްމަދު ހަމަޖައްސައިފި އެވެ.


ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ދެ އަހަރު އެ ޓީމަށް އިރުޝާދުދިން ކޯޗު އަލީ ސުޒޭނާ އެކު ހަދާފައިވާ އެއްބަސްވުން އެ ޓީމުން އުވާލުމުންނެވެ. ސުޒޭން ވަނީ ގްރީން ސްޓްރީޓްސްގެ ކޯޗުކަން ދޫކޮށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވެފަ އެވެ.

ނިސްތާރާ ގްރީން ސްޓްރީޓްސްގެ ކޯޗުކަން ހަވާލުކުރުން އޮތީ މިރޭ ބޭއްވި ކްލަބްގެ އިވެންޓެއްގަ އެވެ. ގްރީން ސްޓްރީޓްސް އަކީ ނިސްތާރު ފުރަތަމަ ޑިވިޝަނުގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ ތިން ވަނަ ޓީމެވެ. ފޯކައިދޫގެ އިތުރުން ނިސްތާރު ވަނީ އއ. މާޅޮސް ޓީމަށް ވެސް ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ. ނިސްތާރު ވަނީ ފޯކައިދޫ އާއި މާޅޮހުގައި ހުރެ ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޯޗިން ކެރިއަރުގެ ކުރީކޮޅުގައި ނިސްތާރު ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ މުހައްމަދު ޝާޒްލީ (ޝާޒް) އާއި އިހުސާން އަބްދުލް ގަނީ (ސާންތީ)އާ އެކު މަސައްކަތްކޮށްފަ އެވެ. ނިސްތާރު އެންމެ ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި ނުކުމެ މާޅޮހަށް ލީގުގެ ހަތް ވަނަ ހޯދައިދީފަ އެވެ. އަދި މިދިޔަ ދެ އަހަރު ފޯކައިދޫ އަށް ކޯޗުކޮށްދިންއިރު މި ސީޒަނުގައި އެ ޓީމާ އެކު ކަނޑައެޅި ގަދަ ހައެއްގެ ޓާގެޓް ހާސިލްކުރި އެވެ.

ނިސްތާރު، ފޯކައިދޫގެ ކޯޗުކަމުން ވަކިވުމުން އެ ޓީމާ ހަވާލުވީ އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އިސްމާއިލް އާސިފް (އާސިއްޕެ) އެވެ.

ގްރީން ސްޓްރީޓްސްއާ އެކު ނިސްތާރަށް މި ސީޒަނުގައި އޮތް ދެ މުބާރާތަކީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެވެ. އެފްއޭ ކަޕްގައި އަންނަ މަހު ހަ ވަނަ ދުވަހު ގްރީން ސްޓްރީޓްސް ނުކުންނާނީ ލީގުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ސެމީގައި އަންނަ މަހު ތިން ވަނަ ދުވަހު ގްރީން ސްޓްރީޓްސް ކުޅޭނީ މި މުބާރާތުގެ 2016 ވަނަ އަހަރުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ވާދަކުރަން ފެށި ގްރީން ސްޓްރީޓްސް އަށް އެ އަހަރު އިރުޝާދުދިނީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ކޯޗު ސޮބާހު މުހައްމަދު (ސޮބާ) އެވެ. އެ ސީޒަނުގެ ވަކި ހިސާބަކުން ސޮބާ ޓީމާ ވަކިވިއިރު، މިދިޔަ ދެ އަހަރެއްހާ ދުވަހު ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދިނީ ސުޒޭން އެެވެ. މި ސީޒަނާ ވަރުގަދަ ސްުކޮޑަކާ އެކު ކުރިމަތިލި ގްރީން ސްޓްރީޓްސް އަށް މާލީ މައްސަލަތަކެއް ދިމާވެ ޖެހުނީ ޓީމުގައި ތިބި މުހިއްމު ކުޅުންތެރިންތަކެއް މިދިޔަ މަހުގެ ޓްރާންސްފާގައި ދޫކޮށްލާށެވެ.