މޯޑް، ރޭހުން އެއް ވަނަ ހޯދައި ފަސް ކިލޯމީޓަރު ރެކޯޑް މުގުރާލައިފި

ޔޫއޭއީގައި މިއަދު އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގެ ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދައި ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ފިރިހެނުންގެ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.


އޭނާ މިއަދު 15:33 މިނެޓުން ދުވެގެން މުގުރާލީ މޮރޮކޯގައި 2018 ވަނަ އަހަރު ހުސެއިން ފަޒީލް ހާރޫން 15:50 މިނެޓުން ދުވެގެން ހެދި ރެކޯޑެވެ. ފިރިހެނުންގެ ފަސް ކިލޯމީޓަރު ރެކޯޑް މުގުރާނުލެވި 27 އަހަރު އޮތުމަށް ފަހު 2016 ގައި ފަޒީލް މުގުރާލި ފަހުން ކޮންމެ އަހަރަކު އަންނަނީ އާކުރަމުންނެވެ.

މާލޭގައި 1989 ވަނަ އަހަރު ބޭއްވި ކްލަބް ޓޯނަމަންޓުގައި ހުސެއިން ހަލީމް (ކުޑަހުސެން) 17:09 މިނެޓުން ދުވެގެން ހެދި ރެކޯޑް ފަޒީލް އެންމެ ފުރަތަމަ މުގުރާލީ 2016 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި 16:31 މިނެޓުން ދުވެގެންނެވެ. އޭގެ ފަހުން ޝިފާޒް މުހައްމަދު 2017 ގައި އެ ރެކޯޑް މުގުރާލާފައި އޮއްވާ ފަޒީލް އަލުން ރެކޯޑް އާކުރީ 2018 ގައި މޮރޮކޯގަ އެވެ.

އޭނާ ވަނީ މޮރޮކޯ ޓައިމިން އަށް ވުރެ އަވަހަށް މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ދުވެފަ އެވެ. އެކަމަކު އޭނާ 15:47 މިނެޓުން ދުވި ދުވުމުން ރެކޯޑަކަށް ނުބެލުނީ ޓެކްނިކަލް ސަބަބަކާ ހެދި އެތުލެޓިކްސް އެސޯސިއޭޝަނުން އެ ރެކޯޑް ވެރިފައިނުކުރާތީވެ އެވެ.

މޯޑް މިއަދު ރެކޯޑް އާކުރުމުގެ އިތުރުން މުޅި ރޭހުން އެއް ވަނަ ހޯދުމަކީ ބޮޑު ކާމިޔާބެކެވެ. މި ރޭހުގެ އަންހެން ބައިގެ އެއް ވަނަ ހޯދީ 20:34 މިނެޓުން ދުވެ ގައުމީ ރެކޯޑް ހެދި ރާއްޖޭގެ އައިޝަތު ޖިނާނީ އިބްރާހީމެވެ. މުޅި ރޭހުން އޭނާ ދިޔައީ ނުވަ ވަނަ އަށެވެ.

މޯޑް ވަނީ ޖެނުއަރީ މަހު އޮތް ސްޓެންޑަޑް ޗާޓަޑް ދުބާއީ މެރެތަންގައި، ފުލް މެރެތަން ރޭހސް 2 ގަޑި 36:10 މިނެޓުން ދުވެ އުމުރުފުރާގެ ދެ ވަނަ ހޯދައިފި އެވެ. އެ ކުރިއެރުންތަކާ އެކު ބެލެވެނީ އޭނާ ވަރަށް އަވަހަށް ރާއްޖޭގެ މެރެތަން ރެކޯޑް ގާއިމްކުރާނެ ކަމަށެވެ. އޭނާ ވަނީ އެ މެރެތަން ރޭހުގެ ތެރެއިން ހާފް މެރެތަން ރާސްތާ 1 ގަޑި 16:17 މިނެޓުން ދުވެ އެ ރޭހުން ވެސް ޕާސަނަލް ރެކޯޑް ހަދައިފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި ބޭއްވި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން ތިން ވަނަ މޯޑް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގެ ހާފް މެރެތަންގެ އިވެންޓުގެ އުމުރުފުރާ ބައިން ތިން ވަނަ ހޯދައިފަ އެވެ.