ގަދަފަދަ ބެންގަލޫރު ބަލިކޮށް މާޒިޔާ ފުރުސަތު ބޮޑުކޮށްފި

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު ރާއްޖެ ޗެމްޕިއަން މާޒިޔާ އިން އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު 2-1 އިން ބަލިކޮށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.


މިއީ ބެންގަލޫރު އަތުން ރާއްޖޭގެ ޓީމެއް މޮޅުވި ދެ ވަނަ ފަަހަރެވެ. މީގެ ކުރިން ރާއްޖޭގެ ޓީމުތަކުން ބެންގަލޫރާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު އަތުން މޮޅުވީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުންނެވެ. މިއަދުގެ މެޗުގެ ކުރިން މާޒިޔާއާ ދެކޮޅަށް ބެންގަލޫރުން 2015 އާއި 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ.

މި މޮޅާ އެކު މާޒިޔާ އަށް އޮތް ހިތްހަމަ ޖެހުމަކީ އަންނަ ހަފްތާގައި އިންޑިއާގައި ކުޅޭ ބެންގަލޫރުގެ ހޯމް މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަަރުކުރުމެވެ. މާޒިޔާ އިން ރަށުންބޭރުގައި ލަނޑެއް ޖަހައިފިނަމަ ބެންގަލޫރަށް ފުރުސަތު ލިބޭނީ ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. އެ މެޗުގައި އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 އިން ބެންގަލޫރު މޮޅުވެއްޖެނަމަ އެވެ. އެ ނޫން ސްކޯ އަކުން އެއް ގޯލުގެ ތަފާތުން މާޒިޔާ ބަލިވި ނަމަވެސް އެ ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ލިބޭނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ އެވެ. އެ ގްރޫޕުގައި މި ވަގުތު އޮތީ 2018 ވަަނަ އަހަރުގެ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

މާޒިޔާގެ ފޭދޫ އިއްބެ ލަނޑު ޖެހުމުން އޭނާ އަށް ހަމްޕު މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން މި މެޗަށް ނުކުތީ އަބަހާނީއާ ދެކޮޅަށް ދެ ވަނަ ލެގުގައި ކުޅުނު ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ނާއިޒް ހަސަން (ދާދު) މި މެޗުގައި ވެސް ނުކުޅެ އެވެ.

އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ނުލައި މި މެޗާ ކުރިމަތިލާ ބެންގަލޫރުގެ ފޯވާޑް ލައިން ލީޑުކުރަން ހުރީ ބާސެލޯނާ އަށް 2016 ވަނަ އަހަރު ކުޅުނު ފޯވާޑް ނިލީ ޕެޑްރޯމޯ (ނިލީ) އެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް ނިލީ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި އޭނާ ޖެހި ބޯޅަ މާޒިޔާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

މާޒިޔާ އަށް މައްސަލަ ދިމާވީ މެޗުގެ 10 ވަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ކަކުލަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ މޫސާ ޔާމީން (ޔާމްބެ) އެވެ. މާޒިޔާގެ ފުރަތަމަ ހަމަލާ ފޮނުވާލީ 21 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަަގައިދިން ހިލޭޖެހުމަކުން އިބްރާހިމް އައިސަމް ބޮލުންނެވެ. އެ ބޯޅަ ދިޔައީ ބޭރުންނެވެ.

ބެންގަލޫރުގެ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެރިކް ޕާޓަލޫ މެދުތެރޭގެ ކޮންޓްރޯލް ނަގައި ބޯޅަ ހިފަހައްޓައިގެން މަސައްކަތްކުރި ނަމަވެސް ޖުމްލަގޮތެއްގައި މާޒިޔާއިން ދިޔައީ ބެންގަލޫރުގެ އެޓޭކްތައް ހުއްޓުވަމުންނެވެ. ބެންގަލޫރުގެ އެންމެ ކުރިއަށް ކުޅުނު ސެމްބޯއީ ހޯކިޕް އަށް ލިބޭ ބޯޅަތަކުގައި އޭނާ އަށް ދިޔައީ އެންމެ ރަނގަޅަށް ބޭނުންނުކުރެވި އެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތު ލިބުނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. މެޗުގެ 39 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ހަމްޕު ބޯޅަ ހިފައިގެންވަދެ ހުސްކޮށްލާފައި އޭރިއާތެރެއިން ދިނީ ފޭދޫ އިއްބެ އަށެވެ. އޭނާ ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި ޖެހި ބޯޅަދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ބެންގަލޫރުގެ ނިލީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ މާޒިޔާގެ އަފްގާނިސްތާން ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

ބެންގަލޫރުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅެ މެޗުގެ 60 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން އޭރިއާ ތެރެއިން ޕާޓަލޫ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ތިން މިނިޓްގައި ފަހުން މާޒިޔާ އަށް ލީޑުނަގައިދިނީ ފޭދޫ އިއްބެ އެވެ. އައިސަމް ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ފޭދޫ އިއްބެ އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން އިންޑިއާ ގައުމީ ޓީމުގެ ގޯލްކީޕަރު ގުރްޕްރީތު ސިންގް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މާޒިޔާގެ ހަމްޕު (ވ) އަތުން ބޯޅަ ހޯދަން ބެންގަލޫރުގެ އޮގަސްޓިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ލީޑުނެގުމާ އެކު ބެންގަލޫރުން ވަނީ ޖެމެއިކާގެ ފޯވާޑް ޑެޝޯން ބްރައުން ކުޅެން އަރުވައިފަ އެވެ. އޭނާ ކުޅެން އެރިތާ ހަތް މިނިޓް ތެރޭ ބެންގަލޫރުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޕެނަލްޓީ އަކުން ނިލީ އެވެ. މި ޕެނަލްޓީ އަކީ ބްރައުން ބޮލުން ޖަހަން އެރި ބޯޅައެއް ހުއްޓުވަން މާޒިޔާގެ ސާބިއާ ޑިފެންޑަރު ޕީޓަ ޕެލަނިޗް އެރި ވަގުތު އޭނާ އަތުގައި ބޯޅަ ޖެހުމުންނެވެ.

މާޒިޔާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 80 ވަނަ މިނިޓްގައި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާާޓް (ކޯނޭ) އެވެ. މެދުތެރެއިން ހަމްޕު ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކޯނޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ފަހު ވަގުތު ބެންގަލޫރުން ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

މާޒިޔާ އިން ޕްލޭއޮފުގެ ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގައި ކުޅުނު ދެ މެޗުން ވެސް ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެއްވަރުވި ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ. ބެންގަލޫރު ޕްލޭއޮފަށް އައީ ބޫޓާނުގެ ޕާރޯ އެފްސީ އަތުން ދެ ލެގުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ ލެގުން ރަށުން ބޭރުގައި 1-0 އިން މޮޅުވިއިރު ދެ ވަނަ ލެގުން މޮޅުވީ 9-1 އިންނެވެ.

މިއަދުގެ މެޗު ބަލަން 650 ވަރަކަށް ސަޕޯޓަރުން ދަނޑަށް ވަނެވެ. މިއީ އެންމެ ފަހުން މާޒިޔާ އިން އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗަށް ވަން އަދަދަށް ވުރެ މަދު އަދަދެކެވެ. އެކަމަކު އެ މެޗުގައި ގިނައީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ.