ބެޑްމިންޓަނުގެ ރައީސަކަށް އަނެއްކާ ވެސް މޫސަ

ސަތޭކަ ޕަސެންޓް ވޯޓާ އެކު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމް ފުރުއްވާ ކުރީގެ ކުޅުންތެރިޔާ މޫސާ ނާޝިދު ރޭ އިންތިހާބުވެވަޑައިގެންފި އެވެ.


އިތުރު ކެންޑިޑޭޓޭއް ނެތުމުން ރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި އިންތިހާބުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެސޯސިއޭޝަންގައި 221 ވޯޓު ހިމެނޭއިރު، ރޭ ވޯޓުގައި ބައިވެރިވީ 194 އެވެ. މޫސަ އަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށް 194 ވޯޓު ލިބުނެވެ. އެސޯސިއޭޝަންގެ ހުރިހާ މަގާމަކަށް ވެސް ރޭ ވޯޓު ނެގިއިރު ފުރިހަމަ އަގުބަލިބިއްޔަތެއް ލިބުނީ މޫސަ އަށް އެކަންޏެވެ.

އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު ޝާކިރު މޫސާ އެވެ. އޭނާ އަށް 192 ވޯޓު ލިބުނެވެ. ހަޒާންދާރު މުހައްމަދު ރިޝާން (ކެންޓޭ) އަށް ވެސް 192 ވޯޓު ލިބުނެވެ. އެކްސްކޯ ފުރިހަމަ މެމްބަރުކަމަށް ކުރިމަތިލި ހުސެއިން އާތިފާއި އެކްސްކޯގެ އަންހެން މެމްބަރު ކަމަށް ކުރިމަތިލި މުރުޝިދާ އަބްދުލް މަންނާނަށް ލިބުނީ 193 ވޯޓެވެ. އަދި އެސޯސިއޭޓް އެކްސްކޯ މެމްބަރު އަހުމަދު ސިރާޖާއި ފަރުދީ އެކްސްކޯ މެމްބަރުކަމަށް އިންތިހާބުވި ސިޔާދު ހަބީބަށް ލިބުނީ 191 ވޯޓެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން މޫސަ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް ކަމުގެ ދެ ދައުރެއް ފުރުއްވި މޫސަ އަކީ ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ. އޭނާ އަންނަނީ ސަރަހައްދީ ފެންވަރުގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުންނެވެ.

މޫސަ ވަނީ އޭނާގެ ދައުރުގައި ގިނަ ގައުމުތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ފަށްޓަވައިފަ އެވެ. ފަހަކަށް އައިސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މުބާރާތްތަކަށް ދުރުރާސްތާ ޕްލޭންތަކެއް ހަދައިގެން މަސައްކަތްކުރި އެވެ. އެ ހުރިހާ މަސައްކަތަކާއި ހުވަފެނުގައި ކުލަޖެހުނީ މިދިޔަ އަހަރުގެ އައިއޯއައިޖީގައި އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ ރަން މެޑަލް ހޯދައި ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ފުރަތަމަ ރަން މެޑަލް ގެނައުމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މަސައްކަތްތަށް މުޅި ރާއްޖެ އަށް ފުޅާކޮށްގެން ގެންދިއުމުގެ ވިސްނުމަކީ ވެސް މޫސަ ދެން އޮތް ދައުރުގައި އެންމެ އިސްކަންދޭނެ އެއް މަސައްކަތެވެ. އެ ގޮތުން މޫސަ ވަނީ މިދިޔަ އަހަރު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބޭއްވިގެންދިއުމަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އެކި ފެންވަރުގެ މުބާރާތްތަށް ގެންދިއުމުގެ ފެށުމެއް ކަމަށް ވިދާޅުވެފަ އެވެ.