ބޮޑު ކާމިޔާބަކީ ކުޅުންތެރިންގެ އިތުބާރު ލިބުން: ސުޒޭން

ކޯޗިން ކެރިއަރުގައި ހޯދުނު ތަށްޓަށް ވުރެ އޭނާ އަށް ކުޅިވަރުގައި ލިބުނު ކާމިޔާބީ އަކީ ކުޅުންތެރިންގެ އިތުބާރާއި އިހުތިރާމް ލިބުން ކަމުގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ގްރީން ސްޓްރީޓްސް އަށް މިދިޔަ ދެ އަހަރު ސުޒޭން ކޮށްދިން ކަންތައްތައް އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ގްރީން ސްޓްރީޓްސް އަކީ ރާއްޖޭގެ ކުޅިވަރުގައި މުސްތަގުބަލު އޮތް ކްލަބެއް ކަމަށާއި އެފްއޭއެމުން ބޭއްވި ޔޫތު ފުޓްބޯޅަ މުބާރާތް އެ ޓީމުން ކާމިޔާބުކޮށްފައިވުމަކީ އޭގެ ހެއްކެއް ކަމަށެވެ.

"މިތަނުގައި (ގްރީން ސްޓްރީޓްސްގައި) މަސައްކަތް ކޮށްލަން ލިބުނީމަ ވަރަށް އުފަލުން އެކަން ކޮށްލިން. އަޅުގަނޑު ގައުމީ ޓީމުގައި މަސައްކަތްކުރަން ބަަދަލުވުމުގައި ވެސް ބައިވަރު ކަންތައްތައް އޮވެ ޝާމިލުވެ ގޮސްގެން މި ބަދަލު މިއައީ. އޭގައި ވެސް ގްރީން ސްޓްރީޓްސްގައި އެ ދެއްކީ ކުޅިވަރުގެ ޕްރޮފެޝަނަލަޒިމް،" ގްރީން ސްޓްރީޓްސް އިން ވަކިވި ގޮތަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.

ގައުމީ ޓީމަށް ސުޒޭން ދިޔައީ ގްރީން ސްޓްރީޓްސް އިން އޭނާއާ އެކު ހަނދާފައިވާ އެއްބަސްވުން އުވާލުމުންނެވެ. ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހަމަޖެއްސީ ށ، ފޯކައިދޫ ޓީމުގެ ކޯޗަކަށް ހުރި އަލީ ނިސްތާރު މުހައްމަދު އެވެ.

ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ، މާޒިޔާ، ގދ. ތިނަދޫ އަދި އެންމެ ފަހުން ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދިން ސުޒޭން ވަނީ 11 ތަށި އުފުލާލައިފަ އެވެ. ސުޒޭން ބުނީ ހުރިހާ ޓީމެއްގައި ވެސް އޭނާ އަށް ހާއްސަވީ ރާއްޖޭގެ ކުޅުންތެރިންގެ އިތުބާރާއި އިހުތިރާމް ހޯދުމުގައި މަސައްކަތްކުރެވުނު ގޮތް ކަމަށެވެ.

"ކުޅުންތެރިންގެ އިތުބާރު ހޯދުމަކީ ފަސޭހަކަމެއް ނޫން. ދިވެހިރާއްޖޭގެ ކުޅިވަރުގައި އަޅުގަނޑަށް ހޯދުނު އެންމެ ބޮޑު އެއްޗަކީ ކުޅުންތެރިންގެ އިތުބާރާއި އިހުތިރާމް. އަޅުގަނޑު ގައުމީ ޓީމާ (އެސިސްޓަންޓް ކޯޗުކަމާ) ހަވާލުވުމަކީ ނިންމި އެންމެ އުނދަގޫ އެއް ނިންމުން. މީގެ ސަބަބުން ގައުމީ ޓީމަށް ވެސް ފައިދާތަކެއްކުރާނެ ކަމަށް މި ބަލަނީ،" ސުޒޭން ބުންޏެވެ.

ސުޒޭނަކީ އެފްއޭއެމްގެ ލީޑަޝިޕަށް އެންމެ ބޮޑަށް ފާޑުކީ އެކަކެވެ. ގައުމީ ޓީމުގެ މަގާމަކަށް ސުޒޭން ގެންދިޔައީ އޭނާގެ ފަރާތުން އަމާޒުވަމުން އައި ފާޑުކިޔުންތައް ހުއްޓުވަން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި މިއީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ކަމެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ. އެކަމަކު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވި ހަފްލާގައި ސުޒޭން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެއްވެސް އިރެއްގައި އެފްއޭއެމްގެ ރައީސް ބައްސާމަށް ފާޑުކިޔާފައިނުވާނެ ކަމަށާއި އޭނާ ހިޔާލުފާޅުކުރީ ކަންތައްތައް ރަނގަޅުކުރުމަށް ކަމަށް ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވުމަށް ފަހު ސުޒޭންގެ ވިސްނުމަކީ ކްލަބްތަކާއި ސަޕޯޓަރުންގެ އިތުބާރު ވެސް ލިބޭގޮތަށް ޓީމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ކަމަށް ވަނީ ބުނެފަ އެވެ.

މިއީ ސުޒޭން ގައުމީ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2005 ވަނަ އަހަރު ވެސް ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ. އަދި ފަހުން 23 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗެއްގެ ރޯލު ވެސް އަދާކުރި އެވެ.