ފުޓްބޯޅައިގެ ރައީސްކަމަށް ވާދަކުރައްވަނީ ބައްސާމް އެކަނި!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމް ފުރުއްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލް އެކަނި ކަމަށާއި އޭނާ ކުރިމަތިލެއްވީ ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކްލަބުގެ ތާއީދާ އެކު ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.


އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން، ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން މި މަހުގެ 4 ވަނަ ދުވަހު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަށް ބައްސާމް ހުށަހެޅުއްވުމުން އެ ކޮމިޓީން ރުހުން ދިން ދިނުމާ އެއްގޮތަށް އިންތިހާބު ބާއްވާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

ބައްސާމަށް ރާއްޖޭގެ ބައެއް ކްލަބްތަކާއި ފުޓްބޯޅައިގެ ހަރަކާތްތެރިން ވަރަށް ބޮޑަށް ފާޑުކިޔައި އޭނާ އާއި އޭނާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މިދިޔަ އަހަރު މަސައްކަތްކޮށްފައިވާތީވެ ބެލެވިފައި އޮތީ ބައްސާމާ އިދިކޮޅަށް ކެންޑިޑޭޓެއް ނުކުންނާނެ ކަމަށެވެ.

އެކަމަކު ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ބައްސާމް އެކަނި ކަމަށާއި އޭނާގެ ކެންޑިޑެސީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން އަބްދުﷲ އަލީ (އޭ.ޑީ) ވަނީ މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ބައްސާމަށް ފުރަތަމަ ޑިވިޝަނުން ތާއީދުކޮށްފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީންސްޓްރީޓް އަދި ކްލަބް އީގަލްސް އެވެ. ދެ ވަނަ ޑިވިޝަނުން ތާއީދުކުރީ ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބުގައި ވޯޓްލުމުގެ ލިބެނީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބަކަށާއި ދެ ވަނަ ޑިވިޝަނުގެ ނުވަ ކްލަބަކަށާއި ތިން ވަނަ ޑިވިޝަނުގެ އެއް ކްލަބަކަށެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ދެ ވޯޓް ލިބޭނެ އެވެ. އަދި ތިން ވަނަ ޑިވިޝަނުން ވޯޓް ދޭނެ ކްލަބެއް ހޮވާނީ ޕްރައިމަރީއެއް ބާއްވައިގެންނެވެ.

ބައްސާމް (ވ) އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ނޮމިނޭޓްކުރެއްވި އަލީ އުމަރާ އެކު.

ބައްސާމް ވަނީ އިއްޔެ އޭނާގެ ކެންޑިޑެސީއާ އެކު އެގްޒެކެޓިވް ކޮމިޓީ އަށް ވެސް ނަންތައް ނޮމިނޭޓްކުރައްވައިފަ އެވެ. ސީނިއާ ނައިބް ރައީސްގެ މަގާމަށް ހުށަހަޅުއްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.

އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުގެ ނަމެވެ. މިހާރުގެ ނައިބް ރައީސް އަދި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އަށް މި ފަހަރު ޖާގައެއް ނެތެވެ.

ބައްސާމް ދެ ވަނަ ދައުރަކަށް

ކްލަބް ވެލެންސިއާ ހިންގެވުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓްބޯޅަ ހިންގެވުމުގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ވައިސް ޗެއާމަންގެ މަގާމަށް އިންތިހާބުވި ހިސާބުންނެވެ. އޭގެ ކުރިން ބައްސާމް ވެލެންސިއާގެ ފުޓްބޯޅަ ޓީމުގައި ވެސް ހަރަކާތްތެރިވި އެވެ.

ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމްއާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމް ހިންގަން ހަވާލުވެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ދިނުމުންނެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ޝަވީދު ފަހުން މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަތުމުން 2016 ވަނަ އަހަރުގެ ކުރީކޮޅު ބައްސާމް އެ ކޮމިޓީގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތެވެ.

އަދި އެ އަހަރުގެ އިންތިހާބުގައި ޝަވީދު އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަން ތައްޔާރުވިއިރު ބައްސާމް ހުންނެވި އޭނާއާ އެކު އެވެ. އެކަމަކު ދެން ކުރިމަތިލެއްވި ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އާއި ޝަވީދު ފަހުން އެއްކޮށް އިންތިހާބުގައި ވާދަކުރަން ނިންމައި އިންތިހާބު ކާމިޔާބުވުމާ އެކު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބައްސާމް އަލުން އައްޔަންކުރީ އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް ޓޮމް ވަނީ ބައްސާމް އެ މަގާމުން ވަކިކޮށްފަ އެވެ. އެއާ އެކު އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރުން ކަމަށްވާ ނައިބް ރައީސް އަލީ އުމަރާއި ޝަކީބާއި އާއި މުހައްމަދު އީސާ (މޯ) އާއި ނާޒިމާ އަދި އައްސަދު އަބްދުލްގަނީ އިސްތިއުފާ ދެއްވީ އެވެ. ނަތީޖާއަކަށްވީ އެގްޒެކެޓިވް ކޮމިޓީ އުވުމެވެ.

ފަހުން ފީފާ އިން ވަނީ ބައްސާމް މަގާމުން ވަކިކުރީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އޭނާ އަށް އަލުން އެ މަގާމް ދޭން އަންގައިފަ އެވެ. އެއާ އެކު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަލުން އިންތިހާބުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމުގެ ޒިންމާއާ ބައްސާމް ހަވާލުވާން ޖެހިވަޑައިގަތީ އެވެ.

ބައްސާމް (ވ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު.

އަދި 2016 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ބޭއްވި އާ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި 14-11 ވޯޓުން ބައްސާމް އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ޓޮމްއާ ވާދަކުރައްވައި ކުރި ހޯއްދަވަން، ޔާމީންގެ ކޮއްކޯފުޅެއް ކަމަށްވާ ބައްސާމް ބޭނުންކުރެއްވި އެއް ހަތިޔާރަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ މަޖިލިސް މެމްބަރުންތަކެއް އެގްޒެކެޓިވް ކޮމިޓީގައި ހިމެނުއްވުމެވެ. އޭގެ ތެރޭގައި ސީނިއާ ނައިބް ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފާއި ކޮމިޓީ މެމްބަރުންގެ ގޮތުގައި މުހައްމަދު އަލީ އާއި އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހުސެއިން ޝަހުދީ އާއި މުއާޒް މުހައްމަދު ރަޝީދާއި އަލީ ޝާހު އެފްއޭއެމްއާ ގުޅިވަޑައިގަތެވެ.

ބައްސާމުގެ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ. އަންހެން ގައުޖމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމުން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އެވެ. އެހެން އުސްއަލިތަކަށް ބަލާއިރު ސަރުކާރުގެ އެހީއާ އެކު ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެ އިތުރުން ޖޫނިއާ އާއި ޔޫތު ފެންވަރުގައި ގައުމީ ޓީމުތަކަށް ފުރުސަތު އިތުރުކޮށްދީ އަދި އަތޮޅު މުބާރާތުގެ ފެންވަރު ވެސް މަތިކުރި އެވެ.

އެކަމަކު ތަފާތު ސަބަބުތަކާ ހެދި ފަހުން އައިސް އާއްމުންގެ ނުރުހުން އަމާޒުވާން ފެށި އެވެ. އޭގެ ތެރޭގައި ބައެއް މުބާރާތްތައް ނެތުމާއި ކަލަންޑަރު ރަނގަޅަށް ނުރޭވި، ކްލަބް ފުޓްބޯޅައިގެ ފޯރިކެނޑުމާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުމާއި ގައުމީ ޓީމުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިނުމުގައި އެފްއޭއެމްގެ ނުފޫޒެއް އޮތް ކަމަށް ތުހުމަތުކުރެވުން ހިމެނެ އެވެ.

މީގެ ތެރެއިން އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން، މި ސަރުކާރުން ވެރިކަމަށް އައިސް 2018 ވަނަ އަހަރުގެ ފަހުކޮޅު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތް ފެށްޓެވި އެވެ. އެފްއޭއެމުން އެކަމާ ހިތްހަމަނުޖެހި، އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނަ އެވެ. އެއާ އެކު އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރުގެ އެ މަސައްކަތް ހުއްޓާލަން ނުސީދާކޮށް އިންޒާރު ދީފަ އެވެ.

ދެން ފެނުނީ ބައްސާމާއި އެގްޒެކެޓިވް ކޮމިޓީ މެމްބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ބައެއް ކްލަބްތަކުން ތައްޔާރުވިތަނެވެ. އެގޮތުން އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ސިގްނަލެއް އެންމެ ފުރަތަމަ ދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަހުލޫފެވެ. އޭނާ އެހެން ވިދާޅުވީ، ސަރުކާރުގެ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ދައްކައި، އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މަހުލޫފު މަސައްކަތްކުރައްވަމުން އަންނަ ކަމަށް އެފްއޭއެމުން ބުނިތާ މާގިނައިރުތަކެއް ނުވަހީހެވެ.

ނިއު ރޭޑިއަންޓުން އިސް ނަގައިގެން ކުރަން ފެށި އެ މަސައްކަތުގެ ސިގްނަލެއް މަހުލޫފު ދެއްވި ދުވަހާ ވިދިގެން އައި ދުވަހު އެފްއޭއެމުން ވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް ބުނެ ނިއު ސަސްޕެންޑްކޮށްފަ އެވެ. ނިއު އިން ތުހުމަތުކުރި ގޮތުގައި ސަސްޕެންޑްކުރީ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުމުން އެކަން ހުއްޓުވަން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖާޒީއެއް ހަދިޔާކުރައްވާއިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ކ) އަރިހުގައި. --ފޮޓޯ: ރައީސް އޮފީސް

ކްލަބްތަކުން ބައްސާމާ ދެކޮޅަށް ހުށަހެޅި ކަންކަމުގެ ތެރޭގައި އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާއި ސިޔާސީ ހަރަކާތްތަކުގައި އެތަން ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަން ގުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރު ހުޅުވި ހުޅުވުމާ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އެހެން ނުކުތާތަކުގެ ތެރޭގައި އަސާސީ ގަވާއިދާ އެއްގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވުމާއި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ސަރަހައްދީ އޮފީސްތައް ނެހެދުމާއި މުހިއްމު މުބާރާތްތައް ނުބޭއްވުން ހިމެނެ އެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގެ ޖާގަތައް ގެއްލުމުގައި އެފްއޭއެމްގެ ފަރުވާކުޑަކަން އޮތްކަމަށް ތުހުމަތު ކުރެވުމާއި ފުޓްބޯޅައާ ގުޅުން ހުރި މުހިއްމު ނިންމުންތައް އެގްޒެކެޓިވް ކޮމިޓީ އާއި ކްލަބްތަކުގެ ބަހެއް ނެތި ނިންމުން ހިމެނެ އެވެ.

އެ ދުވަސްވަރު ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީ ހިންގަވަމުން ގެންދެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި 2017 އާއި 2018 ގައި ސަރުކާރު ކުންފުނިތައް މެދުވެރިވެގެން ކްލަބްތަކަށް ގިނަ ފައިސާތަކެއް ހަރަދުކުރެވިއްޖެ ކަމަށާއި އެކަމަކު އޭގެ އެއްވެސް ފައިދާއެއް ނުކުރާ ކަމުގެ ހެއްކަކީ މިހާރު ރާއްޖޭގެ ކްލަބްތައް ބަނގުރޫޓުވެފައި އޮތުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ކުންފުނިތައް މެދުވެރިކޮށް ހުރިހާ ކުޅިވަރަކަށާއި ހާއްސަކޮށް ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް އަންނަ ގޮތަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

އަދި އޭނާ ވަނީ އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ ޕާޓީގެ އޮފީހެއް ހުޅުވި މައްސަލަ އާއި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެފްއޭއެމްގެ އޮފީސް ސަރަހައްދަށް ފުލުހުން ވަންނަން ޖެހުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ހިނގައިދިޔަ ސްކޭންޑަލްގެ (އެމްއެމްޕީއާރްސީ ހިޔާނާތުގެ) ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނީމަ. އެއީ ފީފާ ސްޓެޓިއުޓްސްގައި އޮންނަ އެއްޗެއްތޯ. އަޅުގަނޑުމެންގެ ގައުމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި އެފްއޭއެމް ތެރެއިން ކަޅު ދަބަސްތައް ނެރުނު. އެކަން ފުލުހުންނާއި ތަހުގީގީ އިދާރާތަކުން އޮޅުން ފިލުވަންވީނޫންތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވާހަކަދައްކާލައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހުލޫފު އޭގެ ކުރިން "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދިނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.

އެ ކަންތައްތައް ހުށަހަޅައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތްކުރި ނިއު ކުއްލި ގޮތަކަށް ސަސްޕެންޑްކުރުމުން އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މަސައްކަތާ ހަވާލުވީ ވިކްޓްރީންނެވެ. އެކަމަކު ވިކްޓްރީން ހުށަހެޅި ލިޔުމުގައި، ގާނޫނީ އަދަދު ހަމަނުވާ ކަމަށް ފީފާ އިން ބުނުމުން އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އެވެ. އަދި ފަހުން ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވެސް އެފްއޭއެމްއާ ސުލްހަވީ އެވެ. އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އަދި މަހުލޫފާއި އަލީ ވަހީދު ވެސް ހިމަނުއްވައިގެން އެފްއޭއެމުން ގައުމީ ޓީމު ކޮމިޓީއެއް ހަދައި ގުޅިގެން މަސައްކަތް ފެށި އެވެ. އެ ދުވަސްކޮޅު ފުޓްބޯޅަ ކަންކަމުގައި އެންމެ އިސް ސަފުގައި ހުންނެވީ ވެސް އަލީ ވަހީދެވެ.

އެކަމަކު އެ ކޮމިޓީ ކުއްލި ގޮތަކަށް އުވާލުމާ އެކު އަލީ ވަހީދު އަނެއްކާ ވެސް ފެންނަން ފެށީ ތަންކޮޅެއް ދުރުންނެވެ. އެކަމަކު މަހުލޫފު ގެންދެވީ އެފްއޭއެމްއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. އަދި މި އިންތިހާބަށް ސަރުކާރުން ކެންޑިޑޭޓަކު ނެރެން މަސައްކަތްކުރި ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވީ އަލީ ވަހީދު ވެސް ވާހަކަތައް ދެކެވެން ފެށި އެވެ. ދެން އިވިގެން ދިޔައީ އެފްއޭއެމުން ކުއްލި ގޮތަކަށް އިންތިހާބު އިއުލާންކުރި އަޑެވެ. އެ އިއުލާނުގެ މުއްދަތު އިއްޔެ ހަމަވިއިރު އިތުރު މީހަކު ލާފައި ނެތުމާއި އަދި ބައްސާމަށް ގިނަ ކްލަބްތަކެއްގެ ތާއީދު އޮތުމާ އޭނާ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަން ވަރަށް ޔަގީނެވެ.