ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް އާސެނަލްގެ ކުރީގެ ކުޅުންތެރިއެއް

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅާ ޓީމުގެ ކޯޗަކަށް އާސެނަލަށް ކުރިން ކުޅެފައިވާ ލެޓްވިއާގެ އީގޯ ސްޓެފަނޯސް ހަމަޖައްސައިފި އެވެ.


އެންމެ ފަހުން ލެޓްވިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ސްޓެފަނޯސް އަކީ އާސެނަލުން 2003 ވަނަ އަހަރު މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މެމްބަރެކެވެ. ޑިފެންޑަަރަކަށް ކުޅޭ ސްޓެފަނޯސް ވަނީ ސްވިޒަލެންޑާއި ޑެންމާކް އަދި ރަޝިއާގެ ކްލަބްތަކަށް ވެސް ކުޅެފަ އެވެ. އޭނާގެ އަނެއް އުސްއައްޔަކީ ލެޓްވިއާ ގައުމީ ޓީމަށް 100 އަށް ވުރެން ގިނަ މެޗު ކުޅެދިނުމެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެފަނޯސް ބުނީ އޭނާ އުފަން ލެޓްވިއާ އަކީ ވެސް ނިސްބަތުން ކުޑަ ގައުމެއް ކަމަށާއި ފުޓްބޯޅައިގެ ތަޖުރިބާ އޭނާ އަށް ލިބުނީ އެހެން ގައުމުތަކުން ކަމަށެވެ. އަދި އޭނާ އަށް ދަސްވެފައިވާ ކަންތައްތަކުގެ އަލީގައި ރާއްޖޭގެ ކުޅުންތެރިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

"މިއީ ފައިސާއާ ގުޅޭ ނިންމުމެއް ނޫން. މިއީ އަހަރެން މި ޕްރޮޖެކްޓާ މެދު ޝައުގުވެރިވާތީ އައި ނިންމުމެއް. މިއީ ލޯންގްޓާމް ޕްރޮޖެކްޓެއް ކަމަށްވާއިރު އަހަރެން ބޭނުންވަނީ މީގެ އަހަންނަށް ކޮށްދެވޭނެ ހުރިހާ މަސައްކަތެއް ކުރުން،" ސްޓެފަނޯސް ބުންޏެވެ.

އާސެނަލް މެޗެއްގެ ތެރެއިން ސްޓެފަނޯސް. -- ފޮޓޯ: އާސެނަލް.

ގައިމި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 19 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިނީ އަހުމަދު ނާޝިދު (ނާދު) އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ޕްރޮގްރާމްގެ ދަށުން މުސްތަގުބަލަށް ރަނގަޅު ކުޅުންތެރިންތަކެއް ބިނާކުރުމުގެ މަސައްކަތުގައި މިއީ މުހިއްމު ފެށުމެއް ކަމަށެވެ.

"އެފްއޭއެމްގެ ވަރަށް ބޮޑު އަމާޒެއް މި އަހަރު ނިމުމުގެ ކުރިން 16 އަހަރުން ދަށުގެ ޓީމަށް ވެސް ބޭރުގެ ކޯޗެއް ގެނައުން. ބިދޭސީ ކޯޗެއް މި ޓީމަށް ގެނައުމުގެ ދެ ބޭނުމެއް އެބައޮތް. އެއް ބޭނުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް (ތަމްރީންތަކުގެ) އާ ރަހައެއް ގެނެސްދިނުން ޔޫރަޕްގެ ތަޖުރިބާހުރި ކޯޗެއްގެ ފަރާތުން. ދެން ބޭނުންވަނީ ރާއްޖޭގެ ލޯކަލް ކޯޗުންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ދީގެން ޑިވެލޮޕް ކުރުން،" ބައްސާމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ވަނީ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިރުޝާދުގެ ދަށުން ސާފް މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ. ޝާޒް ފަހުން ވަނީ އެ ޓީމާ ވަކިވެ ޓީސީގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ދުރު ރާސްތާ ޕްލޭނަކާ އެކު 2023 ގެ އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޓީމެއް އެކުލަވާލަން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާ 16 އަހަރުން ދަށުގެ ޓީމު ހަވާލުކޮށް މަސައްކަތްކުރަމުން ދަނިކޮށް ނިޒާމްބެ އެ ޓީމު ދޫކޮށްލަން ޖެހުނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ސައިފް ސްޕޯޓިންއާ ހަވާލުވާން ފުރުސަތު ލިބުމުންނެވެ.

ބައްސާމް ވިދާޅުވީ އެންމެ ފަހުން ގެންގުޅުނު ވިސްނުމުގައި ފެންވަރު ރަނގަޅު ލޯކަލް ކޯޗުން ޒުވާން ގައުމީ ޓީމުތަކަށް ވެސް ގެނެވުނު ކަމަށާއި އެކަމަކު އެ ކޯޗުން ބަހައްޓަން އުނދަގޫތަކެއް ދިމާވީ ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ތިބި ކްލަބްތަކަށް އެ ކޯޗުން ބޭނުންވާތީ ކަމަށެވެ.

އެފްއޭއެމްގެ ވިސްނުން ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އަލުން ކުޅުންތެރިން ނަގަން ކުރިއަށް އޮތް 10 ދުވަސް ތެރޭ މާލޭގައި ޓްރަޔަލެއް ބޭއްވުމަށެވެ. އަދި މުޅި ރާއްޖޭން ވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގެ މަސައްކަތްކުރާނެ ކަމަށާއި އެ ގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް 19 އަހަރުން ދަށުގެ ޓްރަޔަލްތަކެއް ބޭއްވޭނެ ކަމަށް ބުނެ އެވެ.

"ބޭނުންވަނީ މުޅި ރާއްޖެ ޝާމިލުވެގެން އެކުލަވާލެވޭ ޒުވާން ގައުމީ ޓީމެއް މުސްތަގުބަލަށްޓަކައި މި ކޯޗު (ސްޓެފަނޯސް)ގެ ބެލުމުގެ ދަށުން ބައްޓަންކުރަން،" ބައްސާމް ވިދާޅުވި އެވެ.