ފުޓްސަލަށް އެފްއޭއެމުން ދޭނެ ޖަވާބަކީ ފުޓްސަލް އެރީނާ

ފުޓްސަލް އަށް އެފްއޭއެމުން ދޭން ބޭނުންވާ އަހައްމިއްޔަތާ އެއްވަރަށް މަސައްކަތް ކުރަން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދެން އޮތް މަގަކީ އެފްއޭއެމުން މިހާރު މަސައްކަތް ފަށާފައިވާ ފުޓްސަލް އެރީނާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު އެފްއޭއެމުން މި ހަފުތާގައި ވަނީ ބޮޑު ތިން ޕްރޮޖެކްޓެއް ނިންމަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ މާފަންނުގައި އަޅާ ފުޓްސަލް އެރީނާ އެވެ. އެފްއޭއެމްގެ ވިސްނުން ހުރީ 17،000 ފޫޓުގެ މި ބިމުގައި ހަތަރު ބުރި އަށް މި އިމާރާތް ކުރާއިރު، އެއް ބުރީގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އެޅުމަށެވެ. އަދި އަނެއް ބުރީގައި ޓްރެއިނިން އާއި ކަންތައްތަކަށް ހާއްސަކުރާއިރު، ދެން އޮތް ދެ ބުރީގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކުރާނެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ފުޓްސަލަށް ވަކި އެސޯސިއޭޝަނެއް އޮންނަން ޖެހެ އެވެ. އެކަމަކު އެހާ ބޮޑަށް އެފްއޭއެމް އިސްވެ އޮވެ ފުޓްސަލްގެ ހަރަކާތްތައް ހިންގާތަން ނުފެނެ އެވެ. އޭގެ ބަދަލުގައި ފުޓްސަލްގެ ފޯރި އިންތިހާ އަށް ގަދަވެފައިވަނީ އެކި އެކި ފަރާތްތަކުން އިންތިޒާމުކުރާ މުބާރާތްތަކުގެ ސަބަބުންނެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމުން ބޭނުންވާ ވަރަށް ފުޓްސަލްގެ ކަންތައްތައް ކުރިއަށްގެންދަން އޮތް ހުރަހަކީ އިންޑޯ ހޯލެއް ނެތުން ކަމަށާއި އެކަމަކު ފުޓްސަލް އެރީނާ ހެދުމާ އެކު އެކަން ބަދަލުވެގެންދާނެ ކަމަށެވެ.

"ފީފާ އާއި އޭއެފްސީ ވެސް ވަރަށް ބޮޑަށް ބާރު އަޅުށްވާ ފުޓްސަލް ކުރިއަށް ގެންދަން މިހާރަށް ވުރެން ވަރުގަދަކޮށް. ފެންނާނެ ކަންނޭނގެ އަޅުގަނޑުމެން މި ޖެހެނީ އޯޕަން އެއާ ތަނެއްގައި ކުޅެން. އެއަށް ހަގީގަތުގައި ފުޓްސަލެކޭ ނުކިޔޭނެ. ފުޓްސަލް އަކީ އިންޑޯ އެއްޗަކަށް ކިޔާނަމެއް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޓްސަލް އެރީނާގެ މަސައްކަތް ނިމުމާ އެކީ ފުޓްސަލްގެ ގިނަ ހަރަކާތްތަކެއް ހިންގި ވަކިން ފުޓްސަލް ލީގެއް ފެށޭނެ ކަމަށެވެ. އަދި އެފްއޭއެމުން ފުޓްސަލްގެ ކަންތައްތައް ރަނގަޅަށް ޖައްސައިފިނަމަ ވަރަށް ގިނަ އެހެން މައްސަލަތަކަށް ވެސް ހައްލު ލިބޭނެކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"އެފްއޭއެމުން ފުޓްސަލް ވަރުގަދަ އަށް ޖައްސައިފިކަމަށްވާނަަމަ މިހާރު މި ދިމާވާ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލް އަށް ދިއުމުގެ ކަންތައްތަކާ އަށް ނިމުމެއް އަންނާނެ. އަޅުގަނޑުމެން އެ ހިސާބުން ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށްގެން ކުރިއަށް ގެންދާނީ. ފުޓްބޯޅަ ކުޅުންތެރިންނަށް ފުޓްސަލް އެއް ނުކުޅެވޭނެ. ފުޓްސަލް ކުޅުންތެރިންނަށް ފުޓްބޯޅަ ނުކުޅެވޭނެ. އެއީ ހަގީގަތުގައި ދެ ސްޕޯޓްސް އަކަށް މި ވަނީ. އެ ބަދަލުތައް އަންނާނެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ދާދި ފަހުން ވަނީ އޭއެފްސީ އާއި ފީފާގެ އެހީގައި ގިނަ ކޯޗުން ތަމްރީން ކުރުމުގެ ކޯސްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ފީފާ އާއި އޭއެފްސީގެ އެހީގައި ފުޓްސަލްގެ ކޯސްތައް ގެނައުމުގައި ދަތިތަކެއް ހުރިކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ ކޯޗިން ނުވަތަ ރެފްރީސް ކޯސް ފުޓްސަލް އަށް މި އޮތީ މަޑުޖެހިފައި އިންޑޯ ހޯލެއް ނެތީމަ. މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށް މި ބަލަނީ،" ބައްސާމް ވިދާޅުވި އެވެ.