ދުވުމުގައި އަންހެން އާ ތަރިއެއް، ފަސް ކިލޯމީޓަރު ރެކޯޑް މުގުރާލައިފި

ރަސްމީކޮށް ދުވަން ނުކުތްތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި، ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އީނު) މިއަދު ޔޫއޭއީގެ ރަސް އަލް ޚައިމާހް ހާފް މެރަތަންގެ އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދައި އެ އިވެންޓުގެ ރާއްޖޭގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.


ޖިނާނީ ރޭސް ނިންމީ، 20:34 މިނެޓުންނެވެ. މިއީ 2017 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި މަރިޔަމް އަބްދުލްކަރީމް (މަރީ) ރެކޯޑް ހެދި ޓައިމިން އަށް ވުރެ 14 ސިކުންތު އަވަހެވެ. އެކަމަކު މަރީ ވަނީ މިދިޔަ އަހަރުގެ ދިރާގު ރޭހުގައި އެއަށް ވުރެ އަވަސް ޓައިމިންއެއް ކަމަށްވާ 20:14 މިނެޓުން ފަސް ކިލޯމީޓަރު ރޭސް ދުވެފަ އެވެ. އެ ރެކޯޑް މަރީ އަށް ނުލިބުނީ ޓެކްނިކަލް ސަބަބަކާ ހުރެ އެސޯސިއޭޝަނުން އެ ރެކޯޑް ވެރިފައިކޮށްފައިނުވާތީވެ އެވެ.

މިއަދުގެ ރޭހުގައި ރެކޯޑް ހަދައި އަންހެން ބައިން އެއް ވަނަ ހޯދުމުގެ އިތުރުން ޖިނާނީ ވަނީ މުޅި ރޭހުން ދެ ޖިންސު އެއްކޮށް ނުވަ ވަނަ ހޯދައިފަ އެވެ. މި ކާމިޔާބީތަކާ އެކު މިއަދު ފާހަގަކުރެވޭނީ ރާއްޖޭގެ ދުވުމުގެ އާ އަންހެން ތަރިއެއް އެރި ދުވަހެއްގެ ގޮތުގަ އެވެ.

ޖިނާނީ މިއަދު ރޭސް ނިންމުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން: އުއްމީދީ ދުވުންތެރިޔެއް.

ޖިނާނީ ވަނީ ސްކޫލް ދައުރުގައި، އިންޓަ ސްކޫލް މުބާރާތުގައި އަމީނިއްޔާ ޓީމަށް އެއް އަހަރު މިޑްލް ޑިސްޓެންސް ރޭސްތައް ދުވެ ވަނަ ގެނެސްދީފަ އެވެ. އެކަމަކު ފަހުން ސްކޫލް ދައުރުގައި ވެސް އަދި ރާއްޖޭން ބޭރުގައި ކިޔަވަން ހޭދަކުރި ދިގު މުއްދަތުގައި ވެސް އޭނާ ދުވެފައެއް ނުވެ އެވެ. އަލުން އޭނާ ދުވުމަށް ހިތްޖެހި، މީގެ ފަސް މަސް ކުރިން ތަމްރީނަށް ދާން ފެށީ، އަމީނިއްޔާގައި ވެސް ކޯޗުކޮށްދިން ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލް ގާތަށެވެ.

ސައިކޮލިޖިސްޓެއްގެ ގޮތުގައި ފުލް ޓައިމް ވަޒީފާއަދާކުރަމުން ވެސް އޭނާ ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު، އަދި ބައެއް ދުވަސްދުވަހު ހެނދުނާ ހަވީރު އައީ ތަމްރީން ހަދަމުންނެވެ. ޖިނާނީ މިއަދު 'މިހާރު" އަށް ބުނީ ވަޒީފާއަދާކުރަމުން ބުރަކޮށް ތަމްރީން ހެދުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށާއި ބައެއް ދުވަސްތަހު އަރާމުކުރަން ލިބެނީ ވެސް މަދު ވަގުތުކޮޅެއް ކަމަށެވެ.

"އެކަމަކު ދުވުމަކީ ކުރިން ސްކޫލްގައި އުޅުނުއިރު ވެސް ވަރަށް އެންޖޯއީ ކުރި ކަމެއް، އެހެންވެ ވަޒީފާއަދާކުރަން ފަށާފައި ހިތަށް އެރީ އާ ކަމެއް ކުރަން އަލުން ދުވަން ފަށާނީއޭ. ވޯކް ވަރަށް ސްޓްރެސްފުލް ވެސް ވީމައާ ވެސް އެކު، އެކަމުން ކޮންމެ ދުވަހަކު ބްރޭކެއް ނަގަން ވެގެން ދުވަން އަލުން ފެށީ. އެކަން އަލުން ފެށުމުން އަނެއްކާ ވެސް ވަރަށް އެންޖޯއީކުރެވޭ ކަމަކަށްވީ،" ޖިނާއީ ބުންޏެވެ.

ޖިނާނީ، 32، ބުނީ ހަމައެކަނި ކަސްރަތަށް ދުވުމުގެ ބަދަލުގައި ޓައިމިން ރަނގަޅުކުރަން އެފޯޓެއް ލައިގެން ދުވުން މުހިއްމު ކަމަށާއި އެކަމަކު އޮފީހުގެ މަސައްކަތާއި އަދި އާއިލީ ޒިންމާތަކާ އެކު އެއީ ކޮންމެ މީހަކަށް ވެސް ކުރަން އުނދަގޫ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޖިނާނީ (މ) ކޯޗު ނަސީރު (ވ) އަދި މެނޭޖަރު ފަރީހާ ޝަރީފާ އެކު: އިތުރު ހަރުފަތަކަށް ޖިނާނީ އަރުވަން ނަސީރު ބޭނުންވޭ.

"އެކަންކަން ބެލެންސްކުރިވިއްޖެއްޔާ މިއީ ވަރަށް ރަނގަޅު ކަމެއް. މަސައްކަތުން ބްރޭކެއް ލިބި، ވަރަށް ބޮޑަށް ސްޓްރެސް އިން ސަލާމަތްވޭ މީގެ ސަބަބުން. ޖިނާނީ އަށް ކުރިއަށް ދެވެނީ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން މަންމަ އާއި ބައްޕަ އާއި ހަޒްބަންޑް އަދި ފަރީގެ ފަރާތުން،" އޭނާ ބުންޏެވެ.

ހިތްހަމަޖެހުމަކަށް ދުވަން ފެށި ނަމަވެސް ޖިނާނީ މިހާރު ފެންނަނީ މުސްތަގުބަލު އޮތް، ގައުމީ ފެންވަރުގެ ދުވުންތެރިޔެއްގެ ގޮތުގަ އެވެ. ނަސީރު ހުރީ އޭނާ އިތުރަށް ކުރިއަރުވައި، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުވުމުގެ އަމާޒުގަ އެވެ.

"މިއަދަކީ ކުޅިވަރުގައި އެންމެ އުފާވި އެއް ދުވަސް. އެންމެ އުފާވީ އޭނާ ރެކޯޑް ހެދީމައެއް ނޫން. އެކަމަކު ރޭހުން އެއް ވަނަ ހޯދުމުން،" ނަސީރު ބުންޏެވެ. "ޖިނާނީ އަކީ ވަރަށް ޕޮޓެންޝިއަލް ދުވުންތެރިޔެއް. އެންމެ ފުރަތަމަ ބޭނުންވަނީ ފަސް ކިލޯމީޓަރު އިވެންޓުގައި ކުރިއަށް ގެންދަން. އެއަށް ފަހު ހާފް މެރެތަން އާއި މެރެތަން އަށް ދާނީ،"