ކިތުނާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ޖޮއިންޓް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅެން އޮތް ދެ މެޗުގެ ސްކޮޑަށް، ނިމިގެންދިޔަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ނަގައިފި އެވެ.


މިދިޔަ އަހަރު ގައުމީ ވޮލީ ސްކޮޑުގައި ވެސް ހިމެނުނު ކިތުނާ ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ދިޔަ ސުޕަ ސްޕޯޓްސް އަށް ހަތް ލަނޑު ޖަހައިދީ ލަނޑު ލިސްޓުގެ ކުރީގައި ވެސް ހިމެނިފަ އެވެ. ބ. ގޮއިދޫ އަށް އުފަން މިހާރު އުމުރުން 32 އަހަރުގެ ކިތުނާ ގައުމީ ސްކޮޑުގައި މި ހިމެނީ މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެފައިވާތީ އޭނާގެ ބަދަލުގަ އެވެ.

ބ. ސޮނޭވާފުށި ރިސޯޓުގައި މަސައްކަތްކުރަމުން އަންނަ ކިތުނާ ދެ ވަނަ ޑިވިޝަނުގައި ކުޅުނީ ޕްރެކްޓިހެއް ނުކޮށް ސީދާ މެޗަށް އަންނަ ގޮތަށް ކްލަބުން އެއްބަސްވުމުންނެވެ. ރިސޯޓް ވޮލީ މުބާރާތާއި މޫދު ކުޅިވަރުގައި ވެސް ބައިވެރިވާ ކިތުނާ ގައުމީ ސްކޮޑުގެ ޕްރެކްޓިހަށް ވީއްލައިދޭން އެފްއޭއެމުން މިހާރު ވަނީ އެ ރިސޯޓްގައި އެދިފަ އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިތުނާ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ބ. ފެހެންދޫ ޓީމަށް ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އަދި އޭނާ އަކީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށި ޓީމުގެ ވެސް ކުޅުންތެރިޔެކެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ކޫޕްމަން (މ) ކުޅުންތެރިންނަށް ބުނެދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ބޮޑު ސްކޮޑަކާ އެކު ޕްރެކްޓިސްތައް މިހާރު ކުރިއަށްދާއިރު، އެފްއޭ ކަޕާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗަށް ވަރަށް އަވަހަށް މެދުކަނޑާލާނެ އެވެ. އޭގެ ކުރިން ބާއްވާ ފަހު ޕްރެކްޓިސް އޮންނާނީ އާދިއްތަ ދުވަހު އެވެ. އެ ދުވަހުގެ ޕްރެކްޓިހުގައި ކިތުނާ ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ކޫޕްމަންގެ އިރުޝާދުގެ ދަށުން ފުރަތަމަ ނެގި ސްކޮޑަށް ފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން އަލުން ޓީމަށް ނެގި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އިސްމާއިލް އީސަ (މެސީ)، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަދު އުމެއިރު އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ޗައިނާގައި ވޫހާން އިން ފެނި މިހާރު އެ ގައުމުގައި ހަލުވިކަމާ އެކު ފެތުރި އެހެން ގައުމުތަކަށް ވެސް އޭގެ އަސަރުކުރަމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން ރާއްޖެއާ ދެކޮޅަށް އަންނަ މަހު 26 ވަނަ ދުވަހު ކުޅެން އޮތް ޗައިނާގެ ހޯމް މެޗު ވަނީ ތައިލެންޑަށް ބަދަލުކުރަން ނިންމައިފަ އެވެ. އެ މެޗުގެ ކުރިން ތައިލެންޑުގައި ރާއްޖޭގެ ގައުމީ ޓީމު ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާގޮތަށް ވަނީ ވާހަކަ ދެކެވިފަ އެވެ.