ކުރީގެ ތަޖުރިބާއާ އެކު މާޒިޔާ އިތުރަށް ސަމާލުވެގެން

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާ އިން ބޭނުންވާ ނަތީޖާ ނެރެވޭނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވީ އެންމެ ރަނގަޅަށް ކޮށްގެން ކަމަށާއި އެ އުއްމީދު އެބައޮތް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.


މާޒިޔާ އިން މި މުބާރާތުގައި މިހާތަނަށް ބެންގަލޫރާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2015 އާއި 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. މީގެ ތެރެއިން 2017 ވަަނަ އަހަރު ބެންގަލޫރު އަތުން ދެ ފަހަރު ވެސް މާޒިޔާ ބަލިވީ 1-0 އިންނެވެ. އެ ދެ މެޗުގައި ވެސް ދިޔައި ވަރަށް އެއްވަރުކޮށެވެ. އެކަމަކު ފަހު ވަގުތު ބެންގަލޫރުން ނަތީޖާ ނެރުމުގައި ކުރިހޯދަނީ އެވެ.

މާދަމާ ހަވީރު ކުޅޭ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ މާޒީގައި ބެންގަލޫރާ ދެކޮޅަށް ވެދިޔަ ކަންތައްތަކަށް ބަލައި މާޒިޔާ އިން މި މެޗަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

"ބެންގަލޫރު ކޯޗު އެ ބުނީ ރަނގަޅަށް ދެ ހިލޭ ޖެހުމުން 2017 ގައި މެޗުތަކުގެ ނަތީޖާ އަށް އަސަރުކޮށްފައި ހުރީ. މި ކަހަލަ ކުދިކުދި ކަންތައްތައް ހުރީ ކުރިން ބެންގަލޫރު ކޮޅަށް ނިމިފައި. އަހަރެމެން މަސައްކަތް މި ކުރަނީ މި ކަހަލަ ކަންތައްތައް މި ފަހަރު އަހަރެމެން ކޮޅަށް ނިމޭނެ ވަރަށް މަސައްކަތްކުރަން،" ސެކުލޮސްކީ ބުންޏެވެ.

"ބެންގަލޫރާ ދެކޮޅަށް އަހަރެމެން ހުރިހާ ކަމެއް ރަނގަޅަށް ކޮށްގެން ނަތީޖާ ނެރެވޭނީ. މާދަމާގެ މެޗުގައި ވަރުބަލިވިޔަސް ނޫނީ އެހެން ކަމެއްދިމާވެފައި ހުރި ކަމުގައިވިޔަސް ފޯކަސް ބަހައްޓަންވީ ކުޅެވުނު އެންމެ ރަނގަޅަށް ކުޅެ ނަތީޖާ ނެރެން."

މާޒިޔާ އިން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރު ބެންގަލޫރާ ކުޅުނުއިރު އޭރު މެޗުތަކަށް ނުކުތީ ގްރޫޕް ސްޓޭޖުގެ މެޗުތަކެއްގެ ވިސްނުމުގައި ކަމަށާއި މިހާރު ކުޅެން ޖެހިފައި އޮތީ ނޮކައުޓު އުސޫލުގެ ދެ ލެގު ކަމަށްވުމުން މީގައި ތައްޔާރީގައި ތަފާތުތަކެއް ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"މިއީ އެއް މެޗެއްގެ ދެ ހާފް ކަމަށް ވިސްނަންވީ. އެއް ހާފު މާލޭގައި. އަނެއް ހާފު ބެންގަލޫރުގައި. އެ ގޮތުން މާދަމާ މި ކުޅޭ މެޗުގައި ރަނގަޅަށް ފެށުމެއް މުހިއްމު. އެކަމަކު ހަނދާނުގައި ބަހައްޓަންވާނެ އިތުރު މެޗެއް އެބައޮތްކަން. ފަސޭހަކޮށްލައިގެން ވެސް ނުވާނެ،" ސެކުލޮސްކީ ބުންޏެވެ.

ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލޭގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި މާޒިޔާ އަށް ލަނޑު ޖަހަން ފުރުސަތުތައް ލިބި ބޭނުންނުކުރެވުނެވެ. ސެކުލޮސްކީ ބުނީ އެކަން ތަކުރާރުވިޔަ ނުދޭނެ ކަމަށާއި ލިބޭކޮންމެ ފުރުސަތެއްގައި ވެސް ބޭނުންހިފުމުގެ މުހިއްމުކަން ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށެވެ.

ބެންގަލޫރުން އިންޑިއާގެ ސުޕަ ލީގުގެ ޕްލޭއޮފް ޔަގީންވެފައިވުމުން އެންމެ ފަހުން އެ މުބާރާތުގައި ކެރަލާއާ ދެކޮޅަށް ބަލިވި މެޗުގައި ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުކުޅެ އެވެ. އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައި ބެންގަލޫރުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ސުނިލް ޗެތުރީ ނުކުޅެ އެވެ.

"ބެންގަލޫރަކީ ޕްރޮފެޝަނަލް ޓީމެއް. އެވްރެޖް ޓީމެއްގެ ގޮތުގައި ދެކިގެނެއް ނުވާނެ. އެ މީހުންނަށް އެނގޭނެ ސުޕަ ލީގާއި އޭއެފްސީ ކަޕްގައި ކުޅެންވީ ގޮތް. އެ މީހުންގެ ސްކޮޑު ތައްޔާރުކުރާނީ ވެސް މި ފަދަ މުބާރާތްތަކުގައި ކުޅެވޭ ގޮތަށް. އެ ފަދަ ޓީމަކާ ކުޅޭއިރު އަހަރެމެން ސަމާލުވާންޖެހޭނެ،" ސެކުލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.