ޗައިނާ-ރާއްޖެ މެޗު ތައިލެންޑުގައި ކުޅޭނީ ސަޕޯޓަރުން ނުވައްދާ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ސަޕޯޓަރުން ނުވައްދައި މެޗު ކުޅޭގޮތަށް ވާހަކަދެކެވިފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


ޗައިނާގައި ވޫހާން އިން ފެނި މިހާރު ޗައިނާގައި ހަލުވިކަމާ އެކު ފެތުރި އެހެން ގައުމުތަކަށް ވެސް އޭގެ އަސަރުކުރަމުން އަންނަ ވައިރަހުގެ ސަބަބުން އަންނަ މަހު ޗައިނާ އާއި ރާއްޖެ ކުޅޭ މި މެޗު އެހެން ގައުމަކަށް ބަދަލުކުރާނެ ކަމަށް ކުރިން ވެސް އޮތީ ޔަގީންކުރެވިފަ އެވެ.

ޗައިނާގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ މެޗު ތައިލެންޑުގައި ކުޅެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. ޗައިނާގެ ވިސްނުން ހުރީ ތައިލެންޑުގެ ބުރިއަމް ޕޮރޮވިންސްގައި ހުންނަ 32،600 މީހުންގެ ޖާގައިގެ ޗޭންގް އެރީނާގައި މެޗު ކުޅޭށެވެ. އަދި މި ވަގުތަށް މަޝްވަރާތަށް ގޮސްފައިވާ ހިސާބަށް ބަލާއިރު މި މެޗު ކުޅެން ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ. އަދި މި މެޗަށް ތައްޔާރުވުމަށް އަންނަ މަހުގެ ކުރީކޮޅުގައި ޗައިނާ ގައުމީ ޓީމު ތައިލެންޑަށް ދާގޮތަށް ވަނީ މަޝްވަރާކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެ ކުރިން "މިހާރަ"ށް ވިދާޅުވީ ރަސްމީކޮށް އަދި އެ މެޗާ ބެހޭގޮތުން ވަކި އެއްޗެއް ނާންގާ ކަމަށާއި އެކަމަކު ދެކެވޭ ވާހަކަތަކަށް ބަލާއިރު އެ މެޗު ކުޅޭނެ ދަނޑެއް ކަނޑައެޅުމުގެ ކަންތައްތަކާ އޭއެފްސީ އާއި ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ކޮލިފައިންގައި ރާއްޖޭން ސެޕްޓެމްބަރު މަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 5-0 އިންނެވެ. އޭރު ރާއްޖޭގެ ކޯޗަކަށް ހުރީ ކުރީގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެވެ. އަދި ޗައިނާގެ ކޯޗަކަށް ހުރީ އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ އެވެ. މި ދެ ޓީމުގެ ކޯޗު މިހާރު ވަނީ ބަދަލުވެފަ އެވެ. ރާއްޖޭގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހުރިއިރު، ޗައިނާ ކޯޗުކަމުން ލިއްޕީ ވަކިވުމުން އެ ޓިމާ ހަވާލުވީ ކުރިން އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފައިވާ ލީ ޓައި އެވެ.

ރާއްޖޭން މިހާރު އަންނަނީ ކޫޕްމަންގެ އިރުޝާދުގެ ދަށުން ޕްރެކްޓިސްތަކެއް ބާއްވަމުންނެވެ. ކޫޕްމަން ވެސް ވަނީ ޗައިނާގައި ކުޅެން އޮތް މެޗު އެހެން ދަނޑެއްގަައި ކުޅޭނެ ކަމަށް ބުނެފަ އެވެ.

މާލޭގައި ކުޅުނު މެޗުގައި ޗައިނާގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަނެވެ. އަދި ޗައިނާ ހޯމް މެޗު ތައިލެންޑުގައި ކުޅޭއިރު ސަޕޯޓަރުން ނުވައްދައި ކުޅެން ނިންމައިފިނަމަ މިއީ އެ ޓީމަށް ލިބޭނެ ގެއްލުމެކެވެ. ވައިރަހުގެ ސަބަބުން ޗައިނާގެ ފުޓްބޯޅަ މެޗުތައް ހުއްޓާލާފައިވާއިރު، އެ ގައުމުގައި ކުރިއަށްގެންދަން ރާވާފައިވާ ގިނަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ފަސްކޮށްފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަތް ޕޮއިންޓް ހަމަކުރެވުނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މީގެ ކުރިން ވެސް ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗެއް ކުޅެން އޮތް ދަނޑު ވަނީ ބަދަލުކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖޭން ކުޅެން އޮތް ހޯމް މެޗެވެ. އެ ގޮތުން 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި އެޅި ރަބަރު ގަނޑެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމުން މެޗު ޖެހުނީ އެހެން ދަނޑަކަށް ބަދަލުކުރާށެވެ. އެ ފަހަރު ރާއްޖޭގެ ހޯމް މެޗު ކުޅުނީ ޗައިނާގެ ޝެންޔެންގަ އެވެ.