ފުރިހަމަ މޮޅެއް، އެކަމަކު މިއީ އެޑްވާންޓޭޖެއް ނޫން: ސެކުލޮސްކީ

އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި އިއްޔެ ހަވީރު އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ އަތުން މާލޭގައި 2-1 އިން މާޒިޔާ ހޯދި މޮޅަކީ ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު މިއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށް މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނެފި އެވެ.


އަންނަ ހަފުތާގެ ބުދަ ދުވަހު ބެންގަލޫރުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ.

އިއްޔެގެ މެޗަށް ފަހު ސެކުލޮސްކީ ބުނީ މާޒިޔާ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ޓީމް މަސައްކަތެއް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނުނީ މަސައްކަތްކުރުމުގެ ވަރުގަދަ ރޫހެއް ކަމަށެވެ.

"އަހަރެމެން ހަތަރެއް ނޫނީ ފަސް ފުރުސަތު ހޯދައި ދެ ލަނޑު ޖެހިން. އަހަރެމެން ބެންގަލޫރަށް ނުދެން ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ވެސް. އެ މީހުން ލަނޑު ޖެހީ ޕެނަލްޓީއަކުން. މެޗުގެ ކުރިން ވެސް ބުނިން ބޭނުންވަނީ މޮޅުވާށޭ. އެކަން މިއޮތީ ވެފައި. މިކަމުގެ ހުރިހާ ކްރެޑިޓެއް ދޭނީ ކުޅުންތެރިންނަށް،" ސެކުލޮސްކީ ބުންޏެވެ.

މިއީ އެޑްވާންޓޭޖެއްތޯ އެހުމުން ސެކުލޮސްކީ ބުނީ ނޫން ކަމަށާއި ދެން އޮތީ މި ނަތީޖާ ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އަދި މިއީ ފުރަތަމަ 90 މިނެޓު ކަމަށާއި ދެން އޮތް 90 މިނެޓު ފަސޭހަނުވާނެ ކަމަށެވެ.

ބެންގަލޫރު ކޯޗު ކާލެސް ކުއަޑްރާޓް ވަނީ ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ސަބަބުން އުނދަގޫވި ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭއިރު ފަސޭހަވާނެ ކަމަށް ބުނެފަ އެވެ. ސެކުލޮސްކީ ބުނީ އެ ވާހަކަތަކާ މެދު އެއްބަސްވާ ކަމަށެވެ.

"ބެންގަލޫރަކީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމު. އަހަރަކު ހަ މިލިއަން ޑޮލަރުގެ ބަޖެޓެއް އޮވޭ. އަހަރަކު 500،000 ޑޮލަރުގެ މުސާރަދޭ ކުޅުންތެރިން ލިބޭ. އެއީ މާޒިޔާގެ އަހަރުގެ ބަޖެޓް. އެ ޓީމު އަތުން މޮޅުވީތީ އުފާކުރަން. އެކަމަކު އަހަރެމެންނަށް އެނގޭ އަދި މި ނިމުނީކީ ނޫންކަން. މިއަދު މި ކުރި ގޮތަށް އަނެއް މެޗުގައި ވެސް މަސައްކަތްކޮށް ލިބެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ހޯދަން ޖެހޭ،" ސެކުލޮސްކީ ބުންޏެވެ.

މިއީ ރާއްޖޭގެ ޓީމަކަށް ބެންގަލޫރު ބަލިކުރެވުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބެންގަލޫރުން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ބަލިކުރެވުނީ ނިއު ރޭޑިއަންޓަށެވެ. ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޓީމު ބަލިކުރެވުމަކީ ކިހާ ބޮޑު ހިތްހަމަޖެހުމެއްތޯ އެހުމުން ސެކުލޮސްކީ ބުނީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޓީމު އަތުން ވިޔަސް، ރާއްޖޭގެ އެންމެ ބަލި ޓީމު އަތުން ވިޔަސް މޮޅެއް ވާނީ މޮޅަކަށް ކަމަށާއި އޭނާއާ ތަފާތެއް ނޯންނާނެ ކަމަށެވެ.

މާޒިޔާ އިން އަންނަ ހަފުތާގައި ދެ ވަނަ ލެގަށް ނުކުންނާނީ އިތުރު މެޗެއް ނެތި ތާޒާކޮށެވެ. ބެންގަލޫރަށް އޭގެ ކުރިން އިންޑިއަން ސުޕަ ލީގުގައި ހޮނިހިރު ދުވަހު އޭޓީކޭއާ ދެކޮޅަށް ކުޅޭނެ އެވެ. މާޒިޔާ އަށް އެކަމުން އެޑްވާންޓޭޖެއް އޮންނާނެތޯ އެހުމުން ސެކުލޮސްކީ ބުނީ މެޗު ނުކުޅުނަސް، މެޗެއް ކުޅުން ފަދަ ކަމެއް މާޒިޔާ އަށް ކުރިއަށް އެބައޮތް ކަމަށެވެ. އޭނާ އެ އިޝާރާތްކުރަނީ ބެންގަލޫރަށް ކުރަން ޖެހޭ ދަތުރަށެވެ.