މާޒިޔާ އާއި ބެންގަލޫރު ފައިނަލަކަށް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ހޯދަން މޮޅުވުން މަޖުބޫރު މެޗަކަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރުން ނުކުންނާނީ ފައިނަލެއްގެ ވިސްނުމެއްގަ އެވެ. މާޒިޔާގެ އަމާޒަކީ ފުރަތަމަ ލެގެކޭ އެއްގޮތަށް މި މެޗުން ވެސް މޮޅުވެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމެވެ.


ބެންގަލޫރު އަތުން 2-1 އިން ހޯދި މޮޅާ އެކު މާޒިޔާ އަށް އޮތް ހިތްހަމަ ޖެހުމަކީ މިރޭ އިންޑިއާގައި ކުޅޭ ބެންގަލޫރުގެ ހޯމް މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަަރުކުރެވުމެވެ. މާޒިޔާ އިން ރަށުން ބޭރުގައި ލަނޑެއް ޖަހައިފިނަމަ ބެންގަލޫރަށް ފުރުސަތު ލިބޭނީ ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. އެ މެޗުގައި އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 އިން ބެންގަލޫރު މޮޅުވެއްޖެނަމަ އެވެ. އެ ނޫން ސްކޯ އަކުން އެއް ގޯލުގެ ތަފާތުން މާޒިޔާ ބަލިވި ނަމަވެސް އެ ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ކޮންމެ މެޗެކޭ އެއްގޮތަށް ވެސް އަމާޒަކީ މޮޅުވުން ކަމަށެވެ. އެކަމަކު މި މެޗުން މޮޅުނުވެވެސް ފަރުޖައްސާލެވެން އޮތުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ކަމަށް ސެކުލޮސްކީ ގަބޫލުކުރެ އެވެ.

"އަހަރެމެންގެ ޕްލޭނަކީ އަބަދުވެސް ކުޅެގެން މޮޅުވުން. އެއަށް މާދަމާ (މިއަދު) ވެސް މަސައްކަތްކުރާނީ. އެކަމަކު އެބަ އެނގޭ އެއްވަރު ކޮށްލައިގެން ވެސް އެއީ ރަނގަޅު ނަތީޖާއެއްކަން. އެކަމަކު އަހަރެން ގަބޫލުކުރާގޮތުގައި ފުޓްބޯޅައިގައި އެއްވަރުކުރާކަށް ނުކުޅެވޭނެ. އެހެންވީމަ އަމާޒުހިފާނީ މޮޅަކަށް. އެއްވަރުކޮށްލެވުނަސް އެއީ އަހަރެމެންނަށް ރަނގަޅުވާނެ ނަތީޖާއެއް،" ސެކުލޮސްކީ ބުންޏެވެ.

މާލޭގައި ކުޅުނު މެޗުން މޮޅުވެވުނު ކަމުގައި ވިޔަސް އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ސެކުލޮސްކީ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ބެންގަލޫރާ ދެކޮޅަށް ރާއްޖޭގެ ޓީމުތަކުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެވުނީ ދެ ފަހަރެވެ. އެއީ 2018 ވަަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުން އަދި މިދިޔަ ހަފުތާގައި މާޒިޔާ އެވެ. ދެން ކުޅުނު ހަތް މެޗުން މޮޅުވީ ބެންގަލޫރެވެ. އެއީ މާޒިޔާ އަތުން ހަތަރު ފަހަރު، ނިއު ރޭޑިއަންޓް އަތުން އެއް ފަހަރު އަދި ޓީސީ ސްޕޯޓްސް ކްލަބް އަތުން ދެ ފަހަރެވެ. ބެންގަލޫރު ދަނޑުގައި ރާއްޖޭގެ ކްލަބްތަކުން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފަ އެވެ.

ސެކުލޮސްކީގެ މާޒިޔާ އިން 2017 ވަނަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ފަހަަނައަޅައި ދާން ކުރި މަސައްކަތް ހުއްޓުވި ބެންގަލޫރުގެ އޭރުގެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކާލެސް ކުއަޑްރާޓް އަކީ މިހާރު އެ ޓީމުގެ ހެޑް ކޯޗެވެ. ކުއަޑްރާޓް ބުނީ އަމިއްލަ ދަނޑުގައި ތަފާތު ނެރެވެން އޮތީ ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށާއި މާޒީ އަށް ބެލިޔަސް ނަތީޖާ ނެރުނު މެޗުތަކުގައި އެކަން ހާސިލްވީ ސަޕޯޓަރުންގެ ސަބަބުން ކަމަށެވެ.

ކުއަޑްރާޓް ބުނީ މިއީ މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ އޭނާގެ ނަޒަރުގައި ފައިނަލެއް ކަމަށާއި އެ ފަދަ މެޗުތަކުގެ ތަޖުރިބާ ބޮޑު ކުޅުންތެރިން ބެންގަލޫރު ޓީމުގައި އެބަތިބި ކަމަށެވެ.

"މި ޓީމުގައި މޮޅުވުމުގެ ވިސްނުން ދަމަހައްޓަން އަހަންނަށް ވަރަށް ފަސޭހަ. އެއީ ވަރަށް ގިނަ ފައިނަލުގައި ކުޅެފައި ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައި ތިބި ކުޅުންތެރިން މި ޓީމުގައި ތިބީ. އަހަރެމެންނަށް އެނގޭ މި މެޗުގައި ކުރަން ޖެހެނީ ކޮންކަމެއް ކަން. އެއީ ކޮންމެ ގޮތެއް ވިޔަސް މޮޅުވެގެން ދެވެން އޮތީ. މީގައި ލަނޑު ޖަހަން ޖެހޭ. އެކަމަކު އަހަރެމެންނަށް ދިމާވާނެ އެންމެ ބޮޑު ހުރަހަކީ އެ މީހުން ގޯލެއް ޖަހައިފިނަމަ އެކަން،" ކުއަޑްރާޓް ބުންޏެވެ.

ބެންގަލޫރުން ވަނީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. އަދި އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާ އިން ރަނގަޅުވެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ މި މެޗަށް ފިޓްވުމެވެ. ޗެތުރީ ވަނީ މާޒިޔާ ކޮޅަށް އޭއެފްސީ ކަޕްގައި މިހާތަނަށް ހަތަރު ގޯލު ޖަހައިފަ އެވެ.

އަނިޔާގެ މައްސަލަ ބެންގަލޫރާއި މާޒިޔާ އަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ. ހުނަރުވެރި ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް ހުރީ އަނިޔާގަ އެވެ. އަނެއްކޮޅުން ބެންގަލޫރުގެ ޒުވާން ފޯވާޑް ސެމްބޯއި ހޯކިޕް އަށް އަނިޔާވެފައިވާއިރު، އެ ޓީމުގެ ހަރްމަންޖޯތު ކާބްރާ ހުރީ ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފަ އެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ލިބޭނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ އެވެ. އެ ގްރޫޕުގައި މި ވަގުތު އޮތީ 2018 ވަަނަ އަހަރުގެ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

ބެންގަލޫރުގެ ސްރީކަންޓީރްވާ ސްޓޭޑިއަމްގައި މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި ހަތެއް ޖަހާއިރު އެވެ.